މަޖިލިސް އިންތިޚާބު އެޕްރީލް 21ގައި ބާއްވަން ނިންމައިފި

އީސީގެ މެމްބަރުން --

އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނަށް ފަސް ވަނަ އިސްލާޙު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަޞްދީޤުކުރެއްވުމާއެކު ފަސްވި މަޖިލިސް އިންތިޚާބު އެޕްރީލް 21ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިރޭ ފާސްކޮށްފިއެވެ.

ބަންޑާރަ ނައިބުގެ ލަފާފުޅާ އެއްގޮތަށް ރައީސް، މިއަދު ބިލު ތަސްދީގުކުރެއްވުމާއެކު، ރޯދަ މަހު އެއްވެސް އިންތިޚާބެއް ބޭއްވުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށް ވާނެއެވެ.

އެހެންވެ ކުރިން މަޖިލިސް އިންތިޚާބު ބާއްވަން ހަމަޖެހިފައިވާ ތާރީޚުކަމަށް މި ފެށޭ މާޗު މަހުގެ 17ވަނަ ދުވަސް އެހެން ތާރީޚަކަށް ފަސްވާނެއެއެވެ. އެހެންވެ ރައީސް ބިލު ތަސްދީގުކުރުމާއެކު މިރޭ، އިލެކްޝަންސް ކޮމިޝަނުން މިރޭވަނީ ކުއްލި ބައްދަލުވުމެއް ބާއްވައިފައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މި ބައްދަލުވުމުގައި ނިންމީ އެޕްރީލް 21ގައި މަޖިލިސް އިންތިޚާބު ބާއްވާށެވެ.

އަތޮޅު ތެރެއަށް ރައީސް ކުރައްވަމުން އަންނަ ދަތުރުފުޅުތަކުގައި ވެސް އެ މަނިކުފާނު ވިދާޅުވަމުން އައީ އިންތިޚާބު އޮންނާނީ މާޗު 17ގައި ކަމަށެވެ.

އެއިރު އެ މަނިކުފާނު އެ ފަދައިން ވިދާޅުވަމުން ގެންދެވީ މި ބިލު ތަސްދީގުކުރެއްވުމަށް ހުށަަހަޅައިފައިވަނިކޮށް، އެ ކަން ނުކުރައްވައި ފަސްކުރެއްވުމަށްފަހުގައެވެ.

ރޯދަ މަސް ނިމި، 10 ދުވަސް ފަހުން އިންތިޚާބު ބާއްވާ ގޮތަށް ގާނޫނު އިސްލާހުކޮށް، އެ ބިލު ތަސްދީގުކުރަން ރައީސް އޮފީހަށް ފޮނުވީ މި މަހު 12 ގައެވެ. އެކަމަކު، މިދިޔަ ހޯމަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގުނުކޮށް، އަނބުރާ މަޖިލީހަށް ފޮނުވާލައިފައެވެ.

އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި ވަނީ އެ ބިލު އޮތް ގޮތަށް އަލުން ފާސްކޮށްފައެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން، ރައީސް ތަސްދީގުނުކޮށް ބިލު އަނބުރާ ފޮނުވައިލި ނަމަވެސް ބަދަލެއް ނުގެނެސް ދެވަނަ ފަހަރަށް ފާސްކުރުމުގެ ފުރުސަތު މަޖިލީހަށް ލިބިދެއެވެ. އަދި، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުން އެގޮތަށް ފާސްކޮށްފި ނަމަ، އެ ބިލެއް ތަސްދީގުކުރަން ޖެހޭނެއެވެ.

އެހެންވެ، އެ ބިލު ދެވަނަ ފަހަރަށް ފާސްކުރުމާއެކު ބިލު ތަސްދީގުކުރަން މަޖުބޫރުވެއެވެ.

comment ކޮމެންޓް