ތައުލީމީ އެކަމަކު ނާގާބިލު ޖީލެއް: މި ވަނީ ކިހިނެއް؟

"ގައުމަށް ބޭނުންވަނީ ޢިލްމެއް ހިލްމެއް ނެތް ސަނަދުވެރިންތަކެއްގެ ބަދަލުގައި ގައުމުގެ ކަންކަމާ މެދު ފުންކޮށް ވިސްނަން ދަންނަ، ގައުމުގައި ހުރި މައްސަލަތައް ހައްލުކުރަން އެނގޭ ހުނަރުވެރި ބައެކެވެ،" މިދިޔަ ފަސް އަހަރު ތައުލީމީ ވަޒީރުކަން ކުރެއްވި އާއިޝަތު އަލީ ފޭސްބުކްގައި ލިޔުއްވިއެވެ.

ފާހަގަކުރައްވާފައި އޮތީ ބައެއް ދަރިވަރުން އެއްވެސް މައުނަވީ ކުރިއެރުމެއް ނުލިބި ތައުލީމީ ހަޔާތް ނިންމާލާ ކަމެވެ. މަދަރުސީ ދައުރުގެ 12 އަހަރު ނިންމާލާއިރު މައުލޫމާތާއި ހުނަރު ދަސްނުވަނީއެވެ. ދިރިއުޅުމުގެ ހާލަތްތަކުގައި މަދަރުސާއިން ދަސްވި ހުނަރަކާއި އިލްމެއް ބޭނުންކުރަން ދަސްނުވަނީއެވެ. އެއީ، ދިވެހިރާއްޖޭގައި ތައުލީމު ދޭން ފެށީއްސުރެ އެކަކަށް ވެސް އުޅެއުޅެ ޖަވާބެއް ނުލިބުނު ސުވާލެކެވެ. މިއީ ފަސް ބިލިއަން ރުފިޔާގެ އަގުހުރި ސުވާލެކެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ތައުލީމީ ކަންކަމަށް ފަސް ބިލިއަން ނުވަތަ 5،279.9 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

އޭގެ ތެރެއިން އެއް ބިލިއަން ރުފިޔާ ނުވަތަ 1،228.4 މިލިއަން ރުފިޔާއަކީ ޕްރައިމަރީ ތައުލީމަށް ޚަރަދުކުރަން ޖަހާފައި އޮތް އަދަދެވެ. އިތުރު 993 މިލިއަން ރުފިޔާ ތަމުރީނާއި ސްކޯލާޝިޕްތަކާއި އަދި ސަރުކާރުގެ ހިލޭ ޑިގުރީ ސްކީމާއި ސްޓޫޑެންޓް ލޯން ސްކީމަށް ހިމަނާފައިވެއެވެ. އެ ވަރުގެ ބޮޑު ހޭދައެއް ނުވަތަ އިންވެސްޓްމަންޓެއް ކުރަނީ 'ނޭޝަން ބިލްޑިން'އަށެވެ. ތައުލީމީ ޖީލެއް ބިނާކުރާށެވެ. ގައުމުގެ މުސްތަގުބަލު ރަނގަޅުކުރާށެވެ.

ކިތަންމެ ޚަރަދެއް ކުރިއަސް ނަތީޖާ ހާސިލެއްނުވޭ

ޅައުމުރުން ފެށިގެން 10 އަހަރު ވަންދެން މަދުރަސީ ތައުލީމު އުނގެނި "ޓޮޕް-10" ގައި ހިމެނިގެން މިހާރު އޭލެވެލްގައި ކިޔަވަމުން އަންނަ ދަރިވަރަކާ ދިމާވެގެން އެ ސުވާލުތައް އަހައިލީމެވެ. މަދުރާސާގައި ކިޔަވައިދެނީ ކޯޗެއްތޯއާއި ނިންމާފައި އެ ކުއްޖާ ކުރަން ބޭނުންވަނީ ކޮން ކަމެއްތޯއެވެ. ތައުލީމީ ނިޒާމާ މެދު އަބަދު ވެސް ހިތުގައި އޮންނަ ފާޑެއްގެ ސުވާލުތަކެއް ވާތީ، އެ ހުރިހާ ސުވާލެއް ކޮށްލީމެވެ.

