މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި މިއަދު ވެސް މާލޭގައި ފެންބޮޑުވެ ތިން ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.
އެމްއެންޑީއެފްއިން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ މާލެއަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން، ފެން ހިންދުމުގައި ސިފައިން ހަރަކާތްތެރިވަމުން ދާކަމަށެވެ.
އެގޮތުން މިވަގުތު ފެން ހިންދުމަށްޓަކައި މާލޭގެ ތިން ސަރަހައްދެއްގައި ހަ ޕަންޕު ބަހައްޓައިގެން މަސައްކަތްކުރަމުން ދާކަމަށް ވަނީ ބުނެފައެވެ.

ފެންބޮޑުވުމުގެ ސަބަބުން ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި ވެސް ސިފައިން އަންނަނީ ހަރަކާތްތެރިވަމުން --- ފޮޓޯ/ އެމްއެންޑީއެފް
މާލޭގައި ޕަންޕު ބަހައްޓައިގެން ފެން ހިންދަމުންދާ ސަރަހައްދުތަކުގެ ތެރޭގައި:
- ވެސްޓްޕާކް ސަރަހައްދު
- އައިޖީއެމްއެޗް ސަރަހައްދު
- މާފަންނު ފެރީ ޓާމިނަލް ސަރަހައްދު
އަދި މީގެ އިތުރުން ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި ވެސް ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
ކުރިޔަށްއޮތް ދެދުވަހު މާލެއަށް ވިއްސާރަ ކުރާނެކަން އެނގުނު ހިސާބުން ފެށިގެން ވިއްސާރައިގެ ސަބަބުން ރައްޔިތުންނާއި މުދަލަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރި ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފަށާފައި ވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
އެގޮތުން މިއަދު މެންދުރުން ފެށިގެން އާންމުކޮށް ފެންބޮޑުވާ ހިސާބުތަކުގައި ޕަމްޕުތައް ބަހައްޓާ، ފެންހިންދުމުގެ މަސައްކަތަށް ސިފައިން ރެޑީވެފައި ވާކަމަށް ވެސް ވަނީ މައުލޫމާތު ދީފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރ، މެޓް އޮފީހުން ވަނީ މެދުރާއްޖެތެރެއާއި އުތުރަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މާދަން ހެނދުނާ ހަމައަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
މިމަހުގެ އެއްވަނަ ދުވަހު ވެސް މާލެއަށާއި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ ބޯކޮށް ވާރޭ ވެހިފައެވެ. މާލެއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން ޖެހިގެން އައި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސް އޮފީހުން ނިންމިއެވެ.