ވަޒީރުންނަށް ރުހުން ނުދޭން ދައްކާ ބަހަނަތާކުގައި އެއްވެސް އަސާސެއް ނެތް: ނައިބު ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް: ޕީއެންސީގައި ޕްރައިމަރީއާ ގުޅޭ ގޮތުން އުފެދުނު މައްސަލަ ރައީސް ހައްލުކޮށްދެއްވި ގޮތަށް ނައިބު ރައީސް ވަނީ ތައުރީފުކުރައްވާފަ -- ފޮޓޯ/ މަޖިލިސް

ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ސަރުކާރާ ވާދަވެރި މެމްބަރުން ދައްކަވާ ބަހަނާތަކަކީ އެއްވެސް އަސާސެއް ނެތް ބަހަނާތަކެއްކަމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަޠީފް މިއަދު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ހަމައަށް މި ދައުރުގައި މަޖިލިސް މެމްބަރުކަން ވެސް ކުރެއްވި، ނައިބު ރައީސް ހުސައިން ވިދާޅުވީ، ޑިމޮކްރަސީގެ އެންމެ ރީތި ގޮތަކީ ރައީީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ހުރިހާ ވަޒީރުންނަށް ރުހުން ދިނުން ކަމަށެވެ.

"މިކަމާ ދެކޮޅަށް ބައެއް ޕާޓީތަކުން ދައްކަވާ ހުއްޖަތްތަކަކީ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށް ގަބޫލުކުރަން،" އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވިއިރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ދައުރުން ބޭރު ޖަލްސާގެ ފުރަތަމަ ދަންފަޅީގައި އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސްއަށް ނިސްބަތްވާ ބައެއް މެމްބަރުންވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ގޮވައިލާ މޭރުމަކުން ވާހަކަދައްކަވައިފައެވެ.

https://sun.mv/187957

އެއާއެކު މަޖިލީހުގެ ތަޅުން ހޫނުވެ، ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭނަމަ، އެއީ ގައުމު އިނދަޖައްސައިލުން ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކޯފާ އިސްކުރައްވައި އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިި ވެސް ވެއެވެ.

ބަހުސްގެ ވަގުތުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، އެމްޑީޕީއާއި ޑިމޮކްރެޓުން ގުޅިގެން ބައެއް ވަޒީރުންނަށް ރުހުންނުދޭން އުޅޭ ކަމުގެ އަޑުތައް އިވޭ ކަމަށެވެ. އެއީ:

  • އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު
  • ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު
  • ފޮރިން މިނިސްޓަރު މޫސާ ޒަމީރު

މި ތިން މިނިސްޓަރުންގެ ނަން ހާމަކުރައްވައި ގާސިމް ވިދާޅުވީ އެ ތިން ބޭފުޅުންނަށް ރުހުންނުދޭ ކަމުގެ އަޑުތަކެއް އޭނާއަށް އިވިވަޑައިގެންފައިވާ ކަމަށެވެ. އޭނާ ވަނީ އެއީ ޝަރުތުހަމަނުވާ ބޭފުޅުންތޯ ނުވަތަ ތައުލީމީ ބޭފުޅުން ނޫންތޯ ސުވާލު އުފައްދަވައިފައެވެ.

comment ކޮމެންޓް