ދަރިވަރުންތަކެއް މާލޭގެ ސްކޫލަކަށް ވަންނަނީ: ތައުލީމުގެ ފެންވަރާ މެދު ބޮޑެތި ސުވާލުތަކެއް އުފެދޭ -- ސަން ފޮޓޯ: މާހިލް އާތިފް

ފުރަތަމަ ކަމަކަށް، އޭލެވެލް ނިންމާފައި ދެން ވާންވީ ގޮތެއް އެ ކުއްޖާއަކަށް ނޭނގެއެވެ.

އެ ދުވަހު ދައްކަން ހުރީ ސިޔާސީ ވާހަކައެއް ވީމާ ދެން އަހައިލީ އޮޅުވާލައިފައެވެ. ރާއްޖޭގައި އޮންނަނީ ބަރުލަމާނީ ނިޒާމެއްކަން އެނގޭހެއްޔޭ، މި ނިޒާމުގައި ކަންކަން ހިނގާ ގޮތް ފައްކާ ހެއްޔޭ ސުވާލުކޮށްލީމެވެ.

"އާނ، ބަރުލަމާނީ ނިޒާމް،" ވާއެއްނުވާއެއް ނޭނގޭތީ ރާއްޖޭގައި އޮންނަނީ ބަރުލަމާނީ ނިޒާމެކޭ ބުނީމާ ވެސް އެއީ ހަގީގަތެއް ކަމަށް ހީކޮށްގެން އެ ކުއްޖާ ބުންޏެވެ. ބޮލުގައި އަތް އަޅާލައިފައި ދެން އަހައިލީ އެންމެން ވެސް ދަންނާނެ މައުޟޫއެއްގައެވެ. އެއީ، ފަލަސްތީނުގައި މި ހިނގަނީ ކޮން ހަނގުރާމައެއްތޯއާއި އެ މާތް ބިމުގައި ހުރި މާތް މިސްކިތުގެ ނަމަކީ ކޮބައިހެއްޔޭއެވެ.

އެ ވެސް އެ ކުއްޖާއަކަށް ނޭނގުނެވެ. އެކަމަކު، އެ ހިސާބަށް އައީ އިސްލާމް މާއްދާއިން ވެސް ފާސްވެގެންނެވެ.

މައްސަލައަކީ މައުލޫމާތުތަކެއް ނޭނގުމެއް ނޫނެވެ. މާދަމާ ގައުމުގެ ކަންކަމާ ބަސް ބުނާން ތިބި ޒުވާނުންގެ ލޯ މުޖުތަމައުގެ ކަންކަމަށް ނުހުޅުވޭތީއެވެ. ތައުލީމަށް ކޮންމެ އަހަރަކު ދައުލަތުން ކުރާ ބޮޑު ހޭދައިގެ ފޮނިމީރުކަން ނުފެންނާތީއެވެ. ޑިގުރީއާ ހަމައަށް ކިޔަވައިދޭން ކުރާ އެތައް އެތައް މިލިއަން ރުފިޔާއެއްގެ ހޭދައިން ގައުމީ ވިސްނުމުގެ، އިލްމުވެރި، ހިލްމުވެރި ޒުވާނުން ނުފެންނާތީއެވެ.

ލިޔަންކިޔަން ދަތުން ނުވަތަ ލިޓްރަސީ ރޭޓް 100 އިންސައްތައާ ގާތްކުރި ނަމަވެސް ބޮޑެތި މަހުޖަނުންނާއި ވަރުގަދަ ވިޔަފާރިވެރިން އުފެދޭ ނިސްބަތް އެހެން ގައުމުތަކާ އަޅާ ކިޔާއިރު މަދީއެވެ.

އެއް ސަބަބަކީ މަދަރުސާތަކުން ހަމައެކަނި ނަތީޖާއާ މެދު ވިސްނުމެވެ. އޭގެ އެއް ހެއްކަކީ 1980ގެ ފަހު އަހަރުތަކުގައި އެންމެ ރަނގަޅު 10 ނަތިޖާ ހޮވާން ފެށުމުން އޭރުގެ ބައެއް މަދަރުސާތަކުން "ދަށް" ދަރިވަރުން އަމިއްލަ ނަމުގައި އިމްތިހާނުގައި ބައިވެރިކޮށްފައި ހަމައެކަނި "މޮޅު" ނުވަތަ ޔަގީނަށް ވެސް އިމުތިހާނުން ފާސްވާނެ ދަރިވަރުން އެކަނި މަދަރުސާގެ ނަމުގައި އިމުތިހާނުގައި ބައިވެރިކުރުމެވެ.

