މިނިވަންކަމަށް މިވީ 58 އަހަރު ތެރޭގައި ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު ބަލަހައްޓަމުން އައި ބޭރުގެ އަސްކަރީ އެހީތެރިކަން ހޯދައިގެންނެވެ. ވަށައިގެން ބޮޑު ކަނޑު އޮންނަ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު 24 ގަޑިއިރު މޮނިޓާކޮށް، ބެލެހެއްޓުމުގެ ގާބިލިއްޔަތުކަން ސިފައިންގެ ނެތެވެ.
އެއަށް ނިމުމެއް އަންނަނީ މިރެއެވެ.
އަސްކަރީ ޑްރޯންގެ އެހީގައި ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު ނުވަތަ އީއީޒެޑް ބަލަހައްޓަން ފެށުމުގެ ރަސްމިއްޔާތު އޮތީ މިރޭ ނ. މާފަރުގައެވެ. އެ ރަށު އެއާޕޯޓުގައި އަސްކަރީ ޑްރޯންގެ އޮޕަރޭޝަންތަކަށް ޙާއްސަ ބޭސްއެއް ގާއިމުކުރަން ސިފައިން ވަނީ ނިންމައިފައެވެ.
ސިފައިންގެ ބޭނުންތަކަށް އަސްކަރީ ޑްރޯން ގަންނަން ތުރުކީގެ ސަރުކާރާ އެކު ހެދި އެއްބަސްވުމުގެ ދަށުން "ބައިރަކްތާރު ޓީބީ2"ގެ ދެ ޑްރޯން މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.
"ބައިރަކްތާރު ޓީބީ2" އަކީ ކޮބާ؟
މިއީ ތުރުކީން އެންމެ ފުރަތަމަ 2014 ވަނަ އަހަރު އުދުއްސި ޑްރޯނެކެވެ.
ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުންނަ ގާތްގަނޑަކަށް 700 ކިލޯގެ މި އުޅަނދުގައި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުރެއެވެ. އަދި، 150 ކިލޯގެ ޕޭލޯޑް ކެޕޭސިޓީއެއް ލިބިގެންވެއެވެ.
އެންމެ ޒަމާނީ އާލާތްތަކާ އެކު އުދުއްސޭ މި ޑްރޯން 70 އާއި 120 ނޮޓުގެ ސްޕީޑުގައި 27 ގަޑިއިރަށް ވުރެ ގިނައިރު ދުއްވޭނެއެވެ. އަދި، 25،000 ފޫޓަށްވުރެ މަތިން ދުއްވުމުގެ ގާބިލުކަން ވެސް މި ޑްރޯންގައި ހުރެއެވެ.
ސާޖިކަލް ޕްރިޒިޝަން ސްޓްރައިކްތައް ހެދުމުގެ ގާބިލުކަން ލިބިފައިވާ މި ޑްރޯން އޮޕަރޭޓްކުރާނީ އެމްއެންޑީއެފްގެ ހާއްސަ ޓީމަކުންނެވެ.
މި ޑްރޯނުން އިންޓެލިޖެންސް ސަވޭލަންސް އޮޕަރޭޝަންސްތައް ހިންގުމުގެ އިތުރުން، އެޓޭކް މިޝަންސް ކުރިއަށް ގެންދިއުމުގެ ގާބިލުކަން ވެސް ލިބެއެވެ. މިގޮތުން، 2014 ވަނަ އަހަރުން ފެށިގެން ތުރުކީގެ އަސްކަރީ އޮޕަރޭޝަންތަކުގައި މި ޑްރޯން އަންނަނީ ކާމިޔާބުކަމާ އެކު ބޭނުންކުރަމުންނެވެ.
ކިހާ މުހިއްމު ކަމެއް؟
ރާއްޖޭގެ އަސްކަރީ ކަންކަމުގައި އަދި ޒަރޫރީ ކަންކަމުގައި ބޭރުގެ ގައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ސިޔާސަތުގެ ތެރެއިން ރާއްޖޭގެ އީއީޒެޑް އަމިއްލައަށް ބެލެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އެ މަނިކުފާނުގެ ސިޔާސަތަކީ ރާއްޖޭގެ އީއީޒެޑް ބެލެހެއްޓުމުގައި ބޭރުގެ އަސްކަރިއްޔާތަކާއި އެ ނޫން ވެސް މީހުންގެ ބައިވެރިވުން ހުއްޓުވައިލުމެވެ.
ކުރީގައި ކަންކަން ބައްޓަންވެފައި އޮންނަ ގޮތުން ރާއްޖޭގެ އީއީޒެޑް ބަލަހައްޓަމުން އައި އެކުވެރި ގައުމުތަކުގެ އަސްކަރިއްޔާއާ ގުޅިގެންނެވެ. ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ރާޑަރު ސިސްޓަމް ވެސް ހަރުކޮށްފައި ހުރި ނަމަވެސް އެ ސިސްޓަމްތަކުގެ ކޮންޓްރޯލް ދިވެހީންނަށް ނޯވެއެވެ.
ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ސަަރަހައްދަށް ބޭރުގެ އުޅަނދެއް ވަނަސް، ޑުރަގު އެތެރެކުރިޔަސް އެނގެނީ ބަޔަކު ނުވަތަ މީހަކު ބުނިއްޔާއެވެ. އެކަމަކު، ޑްރޯންގެ އެހީގައި އީއީޒެޑް ދިވެހީން އަމިއްލައަށް ބަލަހައްޓަން ފެށުމާ އެކު ސިޔާދަތު އިތުރަށް ފުރިހަމަވެގެންދާނެއެވެ.
ރައީސް މީގެ ކުރިން ވިދާޅުވި ގޮތުގައި ރާއްޖޭގެ 99 ޕަސެންޓުގެ ބޮޑުބައިގެ ސަލާމަތް މިއަދާ ހަމައަށް އައިރު ވެސް ނުބެލެހެއްޓެއެވެ. ހަމައެކަނި ބެލެހެއްޓެނީ އަތޮޅުތަކުގެ އެތެރެވަރީގެ ކުޑަ މިންވަރެއްކަމަށް އެ މަނިކުފާނު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
"އެއީ އަޅުގަނޑުމެންގެ ކެޕޭސިޓީ ޒަމާނުއްސުރެ އޮތްވަރު. އެހެންވީމާ މި ބޮޑު ސަރަހައްދުން އެހެން ބަޔަކު ވަދެ ބޭނުމެއް ކުރިއަސް ހަގީގަތުގައި އަޅުގަނޑުމެން ކުރާނެ ބޭނުމެއް ނެތް. އަދި އޭގެން ކޮންމެ ފަދަ ނުރައްކަލެއް އަޔަސް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޯވޭ. އެހެން ބައެއްގެ އެހީތެރިކަން ހޯދައިގެން ނޫނިއްޔާ އަޅުގަނޑުމެންނަށް ވާނެ ކަމެއް ނެތް،" ރައީސް އޭރު ވިދާޅުވިއެވެ.
މިއީ ހަގީގީ މިނިވަންކަމާއި، އަމިއްލަ ފައިމައްޗަށް ތެދުވެތިބިކަމުގެ ފުރިހަމަ އިހުސާސް ނުކުރެވޭ ސަބަބު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެކަމަކު، މިރޭ އަސްކަރީ ޑްރޯންތަކުގެ މަސައްކަތް ފެށުމާ އެކު އެ ކަންކަން ބަދަލުވާނެއެވެ. ދިވެހީންގެ ސަރަހައްދު ދިވެހީން ބަލަހައްޓަން ފަށާނެއެވެ.