ދިރިއުޅުމަށް ބޭނުންވާ ފައިސާ ހޯދަން މަސައްކަތް ނުކުރާ މީހެއްގެ މިސާލަށް ބަލަމާތޯއެވެ. އޭނާގެ ބޭނުންތައް ފުއްދަނީ އެހެން މީހަކަށް އާދޭސްކޮށް، ސަލާން ޖަހައިގެން ނަމަ އޭނާގެ އޮންނާނީ ކޮން މިނިވަންކަމެއްތޯއެވެ. އޭނާ ޖެހެނީ ފައިސާ އެ ދޭ މީހާ ބުނިހާގޮތެއް ހެދިގެން ހުންނާށެވެ. ގައުމަކަށް ބެލި ނަމަވެސް އޮތީ އެ ގޮތެވެ.
އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ރާއްޖެއަށް މިނިވަންކަން ލިބުނުތާ 59 އަހަރު ފުރިގެން މިއަދު ރާއްޖޭގެ އުފާވެރި މިނިވަން ދުވަސް ފާހަގަކުރާއިރު މިއީ ވިސްނާލަން ޖެހޭ ކަމެކެވެ. މިއަދު ދިވެހީން އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަކީ މިނިވަންކަން ދެމެހެއްޓުމެވެ. ބަޑި ހިފައިގެން ބަޔަކު ރާއްޖެ އަރައި އެ މީހުންގެ ބާރުގެ ދަށަށް މި ގައުމު ގެންދާނެކަމުގެ ބިރެއް މިއަދު ނެތެވެ. މިއަދު ރާއްޖޭގެ މިނިވަން ކަމަށް އޮތް އެންމެ ބޮޑު ބިރަކީ ދަރަނީގެ ބިރެވެ.
ހާލަތު ވަރަށް ގޯސް
ތަފާސްހިސާބުތަކުން ދައްކަނީ ބިރުވެރި މަންޒަރެކެވެ. ވޭތުވެދިޔަ ވެރިކަންތަކުން ކޮށްފައިވާ ނުކުރަންވީ އެތައް ކަމެއްގެ ސަބަބުން ރާއްޖެ މިއަދު މި އޮތީ ނުބައި ފައްތަރެއްގައެވެ. ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ކުރާ ހޭދަތަކަށް ބޭނުންވާ ފައިސާ ނަގައި ނަގައި މިދިޔަ 10 އަހަރު ތެރޭގައި ރާއްޖޭގެ ޖުމުލަ ދަރަނި ވަނީ 70 އިންސައްތަ އިތުރުވެފައެވެ. ޖުމުލަ ދަރަނި 126 އިން މައްޗަށް އަރައިގެން ދަނީއެވެ. ގައުމަށް އޮތް އަނެއް ބޮޑު ގޮންޖެހުމަކީ 2026 ވަނަ އަހަރު ދަރަނީގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ދައްކަން ޖެހުމެވެ.
މިއީ ހަގީގަތުގައި ގައުމީ ސަލާމަތަށް ވެސް އޮތް ނުރައްކަލެކެވެ. އެއީ, މާލީ މިނިވަންކަން ނެތިއްޔާ ދެން އަމަލު ކުރަން މަޖުބޫރުވާ ކަންތައްތަކުގެ ސަބަބުން ގައުމުގެ މިނިވަންކަމަށް އަސަރު ކުރާތީއެވެ. މި ހާލަތުގައި ގައުމު އޮއްވައި އަވައްޓެރި އިންޑިއާއިން ރާއްޖެއަށް ދޭ އެހީ ވެސް މި ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފައެވެ. މީގެ ކުރިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 600 ކްރޯޑް ރުޕީސް ނުވަތަ އެއް ބިލިއަން ރުފިޔާ ދިނުމަށް އިންޑިއާގެ ބަޖެޓުގައި ހިމަނަން ހުށަހެޅިއެވެ. ނަމަވެސް، ބަޖެޓު ކަނޑައެޅިއިރު އެ އަދަދު 400 ކްރޯޑް ރުފީސް ނުވަތަ 732 މިލިއަން ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ. މި އެހީތައް ކުޑަވުމުން ނުތަނަވަސް ވާން މި ޖެހެނީ ގައުމު އޮތް ހާލަތުގެ ސަބަބުންނެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ސަރުކާރެއް ހިންގުމުގެ ލައްކަ ތަޖުރިބާއާ އެކުއެވެ. ނަމަވެސް، މި ސަރުކާރަށް ވެސް ހިންދެމިލައި ބާރު ސްޕީޑުގައި ކުރިއަށް ނުދެވިގެން އުޅެނީ މާލީ ގޮންޖެހުންތަކުގެ ސަބަބުންނެވެ. މިނިސްޓަރުންގެ ވަފުދުތައް އެއް ގައުމުން އަނެއް ގައުމަށް ވަޑައިގެން އެހީއަށް އެދެން މި ވަނީ ޖެހިފައެވެ. މި ހާލަތަށް ގައުމު ގޮސްފައި މި އޮތީ ޒަމާންވީ އިހުމާލުތަކެއްގެ ސަބަބުންނެވެ.
"ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ވެސް ރާއްޖޭގައި ކުރިހާ ކަމެއްހެން ކުރެއްވީ ބޭރުގެ އެހީތަކުގައި. މިއަދު ވެސް އޮތީ އެ ހާލަތު. ހަމަ އެއް ގައުމުން ނުވަތަ އެހެން ގައުމަކަށް އެދިގެން އެހީ މި ހޯދަނީ. މީގައި މިވާ ގޮތަކީ އެހީއަކީ ހަމަ ހުރެފައި ދޭ އެއްޗެއް ނޫން. ހިލޭ އެހީ ދިނަސް އަދި ލޯނު އެހީ ދިނަސް އެ ދިނުމަށް ފަހު އެތައް ޝަރުތެއް އަންނާނެ،" ރާއްޖޭގެ ސަފީރުކަން ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވިއެވެ.
އެންމެ ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް އޮތް މި ގައުމަކީ ދުނިޔެމަތީގެ ސުވަރުގެއެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑްތަކުގެ ރިސޯޓްތައް މި ގައުމުގައި އެބަހުއްޓެވެ. އަދި، އެ ބްރޭންޑްތަކަށް ދޫނުކުރާ ފަދަ ދިވެހި ބްރޭންޑްތައް އިންޑަސްޓްރީގައި ދަނީ މަސައްކަތް ކުރަމުންނެވެ. ދިވެހީންގެ އާބާދީއަށް ވުރެ ދެ ގުނައަށް ވުރެން އިތުރަށް ޓޫރިސްޓުން ކޮންމެ އަހަރަކު ވެސް ރާއްޖެ އައިސް އެތައް ހާސް ޑޮލަރެއް މި ގައުމުގައި ހޭދަކުރެއެވެ. ދުނިޔޭގެ ފެންވަރުގެ ކުންފުންޏެއްގައި މުސާރަ ދީގެން މި ގައުމުގެ އާބާދީއަށް ވުރެ ގިނަ މުވައްޒަފުން ގެންގުޅެއެވެ. ނަމަވެސް, މި ކުޑަ ގައުމުން މި އުޅެނީ ލިބޭ އެއްޗަކުން ދެކޮޅު ނުޖެހިގެންނެވެ.
ދަރަނީގެ ހާލަތު މިހާ ހިސާބަށް ދިޔައީ ވެސް އިހުމާލުތަކުގެ ސަބަބުންނެވެ. ސިޔާސީ ބޭނުމަށް ވަޒީފާތައް ބަހައިގެން ނުބައްދަލު މުސާރަތައް ދިނުމުންނެވެ. ހަމައެއާ އެކު ގައުމުގެ ރިސޯސަސްތައް ނަހަމަ ގޮތުގައި ބޭނުން ކުރާތީއެވެ. އަދި, ވޯޓުގެ ބޭނުމަށްޓަކައި އިގްތިސާދީ ގޮތުން ދެކޮޅު ނުޖެހޭ ޕްރޮޖެކްޓްތައް ލޯނު ނަގައިގެން ހިންގާތީއެވެ. މިހެން ގޮސް ކުރަން ނުޖެހޭ އެތައް ކަމެއް ކުރުމުގެ ނަތީޖާއަކީ މިއަދު ގައުމު މިއޮތް ހާލަތަށް ދިއުމެވެ.