ތައުލީމުން ގެންނަން ބޭނުންވާ ހަގީގީ ބަދަލަށްވުރެ ބޮޑަށް އިމުތިހާނުތަކުން ވަނަ ހޯދަން މަސައްކަތް ކުރުމަކީ މިހާރު ވެސް އެކަން އޮތް ގޮތެވެ.

މި ދޭ އިމުތިހާނުތަކުން ވަޒަން ނުކުރެވޭ އަދި ދިވެހި ތައުލީމީ ނިޒާމުގައި އޮތް އެންމެ ބޮޑު ބާގަނޑަކީ ވެސް ވިސްނާން ދަސްކޮށްނުދެވުމެވެ. އޭގެ ބަދަލުގައި ކުދިންނަށް ދަސްކޮށްދެނީ ވިސްނަންވީ ގޮތެވެ. ވަކި ގޮތަކަށް ވަކި ކަމަކާ މެދު ވިސްނާށެވެ. އަމިއްލައަށް ސިކުނޑި ހިންގައިގެން އޭގެ ބޭނުންކުރާކަށް ހަގީގީ މާނައިގައި ކުދިންނަށް ދަސްކޮށެއް ނުދެވެއެވެ. އޭގެ ނަތީޖާއަކީ އޭލެވެލް ނިމެންދާއިރު ވެސް ރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމެއްކަން ވެސް އެ ކުދިން ދެނެނުގަތުމެވެ.

ގަބުކަން ކަނޑުވާނީ ކިހިނެއް؟

ތައުލީމީ އެކަމަކު ނާގާބިލް ޖީލެކޭ ބުނެވޭ އެއް ސަބަބަކީ އިމުތިހާނުތަކުގައި އެ އޮންނަ ސުވާލުތައް ވަގުތުގައި ޖަވާބު ދެވުނަސް އެ ކަރުދާހުން ބޭރުން ކަމެއްގައި ވިސްނާން ނޭނގުމެވެ. އަމިއްލައަށް ސިކުނޑި ހިންގައިގެން އޭގެ ބޭނުންކުރަން ނޭނގުމެވެ.

ދިވެހީން އަބަދު ވެސް ނަމޫނާއަކަށް ބަލައި ސިންގަޕޫރުގައި މި މައްސަލަ ބޮޑުވީމާ 1997 ވަނަ އަހަރު، އެ ގައުމުގެ އޭރުގެ ބޮޑުވަޒީރު ގޯ ޗޮކް ޓޮންގް ހުށަހެޅުއްވީ 'ތިންކިން ސްކޫލްސް، ލާނިން ނޭޝަން'އެވެ.

https://sun.mv/193987

ފުރަތަމަ އަމާޒަކީ ސިންގަޕޫރު މީހުންނަކީ މަންމަގެ އުނގުން ފެށިގެން ކައްވަޅާ ހަމައަށް ވެސް އުނގެނޭ ބައެއް ކަމުގައި ހެދުމެވެ. ދެވަނަ އަމާޒަކީ 'ކްރިއޭޓިވް ތިންކިން'ގެ ހުނަރު ތަރައްގީކޮށް ކަންކަން ދަސްކުރުމާ މެދު ލޯބި ޖެއްސުމެވެ. ތިންވަނަ އަމާޒަކީ ކަންކަމާއި ފިކުރު ހިންގާ ނުވަތަ އަމިއްލަ ސިކުނޑިން ވިސްނާ މަސައްކަތްތެރިންތަކެއް އެ ގައުމުގައި އުފެއްދުމެވެ.

އެ އަމާޒަށް ވާސިލުވާން 'ތިންކިން ސްކޫލްސް، ލާނިން ނޭޝަން' އިނިޝިއޭޓިވްގެ ދަށުން ސިންގަޕޫރުގައި ގެނައި އެންމެ ބޮޑު އެއް ބަދަލަކީ 2006 ވަނަ އަހަރު އެޑްވާންސްޑް ލެވެލް މާއްދާއެއްގެ ގޮތުގައި ނޮލެޖް އެންޑް އިންކުއަރީ ނުވަތަ މައުލޫމާތާއި ކަންކަމާ މެދު ފިކުރު ހިންގުން ނުވަތަ ސުވާލުކުރުން ދަސްކޮށްދޭން ފެށީއެވެ.

