ސްޓެލްކޯގެ މުވައްޒަފަކު ފިހިގެން ނިޔާވުން: އާއިލާއަށް ދޭ ބަދަލާއި ތަހުގީގުގެ ތަފުސީލު މަޖިލީހުން ހޯދަނީ

ފިހިގެން ނިޔާވި އަޒްމީލް: އޭނާ ނިޔާވި ހާދިސާގެ ތަހުގީގާއި، އާއިލާއަށް ދޭ ބަދަލާ ގުޅޭ ތަފުސީލު ހޯދަން ކުޑޫވަނީ ހުށަޅުއްވައިފައި --

މިދިޔަ މަހުގެ 26ގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައި, ސްޓެލްކޯގެ މުވައްޒަފަކު ފިހިގެން ނިޔާވި މައްސަލައާ ގުޅޭ ތަފުސީލުން ރައްޔިތުން މަޖިލީހުން ހޯދުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ވަރަށް ބޮޑަށް ފިހުމުގެ ސަބަބުން, ތައިލޭންޑްގެ ބެންކޮކުން ފަރުވާ ދެމުން ދަނިކޮށް, މިދިޔަ ބުރާސްފަތި ދުވަހު ނިޔާވީ, ސްޓެލްކޯގެ ސްޕަވައިޒަރެއްގެ މަގާމުގައި ހުރި, އަޙްމަދު އަޒްމީލް (ޗީފް), 43, އެވެ. އޭނާ ސްޓެލްކޯގައި މަސައްކަތް ކުރާތާ 21 އަހަރަށް ވުރެން ގިނަ ދުވަސް ވަނީ ވެފައެވެ.

އަޒްމީލްގެ ހަށިގަނޑު އިއްޔެ މާލެ ގެނެސް، ރޭ ވަނީ ޖަނާޒާ ބާއްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މިއަދު ވަނީ، އެ މައްސަލައާ ގުޅޭ ގޮތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ސްޓެލްކޯ މެދުވެރިކޮށް މައުލޫމާތު ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

https://sun.mv/215389

ކުޑޫ ހުށަހެޅުއްވި ސުވާލުތަކުގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުން މަސައްކަތް ކުރާ މާހައުލުތަކަކީ ސަލާމަތީ ކަންކަން ފުރިހަމަ ވެފައިވާ މާހައުލުތަކެއްތޯ ބަލަމުންދޭތޯއާއި އެކަމަށް އުސޫލުތައް ހަދައިފައިވޭތޯ ހިމެނެއެވެ. އަދި އަޒްމީލް ނިޔާވި ހާދިސާ ހިނގަން ދިމާވި ސަބަބު ބެލުމަށްޓަކައި، ތަހުގީގެއް ހިންގައިފައިވާނަމަ އޭގެ ތަފުސީލް ހިއްސާކުރުމަށް އޭނާ އެދިވަޑައިގަތެވެ.

ކުޑޫ މަޖިލީހުގައި: އަޒްމީލް ނިޔާވި ހާދިސާގެ ތަހުގީގާއި، އާއިލާއަށް ދޭ ބަދަލާ ގުޅޭ ތަފުސީލު ހޯދަން އޭނާ ވަނީ އެދިވަޑައިގެންފައި -- ފޮޓޯ/ މަޖިލިސް

އެ ތަހުގީގުން ފާހަގަވި މައިގަނޑު ނުކުތާތަކާއި، ހާދިސާ ދިމާވަން މެދުވެރިވި ސަބަބާއި އެއްވެސް ފަރާތެއްގެ އިހުމާލެއް ވާނަމަ، އެކަމާއމެދު ސްޓެލްކޯއިން އަމަލުކުރަން ނިންމާފައިވަނީ ކިހިނެއްތޯ ވެސް ކުޑޫ ސުވާލުކުރައްވާފައިވެއެވެ. އަދި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް، އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ ވެސް އޭނާ އައްސަވާފައިވެއެވެ.

