އަރަތެއް! ފަތުރުވެރިން ވަނީ ގިނަ، ޑޮލަރު ވަނީ މަދު

ދެ ފަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި: ޓޫރިސްޓުންގެ އަދަދު އިތުރު ނަމަވެސް ޑޮލަރުގެ އާމްދަނީ ލިބެނީ މަދުން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ރިކޯޑް އަދަދަކަށް ފަތުރުވެރިން އައިސް ރާއްޖޭގައި ހުރި ޑޮލަރުކޮޅު ދޯ އެ ގެންދިޔައީ،"؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކާޑުތަކަށް ކަނޑައަޅާފައިވާ ޑޮލަރު ލިމިޓް ވަރަށް ބޮޑަށް ކުޑަ ކުރަން އުޅޭ ކަމަށް ބުނެ ދައުރުވާ ޚަބަރާ ގުޅޭ ގޮތުން މީހަކު ސޯޝަލް މީޑިއާގައި ސުވާލު ކުރިއެވެ. އެ ސުވާލު ނުކުރަންވީ ސަބަބެއް ވެސް ނެތެވެ. އޭގެ އެއް ދުވަސް ކުރިން ދައުރުވި ޚަބަރަކީ އެއް ދުވަހާ 10،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްގެން އެކަން ރިކޯޑަކަށްވި ވާހަކައެވެ. އޭގެ އަނެއް ދުވަހު ޑޮލަރު ނެތިގެން ފިޔަވަޅުތައް އަޅަން ޖެހޭ ވާހަކައެވެ.

މި މައްސަލަ ބޮޑުވެފައި ވަނިކޮށް ފިނޭންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ގައުމީ ބޭންކް، ބީއެމްއެލްގެ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރެވޭ އަދަދު ކުޑަކުރަން މިހާތަނަށް އެ ބޭންކުން ނިންމާފައިނުވާ ކަމުގެ ޔަގީންކަން، އެ ބޭންކުން މިނިސްޓްރީއަށް ދީފައިވާ ކަމަށެވެ. ނަމަވެސް ބޭންކުން ސީދާ ވަކި އެއްޗެއް މިކަމާ ގުޅޭގޮތުން އަދިވެސް ނުބުނެއެވެ. މީގެ ކުރިން ބޭންކާ ގުޅޭގޮތުން ދޮގު ޚަބަރެއް ފެތުރޭނަމަ އެ ބޭންކުން ވަރަށް އަވަހަށް އެކަމުގެ ހަގީގަތް ބުނެދެއެވެ. ކާޑު ލިމިޓްގެ ވާހަކަ ރާއްޖޭގެ ބޮޑެތި ހުރިހާ ނޫސްތަކެއްގެ ފަލަ ސުރުޚީއަށް އަރައި ގައުމީ މައްސަލައަކަށް ވެގެންދިޔައިރު ބޭންކް ހިމޭނުން އޮތްއޮތުމުން ދޭހަވާ އެއް ކަމަކީ މި ކަމުގައި ހަގީގަތްތަކެއް އުޅޭ ކަމެވެ.

https://sun.mv/188582

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުކަމުގެ އަނެއް ހެއްކަކީ މި ސަރުކާރުގެ ކެބިނެޓްގެ ނިންމުމެއް ތަންފީޒު ނުކުރެވި އޮތްއޮތުމެވެ. މިދިޔަ ޑިސެމްބަރު މަހުގެ 25ގައި ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓުން ނިންމައިފައިވަނީ، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ނެގެން އޮންނަ ލިމިޓު 750 ޑޮލަރުން 1200 ޑޮލަރަށް އިތުރުކުރާށެވެ. ނަމަވެސް ފަހުން އެކަން ތަންފީޒު ކުރެވޭ ގޮތެއް ނުވިއެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ބުނީ އެކަން ތަންފީޒު ކުރަން ދަތިތަކެއް އެބަހުރި ކަމަށާއި އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބްލެކް މާކެޓްގައި ޑޮލަރެއް ގަންނަން ލިބޭ އަގު 18 ރުފިޔާއިން މަތީގައި ހުންނަތާ އެތައް މަހެއް ވެއްޖެއެވެ. މުޅިން އިމްޕޯޓަށް ބަރޯސާވެފައިވާ މި ގައުމަށް މުދާ އެތެރެ ކުރުމަށާއި ބޭސްފަރުވާއާއި ތައުލީމު ހާސިލު ކުރުން ފަދަ ކަންކަމަށް ރާއްޖޭން ބޭރަށް ގިނަ ދިވެހީން ޑޮލަރު އެ ގެންދަނީ ބޮޑު އަގުގައި ގަނެގެންނެވެ. މީގެ ނަތީޖާއަކީ ތަކެތީގެ އަގު އިންތިހާއަށް ބޮޑުވުމެވެ. ކުރިއަށް އޮތީ ރޯދަ މަހެވެ.

