ރައީސް މުއިއްޒު މުޅިން އެކަނިވެއްޖެ، އެންމެން ހިނގައްޖެ: ނަޝީދު

ޑިމޮކްރެޓްސްގެ ބާނީ ރައީސް ނަޝީދާއި ރައީސް ޑރ. މުޙައްމަދު މުއިއްޒު: ނަޝީދު ވިދާޅުވީ ރައީސް މުއިއްޒު މުޅިން އެކަނިވެއްޖެ ކަމަށް -- ފޮޓޯ/ މަޖިލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީއިރު ކައިރީގައި ތިބި އެންމެން މިހާރު އެ މަނިކުފާނު ދޫކޮށްލައްވާފައި ވަޑައިގެންފި ކަމަށާއި މިހާރު ރައީސް ހުންނެވީ މުޅިން އެކަނިވެރިވެފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.

ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެންކަން ޑިސެމްބަރު 12، 2023 ގައި އިއުލާނުކުރެއްވުމަށް ފަހު، ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ގާނާގައި ދިރިއުޅުއްވާ ނަޝީދު ރޭ ވަނީ އިންޑިއާގެ ރިޕަބްލިކް ސަމިޓުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވައިފައެވެ.

އެ ފޯރަމްގައި ހާއްސަކޮށް އިންޑިއާ - ރާއްޖެ ގުޅުމާގުޅޭ ކަންކަމާ ނަޝީދަށް ސުވާލުތައް އަމާޒުވިއެވެ.

އެގޮތުން، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އިންޑިއާއާ ދެކޮޅު ހިޔާލާތެއްގެ ތެރެއިންތޯއާއި އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އޭރު އިދިކޮޅުގައި ތިބެގެން ފެށި 'އިންޑިއާ އައުޓް' ހަރަކާތްތޯ ސުވާލުކުރުމުން ނަޝީދު ވިދާޅުވީ 'އިންޑިއާ އައުޓް'އަކީ ދިވެހީން އެދޭ ގޮތެއް ނޫން ކަމަށެވެ.

ނަޝީދު ވިދާޅުވީ، ރާއްޖޭގައި އޭރު އޮތް އެމްޑީޕީގެ ވެރިކަން ފުރޮޅި، ރައީސް މުއިއްޒު ވެރިކަމަށް އައި މައިގަނޑު ދެ ސަބަބަކާ ހެދި ކަމަށެވެ. އެއް ކަމަކީ، އެމްޑީޕީގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހުގައި ޕާޓީ ދެފަޅިވެ، އެ މަނިކުފާނަށް ވަފާތެރި މެންބަރުން ވެސް ރައީސް މުއިއްޒަށް ތާއީދުކުރެއްވުން ކަމަށެވެ. އަނެއް ސަބަބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މި ސަރުކާރު ގެންނަން ކުރެއްވި މަސައްކަތް ކަމަށް ނަޝީދު ގަބޫލުފުޅުކުރައްވައެވެ.

އެކަމަކު، އިންތިޚާބަށް ފަހު ހާލަތު މުޅިން ބަދަލުވެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ، މިހާރު ރައީސް މުއިއްޒު ހުންނެވީ މުޅިން އެކަނިވެފައި ކަމަށެވެ.

"އެ އެންމެން އެ މަނިކުފާނު [ރައީސް މުއިއްޒު] ދޫކޮށްލައްވައިފި. އެ މަނިކުފާނުގެ ޕާޓީ ދެ ފަޅިވެއްޖެ. ރައީސް ޔާމީން ފެޔަށް ޖެހިވަޑައިގެންފި. އެއްވެސް މީހަކު އެ މަނިކުފާނާ އެކު ނެތް. އެ މަނިކުފާނު ފެންނަނީ ވަރަށް ވަރަށް އެކަނިވެރިކޮށް،" ނަޝީދު ވިދާޅުވިއެވެ.

"ކުރިއަށް އޮތީ މަޖިލީސް އިންތިޚާބު. މި އިންތިޚާބުން ސިޔާސީ މަޝްރަހު އޮތްގޮތް ސާފުވާނެ،"

ރައީސް މުހައްމަދު ނަޝީދު އަދި ރައީސް ޑރ. މުއިއްޒު: ނަޝީދު ވިދާޅުވީ، މި ސަރުކާރު ކަމުނުދާ ކަމަށް --- ފޮޓޯ: މަޖިލިސް

މީގެ އިތުރުން، އެ މަނިކުފާނު ވަނީ ޗައިނާއަށް ވުރެ އިންޑިއާ ތަރައްގީގެ ބައިވެރިއަކަށް ހަދަން މާ ރަނގަޅުވާނެ ކަމަށް ވިދާޅުވެ، ނުސީދާ ގޮތްގޮތުން ޗައިނާއަށް ފާޑުވިދާޅުވެފައެވެ. އަދި، އިންޑިއާއާއި އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާ ވާހަކަފުޅުދައްކަވައިފައެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކެޓްރީ ޖެނެރަލްކަން ކުރައްވަން ނަޝީދު ގާނާއަށް ބަދަލުވެވަޑައިގެން ފަހުން ވެސް ދިވެހި ސިޔާސީ ކަންކަމަށް ދޭތެރެއަކުން އެއްޗެއް ވިދާޅުވެއެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ނަޝީދުގެ ދަ ޑިމޮކްރެޓްސްއިން ވަކި ޕާޓީއަކަށް ތާއީދުނުކުރި ނަމަވެސް ބުނަމުންދިޔައީ އޭރު އޮތް އެމްޑީޕީގެ ސަރުކާރު ބަދަލުކުރަންޖެހޭ ކަމަށެވެ. އެކަމަކު، މި ވެރިކަން އުފެދުމާ އެކު އެ ޕާޓީން އަންނަނީ މި ސަރުކާރާ ދެކޮޅަށް އެމްޑީޕީއާ ގުޅިގެން މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް