ރުހުން ނުދިން ވަޒީރުންނަށް ރުހުން ހޯދަން ހުށަހަޅައިފި

ރުހުން ނުދިނުމުން އަލުން އައްޔަން ކުރެއްވި ތިން މިނިސްޓަރުން--

ރައްޔިތުން މަޖިލީހުން ރުހުން ނުދިނުމުން އަލުން މަގާމަށް އައްޔަން ކުރެއްވި ތިން މިނިސްޓަރުންނަށް ރުހުން ހޯދަން މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމަށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ދައުރުން ބޭރުން ބޭއްވި ޖަލްސާގައި، އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ރުހުން ދީފައި ނުވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި ބަންޑާރަނައިބު އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ.

ރުހުން ނުދިނުމާއެކު ހަމަ އެ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އަލުން އެ ތިން ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކުރައްވައިފައެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު "ސަން" އަށް ވިދާޅުވީ އެ ތިން މިނިސްޓަރުންނަށް ރުހުން ހޯދަން ރައީސް އޮފީހުން މިއަދު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމާމެދު އަމަލު ކުރާނެ ވަކިގޮތެއް މަޖިލީހުން އަދި ނުނިންމާ ކަމަށް ޒިޔާއު ވިދާޅުވިއެވެ.

މަޖިލީހުން ރުހުން ނުދިން ބޭފުޅުން އަނެއްކާ މަގާމަށް އައްޔަން ކުރެއްވުމަކީ މަޖިލީހުގެ ނިންމުމަށް ސަރުކާރުން ގޮންޖެހުން ކަމަށް މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީއިން ސިފަ ކުރެއެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގައި އެ ދުވަހު ނެގި ވޯޓުގައި ޝަހީމަށް ރުހުން ނުދޭން 31 މެންބަރުން ވޯޓު ދިންއިރު އޭނާއަށް ރުހުންދޭން ވޯޓު ދެއްވީ 30 މެންބަރުންނެވެ.

އުޝާމް ބަންޑާރަނައިބު ކަމަށް އައްޔަންކުރަން ރުހުންދޭން ވޯޓު ދީފައިވަނީ 24 މެންބަރުންނެވެ. ވޯޓުގައި ބައިވެރިވެވަޑައިގެން ބާކީ 44 މެންބަރުން ވޯޓު ދިނީ އުޝާމަށް ރުހުން ނުދިނުމަށެވެ.

ހައިދަރަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި 46 މެންބަރުން ވަނީ އޭނާއަށް ރުހުން ނުދޭން ވޯޓު ދީފައެވެ. ރުހުންދޭން ވޯޓު ދެއްވީ 26 މެންބަރުންނެވެ.

އެ ތިން ވަޒީރުން ފިޔަވައި ސަރުކާރުގައި ތިއްބެވި 19 ވަޒީރުންނަށް މަޖިލީހުން ވަނީ ރުހުންދީފައެވެ.

comment ކޮމެންޓް