ސުޕަމެޖޯރިޓީއަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން އޮތް ހުރަހެއް ނޫން، ފަސޭހައެއް: އަބްދުއްރަޙީމް

އަބްދުއްރަޙީމް އަބްދުﷲ: އޭނާ ވިދާޅުވީ، ސަރުކާރަށް މެޖޯރިޓީ ލިބުނީމާ ޖަވާބުދާރީ ކުރުވަން ވާނީ ފަސޭހަ ކަމަށް -- ސަން ފޮޓޯ/ މުހައްމަދު ހަމްޒާ

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ސަރުކާރަށް ލިބުމަކީ މަޖިލީހުން އަދާކުރަންޖެހޭ ފާރަވެރިވުމުގެ ދައުރު އަދާކުރަން އޮތް ހުރަހެއް ނޫން ކަމަށާއި އެ ކަން ކުރަން ޕީއެންސީއަށް މާ ފަސޭހަވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަޙީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖުމުލަ 93 ގޮނޑީގެ ތެރެއިން 77 ގޮނޑިއާ އެކު ސަރުކާރު ހިންގާ ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ޔަގީންކޮށްފައެވެ.

ސުޕަމެޖޯރިޓީ ސަރުކާރަށް ލިބުމަކީ ޖަވާބުދާރީ ކުރުވަން އޮތް ހުރަހެއް ކަމަށް ބުނެ ބައެއް ބޭބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 'ސަން'އަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައި އެ ކަމާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަބްދުއްރަޙީމް ވިދާޅުވީ، ޕީއެންސީއަށް ސުޕަމެޖޯރިޓީ ލިބުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން އެޅޭނެ ހުރަހެއް ނޫން ކަމަށާއި އެއީ ލިބޭ ފަސޭހައެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަބްދުއްރަޙީމް އަބްދުﷲ: އޭނާ ވިދާޅުވީ، މެޖޯރިޓީ ދެމެހެއްޓޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް -- ސަން ފޮޓޯ/ މުހައްމަދު ހަމްޒާ

"އަޅުގަނޑު އެއްގޮތަކަށް ވެސް ނުދެކެން ސަރުކާރުގެ މެޖޯރިޓީ [މަޖިލީހުގައި] އޮތުން އެއީ ސަރުކާރު ޖަވާބުދާރީކުރުވަން އޮތް ހުރަހެއް ކަމަކަށް. އަޅުގަނޑަށް ގަބޫލުކުރެވެނީ ޖަވާބުދާރީ ކުރުވައި ކަންކަން ހަމަމަގަށް އަޅުވަން އޮތް ފަސޭހައެއް ކަމަށް އެއީ،" ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޙާއްސަ އެޑްވައިޒަރުކަން ވެސް ކުރައްވާ އަބްދުއްރަޙީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރު ތެރޭގައި ހުންނަ ކަންކަން މަޝްވަރާގެ އުސޫލުގެ މަތިން ހައްލު ކުރަން ޕީއެންސީއަށް މާ ފަސޭހަވާނެ ކަމަށެވެ.

"އިދިކޮޅު ފަރާތްތަކުން ހައްލުކުރަން ކުރަންޖެހޭ މަސައްކަތަކާއި އަޅުގަނޑުމެން އެތެރޭގައި ތިބެގެން ކުރަންޖެހޭ މަސައްކަތާ މިއީ ވަރަށް ތަފާތު ދެ މަސައްކަތެއް،" އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ރައްޔިތުން ވަރަށް ވިސްނާފައޭ ސަރުކާރަށް މިހާ ވަރުގެ މެޖޮރިޓީއެއް މި ދިނީ،"

ރައީސްގެ އެޑްވައިޒަރު އަބްދުއްރަޙީމް: އޭނާ ވިދާޅުވީ، ސުޕަމެޖޯރިޓީއަކީ ޖަވާބުދާރީ ކުރުވަން އޮތް ހުރަހެއް ނޫން ކަމަށް -- ސަން ފޮޓޯ

އޭނާ ގަބޫލުކުރައްވާ ގޮތުގައި 18 ވަނަ މަޖިލީހާއި 19 ވަނަ މަޖިލީހުގައި ވެސް މެޖޯރިޓީ އޭރު ވެރިކަމުގައި އޮތް ޕާޓީއަށް ލިބުނު ނަމަވެސް، ޖަވާބުދާރީ ކުރުވަން ހުރަހެއް އެޅިގެނެއް ނުދެއެވެ. އަދި، އޭރު އެ ބޭފުޅުން ވެސް ވިދާޅުވަމުން ގެންދެވީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮންނަންޖެހޭ ކަމަށްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ވަރަށް ފަސޭހަކަމަކަށް ވާނީ ސަރުކާރު ޖަވާބުދާރީ ކުރުވައިގެން އަދި ސަރުކާރަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީގެން ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދޭން،" އަބްދުއްރަޙީމް ވިދާޅުވިއެވެ.

މީގެ އިތުރުން، އޭނާ ވިދާޅުވީ ވިހިވަނަ މަޖިލީސް ވެގެންދާނީ މިހާތަނަށް ފެންނަ އެންމެ މަސައްކަތްތެރި އެންމެ ހިންގުންތެރި މަޖިލީހަށް ކަމަށެވެ.

އެގޮތުން، މި މަހު 28ގައި ވިހިވަނަ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުމަށް ފަހުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މިދިޔަ 19 ވަނަ މަޖިލީހުގައި ނުކޮށް ދޫކޮށްލި ކަންކަން ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި، ރުހުން ނުދީ ތިބި ތިން ވަޒީރުންނަށް ރުހުން ދިނުން އެންމެ އިސްކަމެއްގެ ގޮތުގައި އޮންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

https://sun.mv/188617

މި ސަރުކާރަށް އައްޔަންކުރި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ބަންޑާރަނައިބު އަހުމަދު އުޝާމަށް އަދިވެސް މަޖިލީހުން ރުހުން ދީފައެއް ނުވެއެވެ.

ފުރަތަމަ ފަހަރަށް އައްޔަންކުރުމުން އެ ތިން ވަޒީރުންނަށް ރުހުން ނުލިބުމުން ރައީސް މުއިއްޒު ވަނީ އެ ތިން ބޭފުޅުން އަލުން އަނެއްކާ ވެސް މަގާމަށް އައްޔަންކުރައްވާފައެވެ. ދެވަނަ ފަހަރަށް މަގާމަށް އައްޔަންކުރުމުން ރުހުންދިނުމާ މެދު މަޖިލީހަށް މިހާތަނަށް ގޮތެއް ކަނޑައަޅާފައެއް ނުވެއެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން ވަޒީރުންގެ މަޖިލީހަށް އައްޔަންކުރާ ބޭފުޅުންނަށް މަޖިލީހުން ރުހުން ލިބެންޖެހޭނެއެވެ.

comment ކޮމެންޓް