މަޖިލިސް އިންތިޚާބު އާދިއްތަ ދުވަހަކު ބާއްވަނީ ރައީސްގެ ނުފޫޒު އީސީއަށް ފޯރުވައިގެން: ޞާލިހު

1 މާޗު 2024: އެމްޑީޕީން ބޭއްވި ޖަގަހަ ޖަލްސާގައި ކުރީގެ ރައީސް ޞާލިހު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ރޯދަމަހު އިންތިޚާބު ނުބޭއްވޭހެން ގެނައި އިސްލާހު ރައީސް ޑރ. މުޙައްމަދު މުއިއްޒު އެންމެ ފަހުން ތަސްދީގުކުރެއްވުމާއެކު، ފަސްކުރަންޖެހުނު މަޖިލިސް އިންތިޚާބު އެޕްރީލް 21ވާ، އާދިއްތަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ނުފޫޒާއެކުކަމަށް އިދިކޮޅު އެމްޑީޕީގެ އެޑްވައިޒަރު ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މިރޭ ތުހުމަތުކުރައްވައިފިއެވެ.

މިރޭ އެމްޑީޕީން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ޞާލިހު ވިދާޅުވީ އެންމެ ފުރަތަމަ ރައީސް ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރޯދަމހު ބާއްވަން، ބިލު ތަސްދީގުނުކުރައްވައި 'ގަދަ ބަސް ވިދާޅުވަމުން' ކަމަށެވެ.

https://sun.mv/189306

އެއާއެކު އެޓާނީ ޖެނެރަލްގެ ލަފާފުޅާއެކު ރައީސް އެ ބިލު ތަސްދީގުކުރެއްވި ނަމަވެސް އަނެއްކާ ވެސް ފެންނަނީ އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުއްވެވި މަންޒަރުކަމަށް ވިދާޅުވިއެވެ.

އެގޮތުން މަޖިލިސް އިންތިޚާބު ސަރުކާރު ބަންދުނޫން ދުވަހެއްގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ރައީސްގެ ނުފޫޒާއެކު ކަމަށް ޞާލިހު ތުހުމަތުކުރެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ބޮޑެތި އިންތިޚާބުތަކުގައި، އަބަދުވެސް ވޯޓުލުން ބާއްވަނީ ސަރުކާރު ބަންދު ދުވަހެއްގައި ކަމަށާއި، އެއީ ވީހާ ވެސް ގިނަ ރައްޔިތުންނަށް ފުރުސަތު ދިނުމަށް ކަމަށެވެ.

1 މާޗު 2024: އެމްޑީޕީން ބޭއްވި ޖަގަހަ ޖަލްސާ -- ފޮޓޯ/ އެމްޑީޕީ

އެއާއެކު ރައީސްގެ ނުފޫޒަށް ތަބާނުވުމަށް ޞާލިހު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނަށް ގޮވައިލައްވައިފައެވެ.

"އަޅުގަނޑު އިލެކްޝަންސް ކޮމިޝަނަށް ދަންނަވައިލަން ބޭނުންވަނީ އެ ބާރުގައި އެ ނުފޫޒުގައި ޖެހިވަޑައިނުގަންނަވާށޭ. ތިއީ މިނިވަން މުއައްސަސާއެކޭ،" ޞާލިހު ވިދާޅުވިއެވެ.

ޞާލިހު ވިދާޅުވީ މި ހުރިހާ ކަމަކާއެކު ރައީސް ޑރ. މުއިއްޒުގެ މިސްރާބު ހުރީ ޚުދުމުހުތާރު ވެރިކަމަކާ ދިމާއަށް ކަމަށެވެ. އެހެންވެ، އެ ސަބަބާ ހުރެ ވެސް ސަރުކާރަށް މަޖިލިސް މެޖޯރިޓީ ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހަތަރު ދާއިރާއެއް ފިޔަވައި ކޮންމެ ދާއިރާއަކަށް ވެސް އެމްޑީޕީގެ ކެންޑިިޑޭޓުން ކުރިމަތިލާނެ ކަމަށާއި، ހުރިހާ ރައްޔިތުން ވެސް ވޯޓު ދޭންވާނީ އެ ކެންޑިޑޭޓަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި އެމްޑީޕީ އޮތީ އެހެން އެއްވެސް ބަޔަކާ ބައިއަތު ހިފައިގެން ނޫންކަން ފާހަގަކުރައްވައި ޞާލިހުވަނީ ޕާޓީގެ މެމްބަރުން ވެސް އެއްބައިވެ މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.

comment ކޮމެންޓް