ސިންގަޕޫރުގެ ކާމިޔާބީގެ ފަހަތުގައި ވިސްނުންތެރި ޖީލެއް ވާކަން އެއީ ވަކިނުކުރެވޭނެ ހަގީގަތެކެވެ.

ޕްރޮގްރާމް ފޯ އިންޓަނޭޝަނަލް ސްޓޫޑެންޓް އެސެސްމެންޓްގެ ރޭންކިންގައި އެންމެ މަތި ހޯދާ އެއް ގައުމު ކަމަށްވާ ނިއުޒިލަންޑްގެ މިސާލަކީ ވެސް އެއީއެވެ. އެ ގައުމުގެ ތައުލީމީ ނިޒާމުގައި ވެސް މިހާރު އެންމެ ބޮޑަށް އަމާޒު ހިފަނީ ޒަމާނީ ޓެކްނޮލޮޖީއާއި އާ އީޖާދީ ހޯދުންތަކުގެ އަލީގައި ތައާރަފުވާ ޓެކްނޮލޮޖިކަލް ފަސޭހަތަކުގެ ބޭނުން ހިފަން ދަންނަ ބައެއް ކަމުގައި އެ ގައުމުގެ މީހުން ހެދުމަށެވެ.

https://sun.mv/193083

އެ ގައުމުގެ ކަރިކިއުލަމްގެ އެންމެ މޮޅު އެއް ކަމަކީ މުދައްރިސުންނާއި މަދަރުސާތަކަށް ދީފައި އޮންނަ މިނިވަންކަމެވެ. ދަރިވަރުންނަށް ކަންކަން ބުނެދީ ތައުލީމީ ނިޒާމުގެ ތެރެއިން ހާސިލުކުރަން ބޭނުންވާ ކަންކަން ހާސިލުކުރުމުގައި އަމިއްލަ ހިޔާލާއި ވިސްނުން ބޭނުންކުރަން ދީފައި އޮންނަ ފުރުސަތެވެ. އެ ގައުމުގެ މަދަރުސާތަކުގައި ކިޔަވައިދޭންދާ މުދައްރިސުންނަކީ ފެންވަރު ރަނގަޅު ބައެއްކަން ކަށަވަރު ކުރާ ކުރުމެވެ.

ބޭނުންވާ ދާއިރާއަކުން ބޭނުންވާ މިންވަރަކަށް އިލްމާއި މައުލޫމާތު އޮތީ ހުޅުވިފައެވެ. ކްލާސްރޫމެއްގެ ތެރޭގައި ބަންދުވެފަކައެއް ނޫނެވެ.

ދިވެހި ތައުލީމީ ނިޒާމަށް ވެސް އެ ބަދަލުތައް އަންނަން ޖެހެއެވެ. ކިޔަވައިދޭ މުދައްރިސުންނަށް ޖީލެއް ބައްޓަންކުރުމުގެ ގާބިލުކަން ހުރި ބައެއްތޯ ޔަގީންކުރަން ޖެހެއެވެ. އާޓިފިޝަލް އިންޓެލިޖެންސާއި ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފަން ޖެހެއެވެ. އެންމެ މުހިންމު ކަމަކަށް އަމިއްލައަށް ކަންކަމާ ވިސްނަން ދަސްކޮށްދޭން ޖެހެއެވެ.

ވިސްނުންތެރި، ބުއްދިވެރި، އިލްމުވެރި ޖީލަކާ އެކު ގައުމުގެ ގިނަ މައްސަލަތައް ހައްލުވާނެއެވެ. ތައުލީމީ ނިޒާމުގެ ފުލުގައި ހުރި ބޮޑެތި ބާގަނޑުތައް ނުބައްދާ ނަމަ، ތައުލީމީ ފަޔަށް ކޮންމެ އަހަރަކު ދައުލަތުން މި އަޅަނީ ބޭކާރު ފެނެކެވެ. މި އަހަރު ވެސް މި ޚަރަދުކުރަނީ ބޭކާރު ފަސް ބިލިއަން ރުފިޔާއެކެވެ.

ތައުލީމީ އެކަމަކު ނާގާބިލް ޖީލެއްގެ އަސްލަކީ ނިޒާމުގައި ހުރި ބޮޑެތި ގޯސްތަކެވެ. މިވާ ގޮތް ވަރަށް ސާފެވެ.

comment ކޮމެންޓް