ހަމައެއާއެކު، ސްޓެލްކޯގެ މަސައްކަތުގެ މާހައުލުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ހެލްތު އެންޑް ސޭފްޓީ ޕޮލިސީއެއް އޮވޭތޯއާއި ވަޒީފާގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ރިސްކް އެސެސްމަންޓާއި ރިސްކް ރިޑަކްޝަންގެ އުސޫލުތައް ހަދައިފައިވޭތޯ ވެސް ކުޑޫގެ ސުވާލުތަކުގެ ތެރޭގައި ހިމެނެއެވެ.

އޭނާ ވަނީ އެ ކަމާ ގުޅޭ ލިޔެކިޔުންތައް ވެސް މަޖިލީހާ ހިއްސާކުރުމަށް އެދިވަޑައިގެންފައެވެ. އަދި އެ ރިސްކް އެސެސްމަންޓްތައް، އެސްއޯޕީގައި ބަޔާންކުރާ ތާވަލާ އެއްގޮތަށް ހެނދޭތޯއާއި އެފަދަ ހާދިސާތައް ހިނގުން މަދުކުރުމަށް، ސްޓެލްކޯއިން އަމަލުކުރާ ގޮތްތަކަކީ ކޮބައިތޯ ކުޑޫ އައްސަވައިފައިވެއެވެ.

"ވަޒީފާގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުގައި ބުނާ ފަދައިން، މި ހާދިސާގައި ނިޔާވެފައިވާ ފަރާތަށް ކޮންޕެންސޭޝަން ހަމަޖައްސައިދިނުމުގެ ކަންކަންކުރެވެމުން ދޭތޯ؟ އަދި މިކަމުގެ ސަބަބުން ނިކަމެތިވެފައިވާ އާއިލާއަށް، ކުންފުނިން އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ނިންމާފައިވޭތޯ؟" ކުޑޫގެ ސުވާލުތަކުގައި ހިމެނެއެވެ.

ސްޓެލްކޯއިން ހުޅުމާލޭގައި ހުޅުވި ބެކަޕް އިންޖީނުގެ: ސްޓެލްކޯއިން މުވައްޒަފުންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކުގެ ތަފުސީލު ހޯދަން ވަނީ ނިންމައިފައި --- ސަން ފޮޓޯ

އޭނާ ވަނީ، އެ ބަދަލުގެ ތަފުސީލާއި ބަދަލު ހޯދައި ދެވޭނެ ތާރީޚެއް ވެސް ހޯދުމަށް ހުށަހަޅުއްވައިފައެވެ.

މީގެ އިތުރުން ކުޑޫ ކުރެއްވި ސުވާލުތަކަކީ:

