އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރަން ޖެހޭ މަޝްރޫއުތަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި އަހަރުގެ ބަޖެޓުގައި ޖަހާފައިހުރީ ލައްކައިން ކަމަށާއި މަޝްރޫއުތައް ދިގުލަނީ އެހެންވެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ހާޒިރުކޮށް، މަޝްރޫއުތައް ލަސްވާ ސަބަބާ ގުޅޭ ގޮތުން ވަނީ ސުވާލުކޮށްފައެވެ.
މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، މަޝްރޫއެއް ކުރިއަށް ގެންދަން ބަލާއިރު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަން ކަމަށެވެ. އެގޮތުން، މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ މިންވަރަށް ވުރެ މާ މަދުން ބަޖެޓުކޮށްފައި ހުންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އެބަހުރި ދެ މިލިއަން، ތިން މިލިއަންގެ ޕްރޮޖެކްޓްތަކަށް ދެ ލައްކަ، ތިން ލައްކަ ރުފިޔާ ބަޖެޓްގައި ހިމަނާފައި،" މިނިސްޓަރު ރާފިއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަޝްރޫއުތަކުގެ މަސައްކަތް ހަވާލުކުރާއިރު، ބަޖެޓްގައި އެ މަސައްކަތާ އެކަށީގެންވާ ވަރަށްވުރެ ކުޑަ އަދަދެއް ހިމަނާފައި އޮތުމުގެ ސަބަބުން އެ މަސައްކަތެއް ހަވާލުކުރުމަށް ފަހު، ދެވަނަ ޕޭމަންޓެއް ދެއްކުމަށް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ.
މަޝްރޫއުތައް ދަންމާލަން ޖެހެނީ އެހެންވެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެޑްވާންސަށް ދޭ 15 ޕަސެންޓް ދިނުމަށްފަހު ދެން ދެވަނަ ޕޭމަންޓް ދައްކަން ބަލާއިރު އެ އަހަރެއްގެ ބަޖެޓްގައި ދެން އެ ކަމަށް ތަނެއް ނުދޭ. ދެން އަޅުގަނޑުމެންނަށް ޖެހޭނީ އެހެން ކޯޑަކުން އެ ފައިސާ ބަޖެޓަށް ޓްރާންސްފާ ކުރަން. ދެން ކޮން ކޯޑަކުންތޯ އަޅުގަނޑުމެން ބަޖެޓަށް އެ ފައިސާ ޓްރާންސްފާ ކުރާނީ ބަލާއިރު، ދެން އެ ފައިސާ ނަގާ ކޯޑް އެއީ ވެސް ކޮންމެ ވެސް ރަށެއްގެ ކޮންމެ ވެސް ޕްރޮޖެކްޓަކަށްވެފައި މި އިންނަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ބަޖެޓުގައި މަޝްރޫއުތައް ނިންމަން ބޭނުންވާ ވަރަށް ފައިސާ ނުހިމަނާ ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ/ މަޖިލީސް
ބަޖެޓުގެ ދަތިކަން ދިމާވުމުގެ ސަބަބުން ބައެއް ފަހަރަށް މަޝްރޫއުތައް މަޑުޖައްސާލަން ޖެހުމުގެ އިތުރުން ވެސް މަޝްރޫއުގެ މަސައްކަތް ހަވާލުކުރާ ކޮންޓްރެކްޓަރު ބައެއް ފަހަރަށް ބަދަލުކުރަން ޖެހުމަކީ ވެސް އެ މަޝްރޫއެއް ލަސްވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، ބައެއް މަޝްރޫއުތައް އެހެން ކޮންޓްރެކްޓަރަކާ އަލުން ހަވާލުކުރަން ޖެހިފައި އެބަހުރިކަން ވެސް ފާހަގަކުރެއްވިއެވެ.
އެގޮތަށް ދިމާވަނީ، މަސައްކަތަށް ބޭނުންވާ ތަކެތި ގެންނަން ހަވާލުވާ ކުންފުންޏަށް ތަކެތި ނުގަނެވި ދިގުލައިގެން ދިއުން ފަދަ ކަންކަމުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުގައި ފަށާފައިހުރި ބައެއް މަޝްރޫއުތައް ހުއްޓިފައިހުރި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެއެވެ. އެކަމަކު، ސަރުކާރުން ވަނީ އެއްވެސް މަޝްރޫއެއް ހުއްޓައިނުލާ ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން އަރުވައިފައެވެ.