ހާހަކަށް ވުރެ ގިނަ ކެންޑިޑޭޓުންނާއެކު އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ފަށައިފި

އެމްޑީޕީ އިންތިޚާބުގައި މީހަކު ވޯޓު ލަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ހާހަކަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ، އެމްޑީޕީގެ އެތެރޭގެ އިންޚާބު މިއަދު ފަށައިފިއެވެ.

މި އިންތިޚާބުގެ ވޯޓުން މިރޭ 20:00އާ ހަމައަށް ކުރިއަށްދާއިރު، ހާހަކަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެއެވެ. އެއީ، ޖުމުލަ 1،612 ކެންޑިޑޭޓުންނެވެ.

މި އިންތިޚާބުގައި މާލެ ސަރަހައްދުގެ ނުވަ ސުކޫލެއްގައި ވޯޓު ފޮށިތައް ވަނީ ބަހައްޓާފައެވެ. އޭގެތެރޭގައި، މާލޭގެ ހަ ސުކޫލާއި ހުޅުމާލޭގެ ދެ ސުކޫލާއި ވިލިމާލޭގެ ސުކޫލެއް ހިމެނެއެވެ.

މި އިންތިޚާބުގައި، 1،102 މަގަމާކަށް މީހުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އެމްޑީޕީ އިންތިޚާބުގައި އަތޮޅު އަދި ސިޓީތަކުން އެ ޕާޓީގެ ގައުމީ މަޖިލީހަށް އިންތިޚާބުކުރާ މެމްބަރުންނާއި ރަށު އަދި ސިޓީ ދާއިރާތަކުން ޤައުމީ މަޖިލީހަށް އިންތިޚާބު ކުރާ މެމްބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީގެ ވޯޓުލުން ކުރިއަށް ދަނީ ---- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މި އިންތިޚާބުގައި، ސިޓީ އަދި ރަށު ދާއިރާތަކުގެ ނައިބު ރައީސާއި ރަށު އަދި ސިޓީ ދާއިރާތަކުގެ ސެކޭޓްރީންނާއި ރަށު އަދި ސިޓީ ދާއިރާތަކުގެ އަންހެން ސެކޭޓްރީންނާއި ރަށު އަދި ސިޓީ ދާއިރާތަކުގެ ޒުވާނުންގެ ސެކޭޓްރީން ހޮވާނެއެވެ.

މީގެ އިތުރުން، އަންހެނުންގެ ރޫހުގެ ރައީސާއާއި އަންހެނުންގެ ރޫހުން ޤައުމީ މަޖިލީހަށް އިންތިޚާބުކުރާ ފަސް މެމްބަރުންނާއި ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ޒުވާނުންގެ ހިތްވަރުން ޤައުމީ މަޖިލީހަށް އިންތިޚާބުކުރާ ފަސް މެމްބަރުން އައްޔަންކުރާނެއެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ، 53،457 މީހުންނަށެވެ.

އަންނަ އަހަރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮތްއިރު މި އިންތިޚާބަކީ ރިޔާސީ ޓިކެޓަށް ވާދަ ކުރާ ކެންޑިޑޭޓުންނަށް ވެސް މުހިންމު އިންތިޚާބެކެވެ.

comment ކޮމެންޓް