ތިނަދޫގެ މައްސަލަ މަޖިލީހުގައި އެޖެންޑާ ނުކުރާތީ މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފި

ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު:ތިނަދޫގެ މައްސަލައަށް ގާނޫނީ ފަރުވާއެއް މަޖިލީހުން ހޯދައިދިނުމަށް ގޮވާލުން -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނުމާ ގުޅޭ މައްސަލައަށް ރައްޔިތުންގެ މަޖިލީހުން ގާނޫނީ ފަރުވާއެއް ހޯދައިދޭން ޖެހޭ ނަމަވެސް އެ މައްސަލަ އެޖެންޑާ ނުކުރާތީ، ސިޓީތަކާ ހަވާލުވެހުންނެވި މިނިސްޓަރު އާދަމް ޝަރީފް އުމަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މައްސަލައަށް ވީހާވެސް އަވަހަކަށް ގާނޫނީ ފަރުވާއެއް މަޖީލީހުން ހޯދައިދޭނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި މިކަމަށް ޚާއްޞަ ސަމާލު ކަމެއްދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީން އެ މައްސަލަ ހައްލު ކުރުމަށް ވެސް، މީގެ ކުރިން މިނިސްޓަރު ގޮވާލައްވާފައިވެއެވެ. އެގޮތުން އޭނާ ވިދާޅުވެފައިވަނީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތިނަދޫ ސިޓީއެއްގެ ގޮތުގައި އިއުލާން ކުރައްވާފައިވަނީ، ތިނަދޫ ސިޓީއަކަށް ހަދާނެ ކަމަށް މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވުމުން، "އަވަސްއަރުއްވާލައްވައިގެން" ކަމަށެވެ.

އެ ނިންމެވުމާ ގުޅިގެން ސިޓީ ކައުންސިލެއްގެ ހުރިހާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އުފުލަންޖެހެނީ ރަށު ކައުންސިލުންކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ގާނޫނަށް އިސްލާހު ގެނެސްގެން ނަމަވެސް ކައުންސިލްގެ މައްސަލަ ހައްލު ކުރަން ޖެހޭ ކަމަށެވެ.

ތިނަދޫއަކީ ސިޓީއެއްކަމަށް ޞާލިޙް ނިންމެވި ނަމަވެސް، ގާނޫނު އަސާސީ އޮތްގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެންދެން އެ ސިޓީގައި ދެމިއޮންނާނީ ރަށު ކައުންސިލެއް ކަމަށް ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ ނިންމައިފައެވެ.

ކުރީ ސަރުކާރުގައި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިން ނަމަވެސް އެ ރަށު ކައުންސިލްގެ ހައިސިއްޔަތާ މެދު ސުވާލު އުފެދިގެން އެ ކައުންސިލުން ވަނީ މަޖިލީހަށް އެ މައްސަލަ ހުށަހަޅައިފައެވެ. އެހެންވެ، މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ގާނޫނު އިސްލާހުކުރަން ވެސް ނިންމިއެވެ.

https://sun.mv/186237

ރައީސް ޞާލިޙްގެ ވައުދުފުޅެއްގެ ދަށުން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވީ މިދިޔަ އަހަރުގެ އޮގްސްޓު މަހުގެ 30 ވަނަ ދުވަހުއެވެ.

comment ކޮމެންޓް