އިންތިޚާބު ލަސްކުރާ ބިލް އަލުން ވެސް ފޮނުވާނަން، ޖެހިވަޑައިގަންނަވާނީ ތަސްދީގު ކުރަން: ޝާހިދު

އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ސަން ފޮޓޯ

ރޯދަމަހުގައި އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައިފި ނަމަ، އަލުން ބިލު ފޮނުވާނެ ކަމަށާއި ރައީސަށް ޖެހިވަޑައިގަންނަވާނީ ބިލް ތަސްދީގުކުރަން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ، ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް ފަތުހުﷲ ޖަމީލުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެމްޑީޕީގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް އާންމު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އެމްޑީޕީން އިސްނަގައިގެން ރަމަޟާން މަހު އެއްވެސް އިންތިޚާބެއް ނުބޭއްވޭނެ ގޮތަށް ބިލެއް ފާސްކޮށްފައި ވާކަމަށެވެ. ނަމަވެސް އެ ބިލް ތަސްދީގު ކޮށްފައި ނުވާކަން ފާހަގަކޮށް އޭނާ ވިދާޅުވީ، ބިލް ތަސްދީގު ނުކުރައްވައިފި ނަމަ އަލުން ބިލް ތަސްދީގު ކުރުމަށް ފޮނުވާނީ މެމްބަރުންގެ ސާފު އަގުލަބިއްޔަތާއެކު ކަމަށެވެ.

"... ހަމަ ފޮނުވާ ދުވަހު މަނިކުފާނު ޖެހިވަޑައި ގަންނަވާނީ ގާނޫނު އަސާސީގައި އެބުނާ ގޮތަށް ތަސްދީގު ކުރައްވަން. ހަމަ އެ ނޫން އެއްވެސް ގޮތެއް ރައީސުލްޖުމްހޫރިއްޔާ ކުރިފުޅުމަތީގައި ނޯންނާނެ. ގާނޫނީ އިމުގެ ތެރޭގައި އެއްވެސް ގޮތެއް ނޯންނާނެ،" ޝާހިދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ޝާހިދު ވިދާޅުވާ ވާހަކަ މިރޭ ވެސް ތަކުރާރު ކުރައްވައި އޭނާ ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ އެދުމާ ދެކޮޅަށް، ރަމަޟާން މަހު އިންތިޚާބު ބާއްވަން އީސީން ނިންމީ ސަރުކާރުގެ ގަދަބާރާއި ނުފޫޒުގެ ސަބަބުން ކަމަށެވެ.

އޭނާ ވަނީ ސަރުކާރުން އެތައް ބައެއްގެ ވޯޓު ލުމުގެ ހައްގު ގެއްލުވާލަން މަސައްކަތް ކުރާކަމަށް ތުހުމަތު ކުރައްވާފައެވެ.

https://sun.mv/188923

އިތުރަށް ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، މި ސަރުކާރު ވަނީ މިސްރާބު ގެއްލިފައި ކަމަށެވެ. އަދި އެކަން ހާމަވާ އެންމެ ބޮޑު އެއް ކަމަކީ ސަރުކާރު ކެންޑިޑޭޓުންގެ ގޮތުގައި ޕީޕީއެމް/ ޕީއެންސީ ކެންޑިޑޭޓަކާއި އަމިއްލަ ކެންޑިޑޭޓެއް ތިމަރަފުށީ ދާއިރާގެ މަޖިލީސް ގޮނޑިއަށް ވާދަކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަމިއްލަ ޕާޓީގެ ކެންޑިޑޭޓަކު ހުއްޓާ އޭނާ ހަމަ ރީއްޗަސް އެއްފަރާތް ކޮށްލާފަ އަނެއްކާ މި ނެރުނީ ސަރުކާރު ކެންޑިޑޭޓެއް،" ޝާހިދު ވިދާޅުވިއެވެ.

އެހެންކަމުން، މި ސަރުކާރުން ހައްދަވާ ދޮގުތައް ފާޅުވާކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ފާހަގަ ކުރެއްވި، ރޯދަމަހުގައި އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހު ރައީސް ތަސްދީގު ކުރެއްވުން ލަސްވުމުން މިއަދު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފިއެވެ.

https://sun.mv/188943

މި ކުއްލި މައްސަލަ ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)އެވެ. އެ ކުއްލި މައްސަލައިގައިވަނީ ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިސްލާހެއް ގެނެސްފައިވަނީ އެ މަހުގައި އިންތިޚާބުތައް ބޭއްވުމުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.

ރޯދަމަހުގައި އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއުއެެވެ. ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން މަޖިލީހުގެ އިންތިޚާބު ބާއްވާ ގޮތަށް އެ ގާނޫނަށް ގެނައި އިސްލާހު ފާސްކުރީ ފެބްރުއަރީ 11ގައި 46 މެންބަރުންގެ ވޯޓުންނެވެ.

comment ކޮމެންޓް