ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ހަތަރު ވަޒީރަކަށް ރުހުންނުދޭން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ނިންމުމުން، ސަރުކާރަށް ތާއީދުކުރާ މެންބަރު ތަޅުމުގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.
މިއަދު އެމްޑީޕީން ވަނީ ހަތަރު ވަޒީރަކަށް ރުހުން ނުދޭން ނިންމައި، ތްރީލައިން ވިޕެއް ނެރެފައެވެ. އެ ވަޒީރުންނަކީ:
- ބަންޑާރަނައިބު އަހުމަދު އުޝާމް
- އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު
- ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ވަޒީރުންނަށް ރުހުންދޭން މިއަދު 1:30 އަށް ތާވަލުކުރި ނަމަވެސް މަޖިލީހުގެ ތަޅުމުގައި ސަރުކާރަށް ތާއީދުކުރާ މެންބަރުން އަންނަނީ އިހުތިޖާޖުކުރަމުންނެވެ. އެހެންވެ، މިހާތަނަށް ޖަލްސާ ފެށިފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މަޖިލީހުގެ ބޭރުގައި ވެސް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ނުރުހުން ފާޅުކޮށް، އިހުތިޖާޖުކުރަމުންނެވެ.
ހަތަރު ބޭފުޅުންނަށް ރުހުންނުދޭން ހުށަހެޅީ އެމްޑީޕީގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީއެވެ.
އެ ހަތަރު ބޭފުޅުންނަށް ރުހުންނުދޭން އެމްޑީޕީން ނިންމިއިރު، ޑިމޮކްރެޓްސްއިން ވެސް ވަނީ އޭގެ ތެރެއިން ތިން ބޭފުޅަކަށް ރުހުންނުދޭން ނިންމައިފައެވެ. އެކަމަކު، އެ ޕާޓީން ސައީދުގެ ބަދަލުގައި ރުހުންނުދޭން ނިންމީ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށެވެ.
މިހާރު މަޖިލިސް ބެހިގެންވާ ގޮތް:
- އެމްޑީޕީ 43 މެންބަރުން
- ޑިމޮކްރެޓްސްގެ 13 މެންބަރުން
އެއީ، ޖުމުލަ 87 މެންބަރުންގެ ތެރެއިން 56 މެންބަރުންނެވެ. އެހެންވެ، އެ ދެ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ އޮތުމުން އެމްޑީޕީން ރުހުންނުދޭން ނިންމި ވަޒީރުންނަށް ރުހުން ލިބިދާނެ ކަމަކަށް ނުބެލެވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކޮމިޓީ މަރުހަލާގައި ނިންމާފައިވަނީ ހުރިހާ ވަޒީރުންނަށް ރުހުންދޭށެވެ.
ވަޒީރުންނަށް ރުހުންނުދިނުމަކީ ސަރުކާރު ހިންގުމަށް ހުރަސްއެޅުން ކަމަށް ބުނެ ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ޕީއެންސީން މިއަދު ވަނީ ނޫސްބަޔާނެއް ވެސް ނެރެފައެވެ. އެ ކޯލިޝަނުން ބުނީ، ރައީސް އައްޔަންކުރައްވާ ވަޒީރުންނަށް ރުހުންދިނުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.
މަޖިލީހުގެ މިދިޔަ ތިންވަނަ ދައުރު ހަމަވުމުގެ ކުރިން ވެސް ތަޅުމަށް ވަޒީރުންނަށް ރުހުންދޭން އެޖެންޑާކުރިއެވެ. އެކަމަކު، އޭރު ކޮމިޓީން ފޮނުވި ރިޕޯޓު ފުރިހަމަނުވާ ކަމަށް ބުނެ، މަޖިލީހުން ވަނީ އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިލައިފައެވެ.
ކޮމިޓީގައި ވެސް އެ މައްސަލަ ވަރަށް ބޮޑަށް ދިގުލައިގެން ދިޔައެވެ. އެ މައްސަލަ ކޮމިޓީން ނިންމީ ދައުރު ނިމުނު ފަހުންނެވެ.
އެކަމަކު، އޭގެ ފަހުން ވަޒީރުންނަށް ރުހުންދޭން ޖަލްސާއެއް ނުބާއްވައި އޮތުމަށް ފަހު މިއަދަށް ދައުރުން ބޭރުގެ ޖަލްސާއެއް ބާއްވަން ހުށަހެޅީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހެއް ހުށަހަޅައި، ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް ފަސްކުރާށެވެ.