ބީއެމްއެލް ކާޑުތަކުން ޑޮލަރު ލިމިޓް ކުޑަކުރަނީ

މީހަކު ޑޮލަރުތަކެއް ގުނަނީ---ސަން ފޮޓޯ// މުހައްމަދު އަފްރާހް

ގައުމީ ބޭންކް، ބީއެމްއެލްގެ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރެވޭ އަދަދު ކުޑަ ކުރުމަށް ނިންމާފައިވާކަން "ސަން" އަށް އެނގިއްޖެއެވެ.

ބީއެމްއެލްއިން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން މިހާރު މަހެއްގެ މައްޗަށް 250 ޑޮލަރު، އަދި ކްރެޑިޓް ކާޑުތަކުން 750 ޑޮލަރުގެ މުއާމަލާތް މަހެއްގެ މައްޗަށް ކުރެވެއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ބީއެމްއެލްއަށް ޑޮލަރު ލިބުން ދަތިވެފައިވާތީ މިހާރު ކާޑުތަކަށް ދޭ ލިމިޓް ކުޑަކުރަން އެ ބޭންކުން ވަނީ ނިންމައިފައެވެ. އަދި އެކަން ވަރަށް އަވަހަށް އިއުލާން ކުރާނެއެވެ.

"ޑޮލަރުގެ ހާލަތު ވަރަށް ގޯސް. މިހާލަތު ރަނގަޅު ނުވާނަމަ ކާޑު ލިމިޓް ކުޑަކުރަން ނިންމާފައި ވަނީ،" މިކަމުގެ މައުލޫމާތު އެނގޭ ބޭފުޅަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިއެވެ.

ލިމިޓް ކުޑަ ކުރަނީ ކިހާ ވަރަކަށް ކަމެއް އަދި ސާފެއް ނުވެއެވެ.

މި ނިންމުމާ ގުޅޭގޮތުން ބީއެމްއެލްގެ ރަސްމީ ބަހެއް މިހާތަނަށް ވަނީ ލިބޭ ގޮތް ނުވެފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 25ގައި ސަރުކާރުން ނިންމައިފައިވަނީ، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ނެގެން އޮންނަ ލިމިޓު 750 ޑޮލަރުން 1200 ޑޮލަރަށް އިތުރުކުރާށެވެ. ނަމަވެސް ފަހުން އެކަން ތަންފީޒު ކުރެވޭ ގޮތެއް ނުވިއެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ބުނީ އެކަން ތަންފީޒު ކުރަން ދަތިތަކެއް އެބަހުރި ކަމަށާއި އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޑޮލަރުގެ ދަތިކަން ބޮޑުވެ، ބްލެކް މާކެޓްގައި ޑޮލަރެއްގެ އަގު 18 ރުފިޔާއިން މަތީގައި ހުންނަތާ ވެސް އެތައް މަހެއް މިވަނީ ވެފައެވެ. މުޅިންހެން އިމްޕޯޓަށް ބަރޯސާވެފައިވާ މި ރާއްޖޭގައި ޑޮލަރުގެ އަގު ބޮޑުވުމާއެކު ބާޒާރުގެ ތަކެތީގެ އަގުތައް ވަރަށް ބޮޑަށް އުފުލެއެވެ.

comment ކޮމެންޓް