ޑިމޮކްރަސީގެ ހަމަތަކަށް ބަލާނަމަ، ވަޒީރުންނަށް ރުހުންދޭން ޖެހޭ: ސިޔާމް

އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު: ސިޔާމް ވިދާޅުވީ ވަޒީރުންނަށް ރުހުން ދޭންޖެހޭ ކަމަށް -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ ނަދީމް

ޑިމޮކްރަސީގެ ހަމަތަކަށް ބަލައިނަމަ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުންދޭންޖެހޭ ކަމަށް އެމްޑީއޭގެ ރައީސް އަދި މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ވަނީ ސަރުކާރުގެ ހަތަރު ވަޒީރަކަށް ރުހުންނުދޭން ނިންމައިފައެވެ. އެހެންވެ، ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ގެންދަވަނީ މަޖިލީހުގައި އިހުތިޖާޖުކޮށް، ޖަލްސާއަށް ހުރަސްއަޅަމުންނެވެ. އެ ޖަލްސާ 1:30 ގައި ފަށަން ތާވަލުކުރި ނަމަވެސް މިހާތަނަށް ޖަލްސާ ފެށިފައެއް ނުވެއެވެ.

'ސަން'އާ ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ، ޑިމޮކްރަސީގެ ހަމަތަކަށް ބަލާނަމަ ވަޒީރުންނަށް ރުހުންދޭން ޖެހޭ ކަމަށެވެ. އެ މަނިކުފާނާއި އެމްޑީއޭގެ ސްޓޭންޑަކީ ވެސް އެއީ ކަމަށް ސިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަޅުގަނޑުމެން ޕާޓީން ގަބޫލުކުރާ ގޮތުގައި ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ވަޒީރުންނަށް މަޖިލީހުގެ ރުހުން ދޭންޖެހޭ،" ސިޔާމް ވިދާޅުވިއެވެ.

https://sun.mv/187971

އެ މަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއް އޮއްވައި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ބޮޑު އަޣުލަބިއްޔަތަކުން ކަމަށެވެ. އެހެންވެ، ރައީސްގެ ސިޔާސަތުތައް ތަންފީޒުކުރަން ވަޒީރުންނަށް ރުހުންދޭންޖެހޭ ކަމަށް ސިޔާމް ވިދާޅުވިއެވެ.

"މިއީ ރައްޔިތުންނަށް ކުރިމަތިކުރެވޭ މައްސަލައެއް، ގައުމަށް ކުރިމަތި ކުރެވޭ މައްސަލައެއް،" ސިޔާމް ވިދާޅުވިއެވެ.

އެ މަނިކުފާނު ވަނީ އެއްވެސް ފިއްތުންތަކެއް ނުގެންގުޅުއްވައި ވަޒީރުންނަށް ރުހުންދޭން އެދިވަޑައިގެންފައެވެ.

އެމްޑީޕީން މިއަދު ނިންމީ، ބަންޑާރަނައިބު ހިމެނޭހެން ތިން ވަޒީރަކަށް ރުހުންނުދޭށެވެ. އެ ވަޒީރުންނަކީ:

  • ބަންޑާރަނައިބު އަހުމަދު އުޝާމް
  • އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު
  • ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ހަތަރު ބޭފުޅުންނަށް ރުހުންނުދޭން ހުށަހެޅީ އެމްޑީޕީގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީއެވެ.

https://sun.mv/187965

އެ ހަތަރު ބޭފުޅުންނަށް ރުހުންނުދޭން އެމްޑީޕީން ނިންމިއިރު، ޑިމޮކްރެޓްސްއިން ވެސް ވަނީ އޭގެ ތެރެއިން ތިން ބޭފުޅަކަށް ރުހުންނުދޭން ނިންމައިފައެވެ. އެކަމަކު، އެ ޕާޓީން ސައީދުގެ ބަދަލުގައި ރުހުންނުދޭން ނިންމީ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށެވެ.

މިހާރު މަޖިލިސް ބެހިގެންވާ ގޮތް:

  • އެމްޑީޕީ 43 މެންބަރުން
  • ޑިމޮކްރެޓްސްގެ 13 މެންބަރުން

އެއީ، ޖުމުލަ 87 މެންބަރުންގެ ތެރެއިން 56 މެންބަރުންނެވެ. އެހެންވެ، އެ ދެ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ އޮތުމުން އެމްޑީޕީން ރުހުންނުދޭން ނިންމި ވަޒީރުންނަށް ރުހުން ލިބިދާނެ ކަމަކަށް ނުބެލެވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޮމިޓީ މަރުހަލާގައި ނިންމާފައިވަނީ ހުރިހާ ވަޒީރުންނަށް ރުހުންދޭށެވެ.

https://sun.mv/187969

ވަޒީރުންނަށް ރުހުންނުދިނުމަކީ ސަރުކާރު ހިންގުމަށް ހުރަސްއެޅުން ކަމަށް ބުނެ ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ޕީއެންސީން މިއަދު ވަނީ ނޫސްބަޔާނެއް ވެސް ނެރެފައެވެ. އެ ކޯލިޝަނުން ބުނީ، ރައީސް އައްޔަންކުރައްވާ ވަޒީރުންނަށް ރުހުންދިނުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

މަޖިލީހުގެ މިދިޔަ ތިންވަނަ ދައުރު ހަމަވުމުގެ ކުރިން ވެސް ތަޅުމަށް ވަޒީރުންނަށް ރުހުންދޭން އެޖެންޑާކުރިއެވެ. އެކަމަކު، އޭރު ކޮމިޓީން ފޮނުވި ރިޕޯޓު ފުރިހަމަނުވާ ކަމަށް ބުނެ، މަޖިލީހުން ވަނީ އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިލައިފައެވެ.

ކޮމިޓީގައި ވެސް އެ މައްސަލަ ވަރަށް ބޮޑަށް ދިގުލައިގެން ދިޔައެވެ. އެ މައްސަލަ ކޮމިޓީން ނިންމީ ދައުރު ނިމުނު ފަހުންނެވެ.

އެކަމަކު، އޭގެ ފަހުން ވަޒީރުންނަށް ރުހުންދޭން ޖަލްސާއެއް ނުބާއްވައި އޮތުމަށް ފަހު މިއަދަށް ދައުރުން ބޭރުގެ ޖަލްސާއެއް ބާއްވަން ހުށަހެޅީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހެއް ހުށަހަޅައި، ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް ފަސްކުރާށެވެ.

comment ކޮމެންޓް