ގައުމީ ސަލާމަތާ ގުޅުންހުރި ކަމެއްގައި, ސިފައިންނާއި ފުލުހުން ގުޅިގެން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ކުއްލި އޮޕަރޭޝަނުގައި މާލޭގެ ބައެއް ގެތަކާއި ތަންތަން ބަލައި ފާސްކޮށް, ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ އެކްސްގައި ހިއްސާކުރި ބަޔާނެއްގައިވަނީ، އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ސިފައިންނާ ގުޅިގެން ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަނެއް ހިންގާކަން އިއުލާން ކޮށްފައެވެ. އެކަމާ ގުޅުން ހުރި ބައެއް މައުލޫމާތު ކަށަވަރު ކުރުމަށް ކަމަށް ބުނެ އެ ބަޔާން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނެގި ނަމަވެސް، އޮޕަރޭޝަން ކުރިއަށްގެންދާ ކަމަށް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަންގެ ތެރެއިން ސިފައިންނާއި ފުލުހުން، އެޑްރެހުގެ ގޮތުގައި 'ހ. ނާގޫރުގެ' އަދި 'ނޫރުލްއައިން' ނަން ބޯޑު ޖަހައިފައިވާ ގެއަކަށް ވަދެ ބަލައި ފާސްކުރާ މަންޒަރު "ސަން"ގެ ނޫސްވެރިންނަށް ފެނުނެވެ. އެ ގެ ތެރެއިން ބައެއް މީހުންނާ ވެސް ސުވާލު ކުރާ މަންޒަރު ވެސް ފެނުނެވެ.
ފަހުން އެ ގެއިން ދިވެހި ފިރިހެނަކު ހައްޔަރުކޮށްގެން ދާ މަންޒަރު ވެސް ވަނީ ފެނިފައެވެ.
މި އޮޕަރޭޝަންގެ ތެރެއިން އެމްއެމްއޭ ކައިރިން ދުއްވާފައި ދިޔަ ލޮރީއެއް ހުއްޓުވައި އެ އުޅަނދު ދުއްވަންއިން ޑްރައިވަރާ ސުވާލު ކުރި މަންޒަރު ވެސް "ސަން" ގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.
ފުލުހުން އިތުރަށް ބުނީ މި އޮޕަރޭޝަންގައި ތިން މީހަކު މިހާތަނަށް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންނާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރަމުން އަންނަ ކަމަށް ބުންޏެވެ.
އިތުރު ތަފްސީލެއް ނުދެއެވެ.
އެ އޮޕަރޭޝަންގެ ތެރެއިން މާލޭގެ އެކި ސަރަހައްދުތަކުގައި މޫނު ނިވާކޮށްގެން ތިބި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާ މަންޒަރު ވަނީ ފެނިފައެވެ.
މީގެ އިތުރުން ހެންވޭރު ރާޅުގަނޑާ ދިމާލުން ވެސް ސިފައިންގެ ވޭނެއް ފެނިފައިވާއިރު، ހުޅުމާލޭގައި ވެސް އޮޕަރޭޝަން ކުރިއަށްގެންދާ މަންޒަރު ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯއާއި ވީޑިއޯއިން ފެނެއެވެ.