ރާއްޖޭގައި އެހެން ގައުމެއްގެ ސިފައިން ނުތިބޭ ހިސާބަށް ވަރަށް އަވަހަށް ދާނެ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

ދިވެހީންގެ ގާބިލްކަން އިތުރުކޮށް، ރާއްޖޭގައި ބޭރުގެ ސިފައިން ނުތިބޭ ހާލަތަށް ވަރަށް އަވަހަށް ދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

"ރައީސްގެ ޖަވާބު" ސީރީސްގައި ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލުމުގެ ކަންކަން ހިނގަމުންދާގޮތާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެންމެ އިސްކަމެއްގެ ގޮތުގައި ދެކޭ ކަމަކީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެކަން ޔަގީން ކުރުން ކަމަށެވެ.

"އެހެންކަމުން މިހާރު ރާއްޖޭގައި ތިބި އިންޑިއާގެ މިލިޓިރީ ސިފައިން ރާއްޖެއިން ގެންދިއުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތައް އަޅުގަނޑު ވެރިކަމާ ހަވާލުވި ފުރަތަމަ ދުވަހު ރަސްމީކޮށް ފަށައިފިން. އެ މަސައްކަތް ޑިޕްލޮމެސީގެ ރިވެތި އުސޫލުގެ މަތިން މަޝްވަރާތައް ދަނީ ވަރަށް ބާރަށް ކުރިއަށް،" ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި ފެށޭ މާޗު މަހުގެ ދިހަވަނަ ދުވަހާ ހަމައަށް ދާއިރުގައި އެ ޕްލެޓްފޯމްގެ ސިފައިން ގެންދާނެ. ދެން މޭ މަސް އަންނަންވާއިރަށް ދެން ހުރި ޕްލެޓްފޯމްގެ ސިފައިން އިރާދަކުރެއްވިއްޔާ އަނބުރާ ގެންދާނެ،"

ރައީސް ވިދާޅުވީ މިހާރު ކުރެވޭ މަސައްކަތަކީ ދިވެހީންގެ ގާބިލްކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތް ކަމަށެވެ. އެގޮތުން ކުއްލި ފަރުވާ ބޭނުންވާ ބަލި މީހުން އުފުލުމުގަޔާއި ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ދިވެހީން އަމިއްލައަށް މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރައްޔިތުންނަށް ޔަގީންކަން މި ދެނީ މި ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭ ހިސާބަށް ވަރަށް އަވަހަށް ގެންގޮސް ދޭނަން،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސްގެ ރިޔާސީ ވައުދަކަށްވާއިރު އެކަން ކުރެއްވުމަށްޓަކައި ދެ ގައުމުން އަންނަނީ މަޝްވަރާތަކެއް ކުރަމުންނެވެ. އެކަމުގެ މުހިންމު ކަންކަމަށް ވަނީ އެއްބަސްވެފައެވެ.

comment ކޮމެންޓް