ކަރޯކޭ ޖައްސާ ބައެއް ތަންތަން އާންމު އުނދަގުލަކަށްވެ، ހައްލެއް ހޯދައިދިނުމަށް އެދި އަނެއްކާ ވެސް ސައީދަށް އާދޭހުގެ ސިޓީއެއް

ކަރޯކޭ ޚިދުމަތް ދޭ ތަނެއް: ހަތަރު މަސްވީ އިރުވެސް، ކަރޯކޭގެ ޚިދުމަތްދޭ ބައެއް ތަންތަނުގެ އަޑު ގަދަވުމުގެ ސަބަބުން އާންމުންނަށް އުނދަގޫވާތީ އަނެއްކާވެސް ވަނީ ސިޓީ ފޮނުއްވައިފައި--

ކަރޯކޭގެ ޚިދުމަތްދޭ ބައެއް ތަންތަނުގެ އަޑު ގަދަވުމުގެ ސަބަބުން ބައެއް އާންމުންނަށް އުނދަގޫވާ މައްސަލަ ހައްލުކޮށްދިނުމަށް އެދި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދަށް ސިޓީ ފޮނުވުމުން ޖަވާބެއް ނުލިބޭތީ، އަނެއްކާވެސް އެ ކަންބޮޑުވުން މިއަދު މިނިސްޓަރަށް ހުށަހަޅައިފިއެވެ.

މި މައްސަލައިގައި ސަޢީދަށް ފޮނުއްވި ސިޓީތައް ހިއްސާކުރައްވައި، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ވަނީ، އާންމުންގެ މީހަކު އޭނާއާ ހިއްސާކުރި ނޯޓެއްގެ ފޮޓޮއެއްވެސް 'އެކްސް'ގައި މިއަދު ހިއްސާކުރައްވައިފައެވެ.

އެ ނޯޓުގައި ވަނީ، އެ ލިޔުނު މީހާއާއި އޭނާގެ ކޮއްކޮއާއި ކޮއްކޮގެ ދެ ދަރިން ދިރިއުޅެމުން އަންނަ ގެއާ ޖެހިގެން ހުންނަ ގޭގައި ވިޔަފާރި އުސޫލުން ކަރޯކޭ ޖައްސާތީ، ކޮއްކޮގެ ދެ ދަރިންނަށް ހަމަ ނިދި ނުލިބޭ ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ތަކުރާރުކޮށް ހުށަހެޅުމުންވެސް، އަޑުގަދަވާ މިންގަނޑެއް ގާނޫނުގައި ބަޔާންކޮށްފައި ނެތުމުން، ކަރޯކޭ ޖައްސާ ގޭގައި އަޑުގަދަވުމުގެ ސަބަބުން އުނދަގޫވާ މައްސަލަ ބެލޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ފުލުހުން ބުނި ކަމަށް، އެ ނޯޓުގައި ލިޔެފައިވެއެވެ.

"ޕޮލިހުން ބުނަނީ މިހާރު އޮންނަ އުސޫލަކީ 12ގެ ފަހުން ނޫނީ ނުހުއްޓުވޭނެ ކަމަށް، މި ވިދާޅުވަނީ އަމިއްލަ ގޭގައި 12 ޖަހަންދެން ނުނިދާ ހުންނަންވީތޯއެވެ؟ އަދި ކޮންމެ ރެއަކު 12ގެ ފަހުން ޕޮލިހުން އައިސް މިކަން ހުއްޓުވަންދެން ނުނިދާ ތިބެންވީތޯއެވެ؟" އެ މީހާ ހިއްސާކުރި ނޯޓުގައިވެއެވެ.

އޭނާ އެދުނީ ކަރޯކޭ ޖައްސާ ތަންތަނަކީ ބޭރަށް އަޑޫ ނީވޭ، ސައުންޑްޕްރޫފް ތަންތަނަށް ހެދުމަށެވެ.

އެހެންވެ، ކަރޯކޭ ޖައްސާ ތަންތަނުން އަޑުގަދަވުމުގެ ސަބަބުން އާންމުންނަށް އުނދަގޫވާ މައްސަލައިގައި މިދިޔަ އޮގަސްޓް މަހުގެ 13ވަނަ ދުވަހު ކުޑޫ ސިޓީއެއް ފޮނުއްވުމަށްފަހު، އޭގެ ހަތަރު މަސް ފަހުން މިއަދު އަނެއްކާވެސް ވަނީ ސިޓީއެއް ފޮނުއްވައިފައެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް: ހަތަރު މަސްވީ އިރުވެސް، ކަރޯކޭގެ ޚިދުމަތްދޭ ބައެއް ތަންތަނުގެ އަޑު ގަދަވުމުގެ ސަބަބުން އާންމުންނަށް އުނދަގޫވާތީ އަނެއްކާވެސް ވަނީ ސިޓީ ފޮނުއްވައިފަ -- ފޮޓޯ/ މަޖިލިސް

އޮގަސްޓު މަހު ކުޑޫ ސަޢީދަށް ފޮނުއްވި ސިޓީގައިވަނީ، ކަރޯކޭގެ ޚިދުމަތް ފޯރުކޮށްދޭ ބައެއް ތަންތަން ސައުންޑްޕްރޫފް ކޮށްފައި ނުވާތީ އެކަމުގެ އުނދަގޫ، އެ ތަންތަނާ ކައިރި ގޭގެއަށް ފޯރަމުންދާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.

އެހެންކަމުން، އެ މައްސަލަ ހައްލުކޮށްދިނުމަށް ކުޑޫ ސަޢީދުގެ އަރިހު އޭރު އެދިވަޑައިގަތެވެ.

އޭގެ ހަތަރު މަސް ފަހުން މިއަދު ފޮނުއްވި ސިޓީގައި ކުޑޫ ވަނީ، އޮގަސްޓު މަހު ހަމަ އެ މައްސަލައިގައި ސަޢީދަށް ފޮނުއްވި ސިޓީއަށް ޖަވާބު ނުލިބޭ ކަން ބަޔާންކުރައްވައިފައެވެ.

މާލެ ސަރަހައްދުގައި ކަރޯކޭ ޖެއްސުމަކީ އެކި އުމުރުފުރާގެ މީހުންގެ މެދުގައި، ޚާއްސަކޮށް ޒުވާނުންގެ މެދުގައި މިހާރު ވަރަށް މަގުބޫލު ކަމެކެވެ. ނަމަވެސް ތޮއްޖެހިފައިވާ މާލޭގައި، ކަރޯކޭ ރޫމްތަކުން އަޑުގަދަވުމުގެ ސަބަބުން އުނދަގޫވާކަމުގެ ޝަކުވާތައް ވަނީ އާންމުވެފައެވެ.

comment ކޮމެންޓް