ޕީޕީއެމްގެ ނައިބު ރައީސްކަމަށް ފޮރިން މިނިސްޓަރު ޚަލީލް އިންތިޚާބުކޮށްފި

ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް ސެނެޓު ބައްދަލުވުމަށް ފަހު: ޕީޕީއެމްގެ ނައިބު ރައީސްކަމަށް އޭނާ ވަނީ އިންތިޚާބުކޮށްފައި --- ފޮޓޯ/ ޕީޕީއެމް

ޕީޕީއެމްގެ ހުސްވެފައިވާ ނައިބު ރައީސްކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އަދި، ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ކަމަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގް ހަލީމް, އެ ޕާޓީން މިއަދު އިންތިޚާބުކޮށްފިއެވެ.

ޕީޕީއެމުން މިއަދު ވަނީ ގިނަ ދުވަސްތަކަކަށް ފަހު އެ ޕާޓީގެ ސެނެޓުގެ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ.

އެ ބައްދަލުވުން ބާއްވަން ނިންމުމާ އެކު ޕީޕީއެމް އުވާލަން އުޅޭކަމުގެ އަޑުތައް ފެތުރުނެވެ. އެހެންނަމަވެސް، އެ ކަމާ ގުޅޭ ގޮތުން އެ ޕާޓީގެ ސެނެޓުގައި އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށް ޕާޓީން ބުންޏެވެ.

ޕީޕީއެމްގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ސެނެޓު ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް އައްޔަންކުރުމަށާއި އެސްޖީ ކަމަށް އިބްރާހިމް އަބްދުލްރައްޒާގް ހަލީމް އައްޔަންކުރަން ސެނެޓުގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ.

ޕީޕީއެމްގެ ނައިބު ރައީސުންގެ ގޮތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވެސް ތިއްބަވައެވެ.

ޕީޕީއެމްގެ ސެނެޓު ބައްދަލުވުމުގެ ތެރެއިން: ޚަލީލް ނައިބު ރައީސްކަމަށް އަދި އިބްރާހިމް އަބްދުލްރައްޒާގް ހަލީލް އެސްޖީ ކަމަށް އިންތިޚާބުކުރަން ނިންމީ ސެނެޓަރުންގެ އިއްތިފާގުން -- ފޮޓޯ/ ޕީޕީއެމް

ކޯލިޝަނެއްގެ ގޮތުގައި ހިންގާ ޕީޕީއެމް/ޕީއެންސީގެ އެންމެ އިސް ލީޑަރެއްގެ ގޮތުގައި މިހާރު ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ މަނިކުފާނު ވެރިކަމަށް ވަޑައިގެން ފަހުން ޕީޕީއެމްގެ ހަރަކާތްތައް ވަރަށް މަދެވެ. އޭގެ ބަދަލުގައި ސަރުކާރުގެ އިސް ބޭބޭފުޅުން ގެންދަވަނީ ޕީއެންސީއަށް މެންބަރުން އިތުރުކުރަން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.

ޕީޕީއެމް ރަސްމީކޮށް ރަޖިސްޓްރީކުރީ އޮކްޓޫބަރު 27، 2011 ގައެވެ.

އޭރު ޕީޕީއެމްގެ އެންމެ އިސް ލީޑަރެއްގެ ގޮތުގައި ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އެކަމަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމާ އެކު އެކަން ބަދަލުވިއެވެ.

އޭގެ ފަހުން ޕާޓީގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކަށް ފަހު، މައުމޫނާއި ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް ޕާޓީން ބޭރުކުރިއެވެ. ޕީއެންސީ އުފެއްދީ އެ ދުވަސްވަރު ޕާޓީގެ މިލްކުވެރިކަމާ ގުޅޭ ގޮތުން މައުމޫން ދައުވާކުރެއްވުމުން ޔާމީނަށް ޕާޓީ ގެއްލިދާނެކަމުގެ ބިރު އޮތުމުންނެވެ. ޕީއެންސީ ރަސްމީކޮށް ރަޖިސްޓްރީކުރީ ޖެނުއަރީ 31، 2019 ގައެވެ.

ޔާމީން ފަހަތްޕުޅުގައި ރައީސް މުއިއްޒު: ޕީޕީއެމްގެ ރައީސަކަށް ކުރިން ހުންނެވީ ޔާމީން -- ސަން ފޮޓޯ/ މުހައްމަދު މާހިލް

އޭގެ ފަހުން މިދިޔަ ރިޔާސީ އިންތިޚާބުގައި ދެ ޕާޓީގެ ފަރާތުން ވާދަކުރަން ޔާމީނަށް ޓިކެޓު އެރުވިއެވެ. އެކަމަކު، އެ މަނިކުފާނު އޭރު ޖަލު ހުކުމެއްގައި ހުންނެވުމުން ވާދަނުކުރެއްވޭނެކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީއެވެ.

އެހެންވެ، އެ ފަދަ ހާލަތެއްގައި ޕީއެންސީން ވާދަކުރަން އޭރު އޮތީ ރައީސް މުއިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންފައެވެ. އެއީ، ސެނެޓުގައި ބޭއްވި ޕްރައިމަރީއަކުންނެވެ.

އޭގެ ފަހުން ޖަލުން މިނިވަންވެވަޑައިގަތުމަށް ފަހު ރައީސް މުއިއްޒުގެ ވެރިކަމަށް ހަފުތާއެއް ވެސް ނުވަނީސް ޔާމީން ވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަމުން އިސްތިއުފާދެއްވައިފައެވެ. އެ މަނިކުފާނު މިހާރު ގެންދަވަނީ ޕީއެންއެފްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައިގެން ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

comment ކޮމެންޓް