24 ގަޑިއިރު ރާއްޖޭގެ އީއީޒެޑް ބެލެހެއްޓޭނެ ގާބިލުކަން އަސްކަރިއްޔާގައި ގާއިމުކުރާނަން: ރައީސް

ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް ރައްޔިތުންގެ މަޖިލީހުގައި -- ފޮޓޯ: މަޖިލިސް

ރާއްޖޭގެ ހާއްސަ އިގްތިޞާދީ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓޭނެ ގާބިލްކަން ދިވެހި އަސްކަރިއްޔާގައި ގާއިމްކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު އެ މަނިކުފާނު އިއްވެވި އެންމެ ފުރަތަމަ ރިޔާސީ ބަޔާނުގައެވެ.

އެގޮތުން އެ މަނިކުފާނު ވިދާޅުވީ މި އަހަރު ތެރޭގައި ރާއްޖޭގެ 900،000 އަކަކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން (އީއީޒެޑް) 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ޤާބިލުކަން ދިވެހި އަސްކަރިއްޔާގައި ގާއިމުކޮށްދެއްވާނެ ކަމަށެވެ.

"ރާއްޖޭގެ 900،000 އަކަކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ޤާބިލްކަން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ޤާއިމް ކުރެވިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ގައުމުގެ މިނިވަންކަމާ އިސްތިޤްލާލު ރައްކާތެރިކުރުމާއެކު، ގައުމުގެ ކަންކަން ހިންގުމުގައި އަޅުގަނޑުމެން ހިފަހައްޓާނެ އެންމެ މައިގަނޑު އުސޫލަކީ، ދިވެހީންނަށާއި ދިވެހި ގައުމަށް އިސްކަން ދިނުން ނުވަތަ 'ޕްރޯ މޯލްޑިވްސް' ގެ ސިޔާސަތު ކަމަށެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވުމާއެކު، މިއަދުގެ ރިޔާސީ ބަޔާނުގައި ވެސް ވަނީ އިންޑިއާ އަސްކަރީ ސިފައިން ރާއްޖެއިން ބޭލުވުމާ ގުޅޭ މަޝްވަރާތަކުގެ ވާހަކަފުޅުތައް ވެސް ހިއްސާކުރައްވައިފައެވެ.

އަދި ރައްޔިތުން މި ސަރުކާރު އިންތިޚާބު ކުރުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެއީކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މިފަދައިން ވިދާޅުވިއިރު، މިދިޔަ ހަފުތާގެ ތެރޭ، ރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުގެ ތެރޭ މަސްވެރިކަން ކުރަމުން ދިޔަ ދޯނިތަކަކަށް، ރާއްޖޭގެ ސަރަހައްދުގެ ތެރެއަށް ހުއްދަ ނުނަގައި ވަދެ އޮތް އިންޑިއާ ސިފައިން ގެ މަނަވަރަކުން ސިފައިން ދޯނިތަކަށް އެރި މައްސަލަ ވަނީ ފެންމަތިވެފައެވެ.

އެ ކަމާ ގުޅިގެން ވެސް ސަރުކާރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެެ. އަދި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުން އިތުރަށް ހަރުދަނާ ކުރާނެކަމަށް ބުނެފައެވެ.

comment ކޮމެންޓް