ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ހަތަރު ވަޒީރަކަށް ރުހުންނުދޭން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމި ނިންމުމުގެ ފަހަތުގައި ހުރީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ކަމަށާއި ރުހުން ނުދިނަސް ހަމަ އެ ބޭފުޅުން އަލުން އައްޔަންކުރެވޭނެ ކަމަށް ރައީސް މުއިއްޒުގެ ހާއްސަ މުޝީރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ، ބަންޑާރަނައިބު ހިމެނޭހެން ތިން ވަޒީރަކަށް ރުހުންނުދޭން ނިންމައި، ތްރީލައިން ރެޑް ވިޕެއް ނެރެފައިވާ ކަމަށެވެ. އެ ވަޒީރުންނަކީ:
- ބަންޑާރަނައިބު އަހުމަދު އުޝާމް
- އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު
- ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ހަތަރު ބޭފުޅުންނަށް ރުހުންނުދޭން ހުށަހެޅީ އެމްޑީޕީގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީއެވެ.
އެ ކަމާ ނުރުހުން ފާޅުކޮށް، އިހުތިޖާޖުކުރަން ސަރުކާރުގެ އިސް ބޭފުޅުން އަންނަނީ މަޖިލީސް ސަރަހައްދަށް އެއްވަމުންނެވެ. ސަރުކާރަށް ތާއީދުކުރައްވާ މަޖިލީސް މެންބަރުން ވެސް ގެންދަވަނީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރަމުންނެވެ.
އެހެންވެ، 1:30 އަށް ތާވަލުކުރި ރުހުންދިނުމުގެ ޖަލްސާ އަދިވެސް ފެށިފައެއް ނުވެއެވެ.
މަޖިލިސް ސަރަހައްދުގައިި އިހުތިޖާޖުގެ ބައިވެރިންނާ އެކު ހުންނަވައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ، ސަރުކާރުގެ ހަތަރު ވަޒީރަކަށް ރުހުންނުދޭން އެމްޑީޕީން ނިންމުމަކީ ޒިންމާދާރުކަމެއް ނެތް އަމަލެއް ކަމަށެވެ. އަދި، ވަޒީރުންނަށް ރުހުންދިނުމަކީ 'ރަމްޒީ'ކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފައެވެ.
އަދުރޭ ވިދާޅުވީ، ވަޒީރުންނަށް ރުހުންނުދިނުމަކީ ތާކުންތާކުނުޖެހޭ ކަމެއް ކަމަށެވެ. އެއީ، ދެމެހެއްޓެނެވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މިއަދު ރުހުން ނުދިނީ، މިއަދު ހަމަ އެ މީހުން ހަމަ އެ މަގާމަށް އެ ވުޒާރާތަކުގެ ވަޒީރުންނަށް އައްޔަން ކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވޭ. އެކަމެއް ނުހުއްޓުވޭނެ މި ތަނަކުން [މަޖިލީހަކުން]،" އަދުރޭ ވިދާޅުވިއެވެ.
ހަތަރު ބޭފުޅުންނަށް ރުހުންނުދޭން އެމްޑީޕީގެ ޕީޖީއަށް ހުށަހެޅީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީއެވެ.
އެ ހަތަރު ބޭފުޅުންނަށް ރުހުންނުދޭން އެމްޑީޕީން ނިންމިއިރު، ޑިމޮކްރެޓްސްއިން ވެސް ވަނީ އޭގެ ތެރެއިން ތިން ބޭފުޅަކަށް ރުހުންނުދޭން ނިންމައިފައެވެ. އެކަމަކު، އެ ޕާޓީން ސައީދުގެ ބަދަލުގައި ރުހުންނުދޭން ނިންމީ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށެވެ.
މިހާރު މަޖިލިސް ބެހިގެންވާ ގޮތް:
- އެމްޑީޕީ 43 މެންބަރުން
- ޑިމޮކްރެޓްސްގެ 13 މެންބަރުން
އެއީ، ޖުމުލަ 87 މެންބަރުންގެ ތެރެއިން 56 މެންބަރުންނެވެ. އެހެންވެ، އެ ދެ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ އޮތުމުން އެމްޑީޕީން ރުހުންނުދޭން ނިންމި ވަޒީރުންނަށް ރުހުން ލިބިދާނެ ކަމަކަށް ނުބެލެވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކޮމިޓީ މަރުހަލާގައި ނިންމާފައިވަނީ ހުރިހާ ވަޒީރުންނަށް ރުހުންދޭށެވެ.
ވަޒީރުންނަށް ރުހުންނުދިނުމަކީ ސަރުކާރު ހިންގުމަށް ހުރަސްއެޅުން ކަމަށް ބުނެ ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ޕީއެންސީން މިއަދު ވަނީ ނޫސްބަޔާނެއް ވެސް ނެރެފައެވެ. އެ ކޯލިޝަނުން ބުނީ، ރައީސް އައްޔަންކުރައްވާ ވަޒީރުންނަށް ރުހުންދިނުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.
މަޖިލީހުގެ މިދިޔަ ތިންވަނަ ދައުރު ހަމަވުމުގެ ކުރިން ވެސް ތަޅުމަށް ވަޒީރުންނަށް ރުހުންދޭން އެޖެންޑާކުރިއެވެ. އެކަމަކު، އޭރު ކޮމިޓީން ފޮނުވި ރިޕޯޓު ފުރިހަމަނުވާ ކަމަށް ބުނެ، މަޖިލީހުން ވަނީ އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިލައިފައެވެ.
ކޮމިޓީގައި ވެސް އެ މައްސަލަ ވަރަށް ބޮޑަށް ދިގުލައިގެން ދިޔައެވެ. އެ މައްސަލަ ކޮމިޓީން ނިންމީ ދައުރު ނިމުނު ފަހުންނެވެ.
އެކަމަކު، އޭގެ ފަހުން ވަޒީރުންނަށް ރުހުންދޭން ޖަލްސާއެއް ނުބާއްވައި އޮތުމަށް ފަހު މިއަދަށް ދައުރުން ބޭރުގެ ޖަލްސާއެއް ބާއްވަން ހުށަހެޅީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހެއް ހުށަހަޅައި، ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް ފަސްކުރާށެވެ.