ވޭތުވެމިދިޔަ ހަތަރު އަހަރުގެ ތެރޭގައި, އެމްއެންޑީއެފް ކޯސްޓް ގާޑުގައި މަސައްކަތް ކުރި ހަތަރު މުވައްޒަފުން ކެންސަރު ބަލީގައި ނިޔާވެފައިވާކަން އެނގިއްޖެއެވެ.
އެގޮތުން ރޭ ވަނީ, 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި އެމްއެންޑީއެފް ކޯސްޓްގާޑްގެ ސްޓާފް ސާޖަންޓް ޢަލީ ނަޝީދު, 48, ސިނކުޑީގައި ޓިއުމަރެއް އުފެދި، ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް އައިޖީއެމް ހޮސްޕިޓަލްގައި ނިޔާވެފައެވެ.
ޢަލީ ނިޔާވިއިރު، ކެންސަރު ބައްޔަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަމުން ގެންދާތާ ތިން އަހަރު ވެއްޖެއެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި ޢަލީއަކީ ކޯސްޓްގާޑުގެ މާލިމީންނާއި ނެވީންގެ އިރުޝާދާއެކު އެ ޚިދުމަތުގައި ކުރިއަށް ދިޔަ ޒުވާނެކެވެ. އޭނާ ނިޔާވިއިރު، އަނބިކަނބަލަކާއި ތިން ދަރިން ދުނިޔޭގައި އެބަތިއްބެވެ.
''ސަން'' އަށް އެނގިފައިވާ ގޮތުގައި މިއީ 2021 ވަނަ އަހަރުން ފެށިގެން ކެންސަރު ބަލީގައި ނިޔާވި ކޯސްޓް ގާޑުގައި މަސައްކަތް ކުރި ހަތަރުވަނަ މުވައްޒަފެވެ.
އޭގެ ކުރިން ކޯސްޓް ގާޑުގައި މަސައްކަތް ކުރި, އަޙްމަދު ސުޖާއު, 39, ވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ނިޔާވެފައެވެ. އޭނާ ވެސް ނިޔާވީ ކެންސަރު ބަލީގައެވެ.
އަދި އުމުރުން 38 އަހަރުގެ ޢަލީ މުރުތަޟާ, ކިޔާ ކޯސްޓް ގާޑުގެ ސިފައިންގެ ބޭފުޅަކު ވަނީ ކެންސަރު ބަލީގައި 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ދެ ވަނަ ދުވަހު ނިޔާވެފައެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ވަނީ, މުޙައްމަދު ޖުނައިދު ކިޔާ ސިފައިންގެ ބޭފުޅަކު ވެސް ނިޔާވެފައެވެ. ކޯސްޓް ގާޑުގައި މަސައްކަތް ކުރި އެ މުވައްޒަފު ވެސް ނިޔާވީ ކެންސަރު ބަލީގައެވެ.
އެއަށްފަހު ދެން އެންމެ ފަހުން އެ ބަލީގައި ނިޔާވި ކޯސްޓް ގާޑުގެ މުވައްޒަފަކީ ރޭ ނިޔާވި ޢަލީ ނަޝީދެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އެ ހަތަރު ބޭފުޅުން ވެސް ނިޔާވެފައިވަނީ އެކި ވައްތަރުގެ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ރަސްމީ ބަހެއް ހޯދާލުމަށް, މީޑިއާ އޮފިޝަލަށް މެސެޖެއް ކޮށްލުމުން, މެސެޖު ވިދާޅުވުމަށް ފަހު އެއްވެސް ޖަވާބެއް އަދި ނުދެއްވާތީ އެ މުއައްސަސާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
އެހެން ގައުމުތަކެކޭ އެއްގޮތަށް ކެންސަރަކީ ރާއްޖޭގައި ވެސް ވަރަށް އާއްމު ބައްޔެކެވެ. އަދި މިއީ ކުރިއާލާ ދެނެގަނެވިއްޖެނަމަ ފަރުވާކޮށް, ރަނގަޅު ވެސް ކުރެވޭ ބައްޔެކެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖޭގެ 2020 ވަނަ އަހަރު ތަފާސްހިސާބުތަކުގެ މައްޗަށް އަންދާޒާކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެއެވެ.
މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން 2019 ވަނަ އަހަރުން ފެށިގެން މައުލޫމާތު އަދާހަމަކޮށް ޑިޖިޓަލްކޮށް ބަލަހައްޓަމުންދާ ކެންސަރު ބަލިމީހުންގެ މައުލޫމާތުގައި ރާއްޖޭގައި ކެންސަރުގެ ބާވަތްތަކުގައި ތެރޭގައި އުރަމަތީގެ ނުވަތަ ބްރެސްޓް ކެންސަރާއި ފުއްޕާމޭގެ ކެންސަރު، ލޭގެ ކެންސަރު، ތައިރޮއިޑް، ލިވާ އަދި ޕްރޮސްޓޭޓް ކެންސަރު އިތުރުކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.
ކެންސަރު ބައްޔަކީ ދުނިޔޭގެ ދެވަނައަށް މީހުން މަރުވާ އެއް ސަބަބެވެ. ދުނިޔޭގައި އަހަރަކު 10 މިލިއަން މީހުން މި ބަލީގައި މަރުވާއިރު މީގެ ތެރެއިން 40 އިންސައްތަ މީހުންނަކީ ދިރިއުޅުމުގެ ވައްޓަފާޅީގައި ގެންގުޅޭ ނުރަނގަޅު އެކި އާދަތަކުގެ ސަބަބުން ބަލިޖެހޭ މީހުން ކަމަށް އެ އެޖެންސީން ވަނީ ބުނެފައެވެ.