ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނުމާއި އެކު އެ ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދިނުމަށް ގާނޫނީ ގޮތުން އޮތް ހުރަސް ނައްތާލުމަށްޓަކައި، ލާމަރުކަޒީ ގާނޫނުގެ 51 ވަނަ މާއްދާއަށް އިސްލާހެއް ގެނައުމަށް މިއަދު ބޭއްވި ލާމަރުކަޒީ ކޮމިޓީން ނިންމައިފިއެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ތިނަދޫއަކީ ސިޓީއެއް ކަމަށް މިދިޔަ އޮގަސްޓު މަހުގެ 30 ވަނަ ދުވަހު ކަނޑައެޅުއްވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
އެކަން އިއުލާނުކުރުމާ އެކު ތިނަދޫ ކައުންސިލްގެ ހައިސިއްޔަތާ މެދު ގިނަ ބަޔަކު އަންނަނީ ގާނޫނީ ގޮތުން ސުވާލު އުފައްދަމުންނެވެ. އެ ރަށު ކައުންސިލްގެ ހައިސިއްޔަތާ މެދު ސުވާލު އުފެދިގެން އެ ކައުންސިލުން ވަނީ މަޖިލީހަށް އެ މައްސަލަ ވެސް ހުށަހަޅައިފައެވެ.
އެހެންވެ، މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން އެންމެ ފުރަތަމަ ނިންމީ ދައުރު ހަމަނުވި ނަމަވެސް ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ލިބޭނެ ކަމަށެވެ.
އެކަމަކު، އެ ނިންމުމާ ގުޅިގެން މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވި ލަފާގައި ބުނެފައިވަނީ ކޮމިޓީގެ ނިންމުން ގާނޫނާ ހިލާފު ކަމަށެވެ.
ފިލްޒާގެ ލަފާގައިވަނީ ލާމަރުކަޒީ ގާނޫނުގެ 51 ވަނަ މާއްދާއިން، ރަށު ކައުންސިލެއް އިންތިޚާބުކޮށް ދައުރު ހަމަނުވަނީސް އެ ރަށެއް ސިޓީއަކަށް ބަދަލުވި ނަމަވެސް އެ ސިޓީ ހިންގާނީ ރަށު ކައުންސިލުންކަން ސާފުވާ ކަމަށެވެ. އެހެންވެ، ރަށު ކައުންސިލަށް އިންތިޚާބުވި މެންބަރުންނަށް ސިޓީ ކައުންސިލްގެ މެންބަރުކަމާއި މޭޔަރުކަން ދެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ފިލްޒާ ގަބޫލުކުރައްވައެވެ.
އެހެންވެ، މިއަދު ކޮމިޓީން ނިންމާފައި ވަނީ އެ ގާނޫނަށް އިސްލާހެއް ގެނައުމަށެވެ. އެގޮތުން ކޮމިޓީން ގެންނަ ބައެއް އިސްލާހުތަކަކީ:
- ކައުންސިލްގެ ރައީސާއި ނައިބު ރައީސް ސިޓީ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރަށް ބަދަލުވާނެ އިސްލާހެއް
- ސިޓީއަކަށް ބަދަލުކުރިއިރު ކައުންސިލްގެ ދައުރުގައި އެއް އަހަރަށް ވުރެ ކުރު މުއްދަތެއް އޮތްނަމަ ދައުރު ހަމަވުމުގެ ހަ މަސް ދުވަސް ކުރިން ސިޓީ ކައުންސިލަކަށް ބަދަލުވާނެ އިސްލާހެއް
- އެއް އަހަރަށް ވުރެ ދައުރު ދިގު ނަމަ ކައުންސިލްގެ ދަރަޖަ ސިޓީ ކައުންސިލަކަށް ބަދަލުވާނެ އިސްލާހެއް.
ނަމަވެސް އެ ކައުންސިލެއް ސިޓީ ކައުންސިލަކަށް ބަދަލުވުމަށް ފަހު އެ ދައުރު ދެމި އޮންނާނީ ރަށު ކައުންސިލްގެ ދައުރު ހަމަވަންދެންނެވެ.
މީގެ އިތުރުން، ސިޓީ ކައުންސިލްގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ލިބޭނެ ގޮތަށް މި އިސްލާހަށް ބަދަލު ގެނައުމަށް ކޮމިޓީން ނިންމާފައިވެއެވެ.
މީގެ ކުރިން ތިނަދޫގައި ސިޓީ ކައުންސިލް އިދާރާއެއް ގާއިމުކުރުމަށް ގާނޫނީ ގޮތުން ހުރަސްތަކެއް އެބަހުރި ކަމަށް މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް، އާދަމް ޝަރީފް އުމަރު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭރު މިނިސްޓަރު ވެސް ފާހަގަކުރެއްވީ ގާނޫނަށް އިސްލާހެއް ގެނައުމެވެ.
ކުރީ ސަރުކާރުން ތިނަދޫ ސިޓީއަކަށް ބަދަލުކޮށްދެއްވާފައި ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ދުވަސްވަރު ރައީސް މުއިއްޒު އެކަމަަށް ވައުދުވެވަޑައިގަތް ފަހުންނެވެ.
ކުރީގެ ރައީސް ޞާލިޙު ތިނަދޫ ސިޓީއަކަށް ބަދަލުކޮށްދެއްވުމުގެ ކުރީގައި އެ ރަށް ސިޓީއަކަށް ބަދަލުކޮށްދިނުމަށް އެދި އެ ރަށު ކައުންސިލުން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ވެސް ވަނީ އެދިފައެވެ.
ތިނަދޫ އަކީ ރާއްޖޭގެ ފަސްވަނަ ސިޓީއެވެ.