ރިސޯޓެއްގައި ފަތުރުވެރިންތަކެއް ހަރަކާތްތެރި ވަނީ: ފަތުރުވެރިން ޒިޔާރަތްކުރުމުގެ ރިކޯޑު ހެދިނަމަވެސް ޑޮލަރު ވަނީ މަދު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މިއީ އެއްވެސް ގޮތަކަށް އަދި ދެ މަހެއްހާ ދުވަސްވީ މި ސަރުކާރުގެ މައްސަލައެއް ނޫނެވެ. މިއީ ރާއްޖޭގެ އިގްތިސާދީ ހާލަތުގެ ހަގީގަތެވެ. މި ހިސާބަށް ދިޔައީ އިހުމާލުތަކެއްގެ ސަބަބުންނެވެ. ޒަމާންވީ ނުރަނގަޅު ފިޔަވަޅުތަކެއްގެ ސަބަބުންނެވެ.

މިހާ ހިސާބަށް ކަންކަން ދިޔައިރު ޑޮލަރުގެ ކަންކަން އަރަތަކަށް ނުވާންވީ ސަބަބެއް ނެތެވެ. މިއީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ގިނަ އަދަދެއްގެ ރިސޯޓް ހުރި ގައުމެކެވެ. ފަސްލައްކަ އާބާދީއެއް އޮންނަ މި ގައުމަށް މިދިޔަ އަހަރު 1.8 މިލިއަން ފަތުރުވެރިން ވަނީ އައިސްފައެވެ. އެހެން އަހަރުތަކުގެ މި މުއްދަތާ އަޅާބަލާއިރު މި އަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މާ ގިނައެވެ. ވޭތުވެދިޔަ ދެ ހަފުތާއެއްގެ ތެރޭގައި އެއް ދުވަހާ އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްގެން ދެ ފަހަރަށް ރިކޯޑް ހަދައިފިއެވެ. އެކަމަކު، މި ކުޑަކުޑަ ގައުމު ހިންގޭ ވަރަށް ޑޮލަރެއް ނެތެވެ. އެހެންވީމަ އަރަތެއް ނޫންތޯއެވެ؟

މި ވަނީ ކިހިނެއް؟

މިސާލަކަށް ކަންމަތީ ފިހާރައަކުން ކިތަންމެ ބައިވަރު އެއްޗެއް ގަތް ނަމަވެސް އެ ފިހާރައަށް ފައިސާ ދެއްކުމުގެ ބަދަލުގައި އެ ވިޔަފާރީގެ ހިއްސާދާރަކު އެހެން ރަށެއްގައި ހިންގާ ފިހާރައެއްގެ އެކައުންޓަށް ފައިސާ ފޮނުވާނަމަ އެއްޗެހި ގަތް ފިހާރައިގެ ވަތްގަނޑު އޮންނާނީ ހުސްކޮށެވެ. ހިއްސާދާރު ދިނިއްޔާ ނޫނީ އެ ފިހާރައަކަށް ފައިސާއެއް ނުލިބޭނެއެވެ. ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ޓޫރިޒަމް އޮވެ، ރާއްޖެއަށް ޑޮލަރު ނުލިބެނީ ހަމަ މިހެންވެއެވެ.

މަޖިލީހުގައި ބަހުސް ކުރައްވަމުން ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު އީސަ ވަނީ މިދިޔަ އަހަރު މިކަން ހިނގާގޮތް ވަރަށް ތަފުސީލުކޮށް ވިދާޅުވެ ދެއްވައިފައެވެ. ޓޫރިޒަމް ދާއިރާގައި ވިޔަފާރި ވެސް ކުރައްވާ އީސަ ވިދާޅުވި ގޮތުގައި ޓޫރިޒަމް ދާއިރާއިން ރާއްޖެއަށް އަހަރެއްގެ މައްޗަށް ހަތަރު ބިލިއަނާއި ފަސް ބިލިއަނާ ދެމެދުގެ އަދަދަކަށް ޑޮލަރު ލިބޭއިރު އޭގެ ތެރެއިން 20 ޕަސެންޓް ވެސް ރާއްޖޭގައި ދައުރެއް ނުވެއެވެ.

ފަތުރުވެރިން ރާއްޖެ އައުން: ރާއްޖެއަށް ފަތުރުވެރިން އައި ނަމަވެސް ރާއްޖެއަށް ޑޮލަރު ލިބޭ މިންވަރު މަދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ރިސޯޓްތަކުން ހިދުމަތް ހޯދާ ޓޫރިސްޓުން ދައްކާ ފައިސާ ޖަމާވަނީ ބޭރުގައި ހުންނަ އެ ރިސޯޓެއްގެ ވެރިޔާ ނުވަތަ އެ ރިސޯޓް ހިންގާ ކުންފުނީގެ ބޭންކް އެކައުންޓަށެވެ. ރިސޯޓްތަކުން ރާއްޖެއަށް ލިބެނީ އެ ފަތުރުވެރިއަކު އައިސް އުޅުމުގެ ތެރެއިން އެ ރިސޯޓަށް ދައްކާ މަދު ފައިސާކޮޅު އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ.

"ރިސޯޓްގައި ހިންގާ އައުޓްލެޓްތަކަށް ލިބޭ ފައިސާ ކޮޅު ރާއްޖެއަށް މި ލިބޭ ބޭރު ފައިސާކޮޅަކީ. މުވައްޒަފުންގެ މުސާރައާއި ދިވެހިރާއްޖޭގެ ބާޒާރުން މުވައްޒަފުންގެ ކެއުން ބުއިމާ، މިފަދަ ކަންކަމަށް ގަންނަ މަދު ސަޕްލައިކޮޅަކަށް މާރުކޮށްލާ ޑޮލަރު ކޮޅެއް ފިޔަވާ މަދު އެއްޗެއް ނޫނީ ރާއްޖޭގެ ބޭންކިން ސިސްޓަމްގެ ތެރެއަށް ނުވަދޭ،" އީސަ ވިދާޅުވިއެވެ.

އިގުތިސާދީ ދާއިރާގެ ތަޖުރިބާކާރުންނާ ސުވާލު ކުރުމުން ވެސް ވިދާޅުވެ ދެއްވަނީ އީސަ އެ ވިދާޅުވި ވާހަކައެވެ. އިގުތިސާދީ މާހިރެއް ކަމަށްވާ، އާތިފް ޝަކޫރު ވެސް ވިދާޅުވިގޮތުގައި ރިސޯޓަށް ލިބޭ ޑޮލަރު ދިވެހި ބޭންކިން ނިޒާމުގެ ތެރެއަށް ނުވައްދާ ބޭރުގާ ރައްކާކޮށްގެން ތިބެ، ހިންގާ ވިޔާފާރި ތަކަކުން ގައުމަށް ލިބެން އޮތް އެންމެ ބޮޑު ނަފާއެއް ނުލިބޭނެއެވެ.

އެ ފައިސާ ދިވެހި ބޭންކިން ސިސްޓަމްގެ ތެރެއަށް ނުވަންނަ ސަބަބުތަކެއް ވެސް އެބަހުއްޓެވެ. މަލްޓި މިލިއަން ޑޮލަރުގެ މަޝްރޫއުތައް ހިންގަން ބޭނުންވާ ފައިސާ ދޫކުރުމުގެ ކެޕޭސިޓީ އެ ބޭންކުތަކުގައި ނެތުމުގެ ނަތީޖާއަކީ ދިވެހި ފަތުރުވެރިކަމަށް އިންވެސްޓްކުރަން ތިބި އިންވެސްޓަރުން ވެސް ރާއްޖެއިން ހޯދައި ފައިސާ ބޭރުގެ ބޭންކުތަކުގައި ބެހެއްޓުމެވެ. އެ މީހުން ބޭނުންވާ މާލީ އެހީތެރިކަން ހޯދެން އޮތް މަގަކީ އެއީ ކަމަށް ވުމުންނެވެ.

މައްސަލަ ސާފު، ހައްލު ނުގެނެވެނީ ކީއްވެ؟

މި ކުޑަކުޑަ ގައުމު ބޭނުންކޮށްގެން އެތައް ބިލިއަން ޑޮލަރެއް ހޯދާއިރު އެ ފައިސާ ރާއްޖެއަށް ނުލިބޭ ސަބަބު ވަރަށް ސާފުކޮށް އެންމެނަށް އެބަ އެނގެއެވެ. އަދި މިކަމުގެ ހައްލު ވެސް އެބަ އެނގެއެވެ. ނަމަވެސް ބިލިއަނަރުންގެ މަސްލަހަތާ ގުޅިފައިވާ މި މައްސަލައަށް ހައްލެއް ނުގެނެވެއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދާކުރެއްވި އަހުމަދު ފާރިސް މައުމޫން ވަނީ ޑޮލަރު މައްސަލައަށް ހައްލު ވިދާޅުވެ ދެއްވައިފައެވެ. ފާރިސް ވިދާޅުވި ގޮތުގައި ރާއްޖެއަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކަށް ވައްދަން ލާޒިމް ކުރާ ގޮތަށް ގާނޫނު ބަދަލު ކުރަން ޖެހެއެވެ. އެގޮތުން ރިސޯޓް ކޮޓަރި ވިއްކައިގެން ލިބޭ ފައިސާ ޖަމާކުރަން ޖެހޭނީ ދިވެހި ބޭންކަކަށް ކަމަށާއި އެ ފައިސާ ރާއްޖޭން ބޭރަށް ގެންދެވޭނީ ވަކި މުއްދަތަކަށް ރާއްޖޭގެ ބޭންކްތަކުގައި ބެހެއްޓުމަށް ފަހުގައި ކަމަށްވާނަމަ މި މައްސަލަ ހައްލު ވާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހުށަހެޅުމަކީ މި ގެންނަ ފައިސާގެ މަދުވެގެން 20 އިންސައްތަ ރާއްޖޭގައޭ މާރު ކުރަން ޖެހޭނީ. ބޭރު ފައިސާއިން ދިވެހި ފައިސާއަށް މާރު ކުރަން ޖެހޭނީ ދިވެހި ބޭންކެއްގައޭ. އޭރަށް އަޅުގަނޑުމެންގެ މި އުޅޭ ބޭރު ފައިސާގެ އިޝޫ ވަރަށް އަވަހަށް ލުއިވެގެން ދާނެ،" ފާރިސް ވިދާޅުވިއެވެ.

އެހެންކަމުން މި މައްސަލަ ހައްލު ކުރުމަށްޓަކައި ރާއްޖޭގައި ކުރާ ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާ ރާއްޖޭގެ ބޭންކަކަށް ޖަމާނުކޮށް ބޭރަށް ގެންދިއުން ގާނޫނުތަކުން މަނާކުރަން ޖެހެއެވެ. ޓޫރިޒަމް ދާއިރާއިން ލިބޭ ބޮޑު އާމްދަނީން އަސްލު ވާން ޖެހޭ ފައިދާ ރާއްޖެއަށް މިހާރު ނުވަނީ ގާނޫނުތައް ހުރިގޮތުންނެވެ. ދުނިޔޭގެ ތަރައްގީ ވެފައިވާ ގިނަ ގައުމުތަކެއްގައި އެ ގައުމުގައި ވިޔަފާރިކޮށްގެން ލިބޭ ބޭރު ފައިސާ ވަކި މުއްދަތަކަށް އެ ގައުމެއްގެ ބޭންކުގައި ބަހައްޓަން ގާނޫނުތަކުން ލާޒިމު ކުރެއެވެ. ރާއްޖޭގައި އެކަން ނުކުރަންވީ ސަބަބެއް ނެތެވެ.