އިގްތިސާދު ފުޅާކުރުން ނޫން ގޮތެއް ނެތް
އިބްރާހީމް ނާސިރުގެ ވެރިކަމުގައި ފެއްޓެވި ޓޫރިޒަމަކީ ދިވެހީންގެ ނަސީބެވެ. ކޮންމެ ހާލަތެއްގައި ވެސް ދިވެހީން އެ އިންޑަސްޓްރީ ދަމަހައްޓަން ޖެހެއެވެ. އެއީ އެ އިންޑަސްޓްރީ ނެތް ނަމަ ދިވެހީންގެ ހާލަތު ވަޒަން ކޮށްލަން ވެސް ދަތިވީތީއެވެ. އެހެންކަމުން އެ އިންޑަސްޓްރީގެ ކުރިއެރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަދިވެސް ކުރަން ޖެހެއެވެ. އެއީ އެންމެ އިސްކަން ދޭން ޖެހޭ ކަންތަކެވެ.
ހަމައެއާއެކު އިގުތިސާދު ސިންދަފާތުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އިގުތިސާދީ ގިނަ ހަރަކާތް ހިންގަން ޖެހެއެވެ. މިހާރު މި އޮތް ގޮތަށް ހުރިހާ އެއްޗެއް ބޭރުން އެތެރެ ކުރުމުގެ ބަދަލުގައި ދިވެހީން ކައިބުއިމަށާއި، އެކިއެކި ބޭނުންތަކަށް ބޭނުންވާ ތަކެތި އަމިއްލަ ގައުމުގައި އުފައްދަން އެބަޖެހެއެވެ.
ހަމައެހެންމެ ރާއްޖެ މިއޮތް ސަރަހައްދުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ވެސް އިގުތިސާދަށް ދިރުން އަންނާނެ ކަމެކެވެ. ރާއްޖެ މި އޮތީ މުދާ އުފުލާ ކާގޯ ބޯޓް ފަހަރު ދަތުރު ކުރާ ރޫޓެއްގެ މެދުގައެވެ. ބައިނަލްއަގުމާވީ ޕޯޓެއް ހަދައިގެން އެތައް ނަފާއެއް ނެގެން އެބައޮތެވެ. ލަސްނުކޮށް އެކަންކަމުގެ އަމަލީ މަސައްކަތް ފަށަން މިވަނީ ޖެހިފައެވެ.
ސިންގަޕޫރަކީ ވެސް ކުޑަ ގައުމެކެވެ. ވަށައިގެން އޮތީ އާބާދީ ގޮތުން ވެސް އަދި ބިމުގެ ގޮތުން ބެލި ނަމަވެސް ބިޔަ، ބޮޑެތި ގައުމުތަކެވެ. ނަމަވެސް އެ ގައުމުގެ މިނިވަން ކަމަށް އެއްވެސް ބިރެއް ނެތެވެ. އެއީ އެ ގައުމު އިގުތިސާދީ ގޮތުން ވަރަށް ބާރުގަދަވުމުންނެވެ.
ސިންގަޕޫރުގެ ތަރައްގީގެ ބާނީ، ލީ ކުއާން ޔޫ އެ ގައުމުގައި ވެރިކަން ކުރެއްވީ 31 އަހަރެވެ. އެ މުއްދަތެއްގައި އޭނާ ވަނީ މަދިރި އުފެދޭ ޗަސް ބިމެއްގެ ގޮތުގައި އިނގިރޭސީންގެ އިސްތިޢުމާރުގެ ދުވަސްވަރު އޮތް ސިންގަޕޫރު، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފައިނޭންޝަލް ސެންޓަރަށް ހައްދަވައިފައެވެ. ގުދުރަތީ ވަސީލަތްމަދު ސިންގަޕޫރަށް މިހާ ހިސާބަށް އާދެވުނީ ވެރިއަކަށް ހުންނެވި ބޭފުޅާ އިހުލާސްތެރިވުމުންނެވެ. މި ރާއްޖޭގައި ވެސް ދިގު ވެރިކަމާއި ކުރު ވެރިކަންތައް ކޮށްފިއެވެ. ދިވެހީންނަށް އަދި ލިބިފައި ނެތީ އެފަދަ ވެރިއެކެވެ.
ހާލަތު ބަދަލުވާނީ އެކަން ކުރީމައެވެ. މިއަދު މިއީ އެކަން ކުރަން ނިޔަތް ގަންނަން ހަމަ އެންމެ ރަނގަޅު އެއް ދުވަހެވެ. އިގުތިސާދީ މިނިވަންކަން ހޯދަންވީއެވެ. އެ ނޫނީ ހަގީގީ މިނިވަންކަމެއް ނެތެވެ.