ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ބޭނުންވާ އަދަދަށް އިދިކޮޅު އެމްޑީޕީން ސޮއިހަމަކޮށްފިއެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރަކު މިއަދު 'ސަން'އަށް ވިދާޅުވީ، އެމްޑީޕީއާއި ޑިމޮކްރެޓުން ގުޅިގެން ރައީސް މުއިއްޒު އަޒުލުކުރަން ބޭނުންވާ އަދަދަށް މެންބަރުންގެ ސޮއިހަމަކޮށްފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި ސޮއިހަމަކުރި ނަމަވެސް އެ މައްސަލަ އަދި ހުށައެއް ނާޅައެވެ.
މަޖިލީހުގައި އިއްޔެގެ ހިނގި ހަމަނުޖެހުންތަކަށް ފަހުގައި ވަޒީރުންނަށް ރުހުންދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.
މަޖިލީހުން ރައީސް ވަކިކުރަން ފަސޭހަވާގޮތަށް މި ފަހުން ވަނީ މަޖިލީހުގެ ގަވާއިދު ވެސް އިސްލާހުކޮށްފައެވެ. މިހާރު މަޖިލީހުގައި އެމްޑީޕީގެ 43 މެންބަރުން ތިއްބަވައެވެ. އަދި، ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ 13 މެންބަރުން ތިއްބަވައެވެ. އެއީ، ޖުމުލަ 56 މެންބަރުންނެވެ.
ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން 56 މެންބަރުންގެ ވޯޓާ އެކު ރައީސް އަޒުލުކުރެވޭނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެ މައްސަލައިގައި އިއްޔެ ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ހުށަހަޅައިފައެވެ. އެ މައްސަލައިގައި ސޮއިކޮށްފައިވަނީ 23 މެންބަރުންނެވެ.
ސަރުކާރުގެ ހަތަރު ވަޒީރަކަށް ރުހުންނުދޭން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން އިއްޔެ ނިންމުމާ އެކު ސަރުކާރަށް ތާއީދުކުރައްވާ މަޖިލީސް މެންބަރުން އަންނަނީ މަޖިލީހުގެ ޖަލްސާއަށް ހުރަސްއަޅަމުންނެވެ. އެހެންވެ، ވަޒީރުންނަށް ރުހުންދިނުމުގެ މަސައްކަތް އިއްޔެއާއި ރޭ ވެސް ކުރިއަށް ގެންދަން މަސައްކަތް ކުރި ނަމަވެސް ޖަލްސާ ބޭއްވިފައެއް ނުވެއެވެ.
އެމްޑީޕީން ރުހުންނުދޭން ނިންމި ވަޒީރުންނަކީ؛
- ބަންޑާރަނައިބު - އަހުމަދު އުޝާމް
- އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު - މުހައްމަދު ސައީދު
- އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު - ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ބޯހިޔާވަހިކަމާ ބެހޭ ވަޒީރު - ޑރ. އަލީ ހައިދަރު
މިއަދު އެމްޑީޕީން ވަނީ ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން އިތުރަށް ޖަލްސާއަށް ހުރަސްއަޅައިނަމަ، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ހޯމް މިނިސްޓަރު އަލީ އިހުސާނަށް ވެސް ރުހުންނުދޭން ނިންމައިފައެވެ.
މިއަދު ވެސް މަޖިލީހުގެ ޖަލްސާ ބާއްވަން މަސައްކަތްކުރި ނަމަވެސް މިއަދު ވެސް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ހުރަސްއެޅުމުގެ ސަބަބުން ޖަލްސާ ކުރިއަށް ނުގެންދެވިގެން ވަނީ މެދުކަނޑައިލައިފައެވެ.