ގދ. ތިނަދޫ ސިޓީއަކަށް ބަދަލުކޮށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އެކަން އިއުލާނު ކުރެއްވި ނަމަވެސް އެ ރަށު ކައުންސިލް، ރަށު ކައުންސިލެއްގެ ގޮތުގައި ދެމިއޮތް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 51 ވަނަ މާއްދާއަށް އިސްލާހު މިއަދު ހުށަހަޅައިފިއެވެ.
ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދޭން އޭރުގެ ރައީސް ނިންމެވީ މިދިޔަ އޮގަސްޓު މަހުގެ 30 ވަނަ ދުވަހުއެވެ. އެކަމަކު، ގާނޫނު އޮތް ގޮތުން އެ ސިޓީގައި މިހާތަނަށް ވެސް އޮތީ ރަށު ކައުންސިލެކެވެ.
އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ނިންމީ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ފަހު، ތިނަދޫ ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ލިބޭ ގޮތަށް ގާނޫނަށް ބަދަލު ގެންނާށެވެ. އެ ކަންކުރުން ލަސްވެގެން ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މި ފަހުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ލާމަރުކަޒީ ކޮމިޓީން ނިންމި ގޮތަށް ގާނޫނަށް މިއަދު އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. އޭނާ ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 51 ވަނަ މާއްދާގެ ށ. ނ. ރ. ބ. އަދި ކ އަށް އިސްލާހުތަކެއް ހުށަހަޅުއްވައިފައެވެ. އެގޮތުން،
ށ. އަށް ހުށަހެޅި އިސްލާހަކީ މި ގާނޫނުގެ 50 ވަނަ މާއްދާގެ ދަށުން ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާ ރަށަކުން ނުވަތަ ރަށްތަކަކުން އެ ރަށެއް ތަމްސީލުކުރާ ކައުންސިލްގެ ދައުރު ހަމަވުމަށް އެއް އަހަރު ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ އެ ކައުންސިލެއްގެ ދައުރު ހަމަވުމުގެ ހަ މަސް ދުވަހުގެ ކުރިން މި ގާނޫނުގައި ބަޔާންކުރާ އެންމެހައި އިޖުރާއަތްތައް ފުރިހަމަކޮށް ނިންމަން ވާނެ ކަމަށެވެ. އަދި، އެ ރަށަކަށް ނުވަތަ ރަށްތަކަކަށް ސިޓީއެއްގެ ދަރަޖަ ލިބިގެންދާނީ އެ ސަރަހައްދު ސިޓީއަކަށް ބަދަލުވުމަށް ފަހުގައި ކަމަށް ކަނޑައެޅުމަށް ފަހު، އަލަށް އެކުލަވައިލެވޭ ކައުންސިލްގެ އިންތިޚާބަށް ފަހުގައި ކަމަށް ބަދަލުކުރަން ވެސް ވަނީ ހުށަހަޅައިފައެވެ.
ނ އަށް ހުށަހެޅި އިސްލާހަކީ މި ގާނޫނުގެ 50 ވަނަ މާއްދާގެ ދަށުން ސިޓީއެއްގެ ދަރަޖަ ހޯދަން އެދި ހުށަހަޅާ ރަށަކުން ނުވަތަ ރަށްތަކަކުން އެ ރަށެއް ނުވަތަ އެ ރަށްތައް ތަމުސީލުކުރާ ކައުންސިލްގެ ދައުރު ހަމަވުމަށް އެއް އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއް އޮތް ނަމަ، މި މާއްދާގައިވާ ގޮތުގެ މަތިން އެ ރަށަކީ ސިޓީއެއް ކަމުގައި ކަނޑައަޅައި އެ ރަށް ސިޓީއަކަށް ބަދަލުވާ ގޮތަށް ބަދަލުކުރުމެވެ.
