ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އިތުރަށް ހުރަސްއަޅައިނަމަ، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ހޯމް މިިނިސްޓަރު އަލީ އިހުސާނަށް ވެސް ރުހުން ނުދޭން އެމްޑީޕީން މިއަދު ނިންމައިފިއެވެ.
ވަޒީރުންނަށް ރުހުންދިނުމުގެ ޖަލްސާ ބާއްވަން އިއްޔެއިން ފެށިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު، މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ހަތަރު ވަޒީރަކަށް ރުހުންނުދޭން ނިންމުމުން، ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ގެންދަވަނީ ޖަލްސާއަށް ހުރަސްއަޅަމުންނެވެ. އެހެންވެ، މިއަދު 1:00 ގައި ފަށަން މަސައްކަތް ކުރި ޖަލްސާ ވެސް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ވަނީ ޖަލްސާތަކަށް ހުރަސްއަޅައިނަމަ، ޑިފެންސް މިނިސްޓަރު ޣައްސާނާއި ހޯމް މިނިސްޓަރު އިހުސާނަށް ވެސް ރުހުންނުދޭން ނިންމައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މަޖިލީހުގައި ހިނގި ހަމަނުޖެހުންތަކާއި ރުހުންނުދޭން ނިންމުމާ ގުޅިގެން އިއްޔެ ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން ވަނީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ހުށަހަޅައިފައެވެ.
މައްސަލަ ހޫނުވެފައި އޮއްވައި، އެމްޑީޕީން މިއަދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރަން ވެސް ސޮއިހަމަކޮށްފައެވެ.
މަޖިލީހުން ރައީސް ވަކިކުރަން ފަސޭހަވާގޮތަށް މި ފަހުން ވަނީ މަޖިލީހުގެ ގަވާއިދު ވެސް އިސްލާހުކޮށްފައެވެ. މިހާރު މަޖިލީހުގައި އެމްޑީޕީގެ 43 މެންބަރުން ތިއްބަވައެވެ. އަދި، ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ 13 މެންބަރުން ތިއްބަވައެވެ. އެއީ، ޖުމުލަ 56 މެންބަރުންނެވެ.
ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން 56 މެންބަރުންގެ ވޯޓާ އެކު ރައީސް އަޒުލުކުރެވޭނެއެވެ.
ސަރުކާރުގެ ހަތަރު ވަޒީރަކަށް ރުހުންނުދޭން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން އިއްޔެ ނިންމުމާ އެކު ސަރުކާރަށް ތާއީދުކުރައްވާ މަޖިލީސް މެންބަރުން އަންނަނީ މަޖިލީހުގެ ޖަލްސާއަށް ހުރަސްއަޅަމުންނެވެ. އެހެންވެ، ވަޒީރުންނަށް ރުހުންދިނުމުގެ މަސައްކަތް އިއްޔެއާއި ރޭ ވެސް ކުރިއަށް ގެންދަން މަސައްކަތް ކުރި ނަމަވެސް ޖަލްސާ ބޭއްވިފައެއް ނުވެއެވެ.
އެމްޑީޕީން ރުހުންނުދޭން ނިންމި ހަތަރު ވަޒީރުންނަކީ؛
- ބަންޑާރަނައިބު އަހުމަދު އުޝާމް
- އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު
- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
މިއަދު ވެސް މަޖިލީހުގެ ޖަލްސާ ބާއްވަން މަސައްކަތްކުރި ނަމަވެސް މިއަދު ވެސް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ހުރަސްއެޅުމުގެ ސަބަބުން ޖަލްސާ ކުރިއަށް ނުގެންދެވިގެން ވަނީ މެދުކަނޑައިލައިފައެވެ.