  • ސްޓެލްކޯގައި ސާފު އެސްއޯޕީތަކާއި، ސަލާމަތީ އިޖުރާއަތްތަކާއި، ނުރައްކަލުގެ އެސެސްމަންޓްތަކާއި، ޕްރޮޓޮކޯލްތައް ހެދިފައި އެބަހުރިތޯ؟ ހުރިނަމަ އެފަދަ ލިޔެކިޔުން ރައްޔިތުންގެ މަޖިލީހާ ހިއްސާ ކޮށްދެއްވުމަށް؟ ނެތްނަމަ، ނެތީ ކީއްވެގެންތޯ؟ މި މަސައްކަތް ނިންމާނެ ތާރީޚަކީ ކޮބައިތޯ؟
  • ސްޓެލްކޯގައި 'ހެލްތް އެންޑް ސޭފްޓީ މެނޭޖްމަންޓް ސިސްޓަމް'އެއް ގާއިމުކޮށްފައިވޭތޯ؟ ގާއިމުކޮށްފައިވާނަމަ، ސޭފްޓީ މެނުއަލް، ރައްޔިތުންގެ މަޖިލީހާ ހިއްސާކުރެއްވުމަށް.
  • މި ވަގުތު ސްޓެލްކޯގެ، 'ހެލްތް އެންޑް ސޭފްޓީ ޑިޕާޓްމަންޓް'ގެ ވެރިޔަކަށް ހުންނެވި ފަރާތަކީ އެކަމަށް އެންމެ އެކަށޭނަ، ގާބިލް ފަރާތްތޯ؟ އެ ފަރާތަކީ މި ދާއިރާއިން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ފަރާތެއްތޯ؟ އަދި އެ ފަރާތަކީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ގްރޭޑިން ސްޓްރަކްޗާއަށް ފެތޭ ފަރާތެއްތޯ؟
  • މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުރިހަމަކުރަން ޖެހޭ ލިޔެކިޔުން ސްޓެލްކޯގައި އެބަހުރިތޯ؟ އެ އުސޫލުތައް ރައްޔިތުންގެ މަޖިލީހާ ހިއްސާކުރެއްވުމަށް
  • މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނުގައި، ހަދަން އަންގައިފައިވާ 'ހެލްތު އެންޑް ސޭފްޓީ ޕޮލިސީ' ވަނީ އެކުލަވާލާފައިތޯ އަދި އެ ޕޮލިސީ ތަންފީޒުކުރެވޭނެ ގޮތާއި، އެ ޕޮލިސީއަށް ގެނެވޭ ބަދަލުތައް، މަސައްކަތްކުރާ ފަރާތްތަކަށް ގަވާއިދުން އަންގަމުން ގެންދަންތޯ؟ އަދި އަންގާފައިވާނަމަ، އަންގާފައިވާ ލިޔެކިޔުން ރައްޔިތުންގެ މަޖިލީހާ ހިއްސާކުރެއްވުމަށް.
  • މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ 'މަސައްކަތްކުރާ ތަން ހިންގާ ފަރާތުގެ ޒިންމާ'ގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންކަން ސްޓެލްކޯއިން ފުރިހަމަކޮށްފައިވޭތޯ؟ ކޮށްފައިވާނަމަ އެ ލިޔެކިޔުން ރައްޔިތުންގެ މަޖިލީހާ ހިއްސާކުރެއްވުމަށް.
  • އެ ގާނޫނުގައި 'އެކްސިޑެންޓް ރިޕޯޓުކުރުމާއި ތަހުގީގުކުރުން' ގެ 43 ވަނަ މާއްދާ، 'އެކްސިޑެންޓް އަދި ނުރައްކާތެރި ހާދިސާ ނުވަތަ ބަލި ރިޕޯޓުކުރުން' ގެ ހ. ގައި ބަޔާންކޮށްފައިވާ، 'އެކްސިޑެންޓް ނުވަތަ ނުރައްކާތެރި ހާދިސާ ނުވަތަ މަސައްކަތާ ގުޅުންހުރި ބައްޔަކާގުޅޭ މަޢުލޫމާތު، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ޑިރެކްޓާ ޖެނެރަލަށް ރިޕޯޓުކުރަން ލާޒިމުކޮށްފައިވާ އިރު، އެކަން އެގޮތަށް ކުރިންތޯ؟

ފާހަގަކޮށްލެވޭ ގޮތުގައި، އަޒްމީލް ނިޔާވިއިރު އޭނާގެ އަތްބަކާއި ދެ ކުދިން ތިބެއެވެ. އޭނާގެ އަނބިމީހާ މިހާރު ވެސް އިނީ ބަލިވެއެވެ.

މި އަހަރު ތެރޭ މުޅި މާލެއާއި ހުޅުމާލެއިން ދެ ފަހަރެއްގެ މަތިން ކަރަންޓު ކެނޑިފައިވެއެވެ. އެ މައްސަލައިގައި ޚާއްސަ ތަހުގީގެއް ވެސް ފުލުހުންނާއި ސްޓެލްކޯއިން ހިންގިއެވެ.

އޭގެ އިތުރުން ވެސް ދޭތެރެއަކުން މާލެއާއި ހުޅުމާލެއިން ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށް ކަރަންޓު ކަނޑައެވެ.

comment ކޮމެންޓް