ހައިދަރު، ޝަހީމް، އުޝާމް އަދި ސައީދަށް ރުހުންނުދޭން އެމްޑީޕީން ނިންމައިފި

މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ރުހުން ނުދޭން ނިންމި ހަތަރު ވަޒީރުން --

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ހަތަރު ވަޒީރަކަށް ރުހުންނުދޭން އެމްޑީޕީން ދެންމެ ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު އޮތް ދައުރުން ބޭރު ޖަލްސާގައި ވަނީ 1:00 އަށް ވަޒީރުންނަށް ރުހުންދޭން ތާވަލުކޮށްފައެވެ. އެ ކަމަށް ގޮތެއް ނިންމަން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން މިއަދު ވަނީ ޕާލިމަންޓްރީ ގްރޫޕުގެ ބައްދަލުވުމެއް ބާއްވައިފައެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މެންބަރަކު 'ސަން'އަށް ވިދާޅުވީ، ބަންޑާރަނައިބު ހިމެނޭހެން ތިން ވަޒީރަކަށް ރުހުންނުދޭން ނިންމައި، ތްރީލައިން ރެޑް ވިޕެއް ނެރެފައިވާ ކަމަށެވެ. އެ ވަޒީރުންނަކީ:

  • ބަންޑާރަނައިބު އަހުމަދު އުޝާމް
  • އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު
  • ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ހަތަރު ބޭފުޅުންނަށް ރުހުންނުދޭން ހުށަހެޅީ އެމްޑީޕީގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީއެވެ.

އެ ހަތަރު ބޭފުޅުންނަށް ރުހުންނުދޭން އެމްޑީޕީން ނިންމިއިރު، ޑިމޮކްރެޓްސްއިން ވެސް ވަނީ އޭގެ ތެރެއިން ތިން ބޭފުޅަކަށް ރުހުންނުދޭން ނިންމައިފައެވެ. އެކަމަކު، އެ ޕާޓީން ސައީދުގެ ބަދަލުގައި ރުހުންނުދޭން ނިންމީ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށެވެ.

މިހާރު މަޖިލިސް ބެހިގެންވާ ގޮތް:

  • އެމްޑީޕީ 43 މެންބަރުން
  • ޑިމޮކްރެޓްސްގެ 13 މެންބަރުން

އެއީ، ޖުމުލަ 87 މެންބަރުންގެ ތެރެއިން 56 މެންބަރުންނެވެ. އެހެންވެ، އެ ދެ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ އޮތުމުން އެމްޑީޕީން ރުހުންނުދޭން ނިންމި ވަޒީރުންނަށް ރުހުން ލިބިދާނެ ކަމަކަށް ނުބެލެވެއެވެ.

https://sun.mv/187962

ފާހަގަކޮށްލެވޭ ގޮތުގައި ކޮމިޓީ މަރުހަލާގައި ނިންމާފައިވަނީ ހުރިހާ ވަޒީރުންނަށް ރުހުންދޭށެވެ.

ވަޒީރުންނަށް ރުހުންނުދިނުމަކީ ސަރުކާރު ހިންގުމަށް ހުރަސްއެޅުން ކަމަށް ބުނެ ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ޕީއެންސީން މިއަދު ވަނީ ނޫސްބަޔާނެއް ވެސް ނެރެފައެވެ. އެ ކޯލިޝަނުން ބުނީ، ރައީސް އައްޔަންކުރައްވާ ވަޒީރުންނަށް ރުހުންދިނުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

މަޖިލީހުގެ މިދިޔަ ތިންވަނަ ދައުރު ހަމަވުމުގެ ކުރިން ވެސް ތަޅުމަށް ވަޒީރުންނަށް ރުހުންދޭން އެޖެންޑާކުރިއެވެ. އެކަމަކު، އޭރު ކޮމިޓީން ފޮނުވި ރިޕޯޓު ފުރިހަމަނުވާ ކަމަށް ބުނެ، މަޖިލީހުން ވަނީ އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިލައިފައެވެ.

ކޮމިޓީގައި ވެސް އެ މައްސަލަ ވަރަށް ބޮޑަށް ދިގުލައިގެން ދިޔައެވެ. އެ މައްސަލަ ކޮމިޓީން ނިންމީ ދައުރު ނިމުނު ފަހުންނެވެ.

އެކަމަކު، އޭގެ ފަހުން ވަޒީރުންނަށް ރުހުންދޭން ޖަލްސާއެއް ނުބާއްވައި އޮތުމަށް ފަހު މިއަދަށް ދައުރުން ބޭރުގެ ޖަލްސާއެއް ބާއްވަން ހުށަހެޅީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހެއް ހުށަހަޅައި، ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް ފަސްކުރާށެވެ.

comment ކޮމެންޓް