ރ. އަށް ހުށަހެޅި އިސްލާހަކީ މި މާއްދާގެ ނ ގައި ބަޔާންކުރާ ހާލަތުގައި ރަށެއް ސިޓީއަކަށް ބަދަލުވެއްޖެ ނަމަ، އެ ރަށް ސިޓީއަކަށް ބަދަލުވުމުގެ ކުރިން އެ ރަށް ހިންގުމަށްޓަކައި އިންތިޚާބުކުރެވިފައި އޮތް ރަށު ކައުންސިލް އެ ރަށުގެ ސިޓީ ކައުންސިލަށް ބަދަލުވާ ގޮތަށް ހުށަހެޅި އިސްލާހެކެވެ. އެއަށް ފަހު، އެ ކައުންސިލްގެ ރައީސާއި ނައިބު ރައީސް އެ ސިޓީގެ މޭޔަރަށާއި ޑެޕިއުޓީ މޭޔަރަށް ބަދަލުވާނެއެވެ.
އެ އިސްލާހާ އެކު މިގޮތަށް އެކުލެވޭ ކައުންސިލް ދެމިއޮންނާނީ ރަށު ކައުންސިލްގެ ދައުރު ހަމަވަންދެނެވެ.
ބ. އަށް ހުށަހެޅި އިސްލާހަކީ ނ އާއި ރ ގައި ބަޔާންކުރާ ހާލަތުގައި ސިޓީއަކަށް ބަދަލުވެފައިވާ ރަށެއް، އެ ރަށް ސިޓީއަކަށް ބަދަލުވުމާ އެކު ސިޓީ ކައުންސިލަކަށް ލިބިދޭ އެންމެހައި ބާރުތަކާއި މަސްއޫލިއްޔަތުތައް އެ ކައުންސިލަށް ލިބޭ ގޮތަށް ހުށަހެޅި އިސްލާހެވެ.
ކ. އަށް ހުށަހެޅި އިސްލާހަކީ ސިޓިއެއް އުފައްދަނީ އިދާރީ ދާއިރާއެއްގައި ހިމެނޭ ހުރިހާ ރަށެއް އެކުވެގެން ކަމުގައި ވާނަމަ، އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލް އެ ހިނދުން ފެށިގެން އުވޭ ގޮތަށް ހުށަހެޅި އިސްލާހެކެވެ. އަދި، އަތޮޅު ކައުންސިލުން ބަލަހައްޓަމުން ގެންދިޔަ ތަންތަނާއި ދެމުންދިޔަ ޚިދުމަތްތައް ކުރިއަށް ގެންދާނީ އެގޮތުން އުފެދޭ ސިޓީ ކައުންސިލުން ކަމަށް އާ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
އިސްލާހު ހުށަހަޅުއްވަމުން ހިސާން ވިދާޅުވީ، ސިޓީ ކައުންސިލެއްގެ ދަރަޖަ ކޮށްފައި ހުރި މާލީ އިނާޔަތްތަކާއި ރިސޯސަސް ނުލިބުނު ކަމުގައި ވީނަމަވެސް އެ ފެންވަރުގައި ޚިދުމަތްތައް ދޭންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އެކަމަކު، އެއީ ގަބޫލުކުރެވޭ އަދި ހަމަޖެހޭ ކަމެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑަށް ގަބޫލުކުރެވެނީ މިއި ވަރަށް ދިމައިނުވާ ފުށުއަރައި ވާހަކަތަކެއް... އިސްލާހުކުރަން ހުށަހެޅީ މި ދެންނެވި ހަމަނުޖެހޭ ވާހަކަތަކަށް ޖާގަ ނުދޭން ވެގެން،" އޭނާ ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ތިނަދޫ ސިޓީއަކަށް ބަދަލުކޮށްދެއްވާފައި ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ދުވަސްވަރު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކަމަަށް ވައުދުވެވަޑައިގަތް ފަހުންނެވެ.
ކުރީގެ ރައީސް ޞާލިޙު ތިނަދޫ ސިޓީއަކަށް ބަދަލުކޮށްދެއްވުމުގެ ކުރީގައި އެ ރަށް ސިޓީއަކަށް ބަދަލުކޮށްދިނުމަށް އެދި އެ ރަށު ކައުންސިލުން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ވެސް ވަނީ އެދިފައެވެ.
ތިނަދޫ އަކީ ރާއްޖޭގެ ފަސްވަނަ ސިޓީއެވެ.