ޔާމީންގެ ޖަލްސާއަށް ސްޓެލްކޯއިން ކަރަންޓް ނުދީފާނެތީ 150 ކިލޯގެ ޖަނަރޭޓަރެއް ބަހައްޓައިފި

ސްޓެލްކޯއިން ކަރަންޓް ނުދީފާނެތީ ޕީއެންއެފްއިން އަމިއްލައަށް ބަހައްޓާ ޖަނަރޭޓަރު-- ފޮޓޯ/ މަލީހް ޖަމާލް

މިރޭ ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)އިން 'ރީސެޓް'ގެ ނަމުގައި ބާއްވަން ތައްޔާރުވަމުން އަންނަ ޖަލްސާއަށް ކަރަންޓު ދޭން ސަރުކާރުގެ ކުންފުނި، ސްޓެލްކޯއިން ދެކޮޅު ހަދާކަމަށް ބުނެ, އެ ޕާޓީން އަމިއްލައަށް ޖަނަރޭޓަރެއް ބަހައްޓައިފިއެވެ.

އާޓިފިޝަލް ބީޗުގައި މިރޭ ޖަލްސާ ބާއްވަން ތައްޔާރުވަމުން ދަނިކޮށް, އިއްޔެ ސްޓެލްކޯއިން ވަނީ އެ ތަނުގެ ކޭބަލްތައް އާ ކުރުމުގެ މަސައްކަތެއް ފަށައިފައެވެ.

ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް މިއަދު "ސަން"އަށް ވިދާޅުވީ, ކޭބަލް ނެގުމަށް ފަހު, އެ ސަރަހައްދުގައި ޓޭޕް އަޅައި މިހާރު ބަންދުކޮށްފައިވާ ކަމަށެވެ. އަދި, ކަރަންޓް ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ކުރިއަށް ނުގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ, މިރޭގެ ޖަލްސާ ބޭއްވުމަށް ޕީއެންއެފްއިން އަމިއްލައަށް އާޓިފިޝަލް ބީޗުގައި 150 ކިލޯ ވޯޓްގެ ޖަނަރޭޓަރެއް ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް މަލީހް ވިދާޅުވިއެވެ. އަދި, ޖަލްސާ ކުރިއަށް ގެންދާނީ އަމިއްލައަށް ކަރަންޓް ދީގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"ހުރަސްތައް ކުރިމަތި ކުރުވިޔަސް ޖަލްސާ ކުރިއަށް ދާނެ. މިރޭ ޖަލްސާގައި މުހިންމު ކަންތައްތަކެއް އިއުލާންކުރުން އޮންނާނެ," މަލީހް ވިދާޅުވިއެވެ.

ޕީއެންއެފްއިން މި ކުރާ ތުހުމަތުތަކާ ގުޅޭގޮތުން ސްޓެލްކޯގެ ބަހެއް ހޯދުމަށް ރެއާއި މިއަދު ވެސް ތަކުރާރުކޮށް, "ސަން"އިން އެ ކުންފުނީގެ ކަމާ ބެހޭ ފަރާތާ ގުޅި ނަމަވެސް މިހާތަނަށް ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

މިރޭ ޕީއެންއެފްގެ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާއިރު، އެ ހަރަކާތުގައި ސިޔާސީ އެތައް ފާޑުކިޔުމެއް ސަރުކާރަށް އަމާޒުވާނެ ކަމަށް ބެލެވެއެވެ. އެއީ، މި ހަރަކާތަކީ ސަރުކާރުން ކުރާ ނޭދެވޭ ކަންކަން "ރީސެޓް" ކުރުމަށް ކަމަށް ބުނެ، ބާއްވާ ހަރަކާތަކަށްވާތީއެވެ.

ޕީއެންއެފް އުފެއްދުމަށް ބޭއްވި ޖަލްސާގެ ކަންކަން ވެސް ހިނގައިގެން ދިޔައީ ފާޑުކިޔުން އަމާޒުވާ ގޮތަށެވެ. ގިޔާސުއްދީން ސްކޫލުގައި ބާއްވަން އުޅުނު އެ ޖަލްސާއަށް ފުލުހުން ހުރަސް އެޅިކަމުގެ ތުހުމަތު ކުރެވުނުއިރު ފަހުން އެ ޖަލްސާ ބޭއްވި ރާޅުގަަނޑުގައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެއީ އެ މަނިކުފާނަށް އެނގިވަޑައިނުގެން ހިނގާފައިވާ ކަމެއްކަން ފާހަގަ ކުރައްވައި, އެ މައްސަލަ ބަލަން އަންގަވައިފައެވެ.

comment ކޮމެންޓް