ސަރުކާރުން ދެނީ ހައްލު ކުރާނެ ކަމުގެ ޔަގީންކަން

މުޅިން އިމްޕޯޓަށް ބަރޯސާވެފައިވާ އަދި ބޭސްފަރުވާއާއި ތައުލީމު ހާސިލު ކުރުމަށް ރާއްޖޭން ބޭރަށް ބަރޯސާވާން ޖެހިފައިވާ ގައުމަކަށް ބޭރު ފައިސާއަކީ ނުހަނު ބޭނުންތެރި އެއްޗެކެވެ. ސަރުކާރުން ދޭ ޔަގީން ކަމަކީ މި މައްސަލަ ހައްލު ކޮށްދޭނެ ކަމެވެ.

ވަޒީރުންނާ އާއްމުން ސުވާލު ކުރުމުގެ ފުރުސަތު ދިނުމަށް ކުރިއަށް ގެންދާ "އަހާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މި ފަހުން ވިދާޅުވީ ޑޮލަރުގެ ރޭޓް ހަމަ މަގަށް އެޅުވުމަށާއި ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަށް މި އަހަރުގެ ތެރޭގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ.

"އެކްސްޗޭންޖު ރޭޓް ހަމައަކަށް އަޅުވަން ރައީސްގެ މަސައްކަތްޕުޅުގައި ވަރަށް ޓާގެޓެޑް ކަންތައްތަކެއް ކުރައްވަން ވަނީ ނިންމަވައިފައި. މިހާރު ވެސް އެ މަސައްކަތް ފެށިއްޖެ،" ތަޖުރިބާކާރު މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

ނަމަވެސް އެއީ ކޮން ފިޔަވަޅުތަކެއް ކަމެއް މިނިސްޓަރު ވިދާޅެއްނުވެއެވެ. އެހެންކަމުން ރާއްޖެއަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކެއްގައި ބަހައްޓަން ލާޒިމު ކުރާކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގެއެވެ.

ރިކޯޑް އަދަދަކަށް ފަތުރުވެރިން ރާއްޖެ އައިސް ކުރާ ކަމަކީ ރާއްޖޭގައި ހުރި ޑޮލަރުކޮޅު ބޭރަށް ގެންދިއުންތޯ ސުވާލު ކުރާ ހިސާބަށް ކަންކަން ދިޔައީ ސަބަބުތަކެއް އޮވެގެންނެވެ. މި އުޅެނީ މި ރާއްޖެ ވިއްކައިގެން ލިބޭ ބޭރު ފައިސާ ރާއްޖޭގެ ބޭންކްތަކަށް ނުވައްދާ މައްސަލައެވެ. މި މައްސަލަ ހައްލު ކުރެވެން އޮތީ ގާނޫނުތަކަށް ބަދަލު ގެނެސްގެންނެވެ. ބޭންކުތަކުގެ ކެޕޭސިޓީ ވެސް އިތުރުކޮށްގެންނެވެ. އެއާއެކު އެއްވެސް ބަޔަކަށް ގެއްލުމެއް ނުވެ މި ބޮޑު މައްސަލައަށް ހައްލު ގެނެވުނީއެވެ. މިހާލަތަށް މިދިޔައީ މިހާ ފަސޭހައިން ހައްލު ކުރެވެން އޮތް ކަމެއް ނުކުރެވޭތީއެވެ. މައްސަލަ ވެސް އަދި ހައްލު ވެސް ވަރަށް ސާފެވެ. ކުރަން ޖެހޭ ކަމަކީ އަމަލު ކުރުމެވެ.

comment ކޮމެންޓް