ގާސިމް ކޯފާވެއްޖެ: ''ވަޒީރުންނަށް ރުހުން ނުދިނުމަކީ ގައުމު އިނދަޖައްސައިލުން''

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް: އޭނާ ވަނީ ވަޒީރުންނަށް ރުހުންނުދީފާނެތީ ކޯފާ އިސްކުރައްވާފައި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭ ނަމަ، އެއީ ގައުމު އިނދަޖައްސައިލުން ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ކޯފާ އިސްކުރައްވައި އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއަށް ވަނީ މި ސަރުކާރުގެ 22 ވަޒީރުންނަށް ރުހުންދޭން އެޖެންޑާކޮށްފައެވެ. ވަޒީރުންނަށް ރުހުން ދިނުން އޮންނާނީ 1:00 ގައެވެ.

އެ މައްސަލައިގެ ބަހުސްގެ ވަގުތުގައި މަޖިލީހުގެ މެޖޯރިޓީ އަދިވެސް އޮތް އެމްޑީޕީއާއި 13 މެންބަރުން ތިއްބެވި ޑިމޮކްރެޓްސްއިން ވަނީ ބައެއް ވަޒީރުންނަށް ރުހުންނުދޭނެ މޭރުމަކުން ވާހަކަ ދައްކައިފައެވެ. ދެ ޕާޓީން އެކުގައި މަސައްކަތް ކުރާއިރު، ޑިމޮކްރެޓްސްއިން ވަނީ ބައެއް ވަޒީރުންނަށް ރުހުންނުދޭން ނިންމައިފައެވެ.

ބަހުސްގެ ވަގުތުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، އެމްޑީޕީއާއި ޑިމޮކްރެޓުން ގުޅިގެން ބައެއް ވަޒީރުންނަށް ރުހުންނުދޭން އުޅޭ ކަމުގެ އަޑުތައް އިވޭ ކަމަށެވެ. އެގޮތުން،

  • އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު
  • ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު
  • ފޮރިން މިނިސްޓަރު މޫސާ ޒަމީރު

މި ތިން މިނިސްޓަރުންގެ ނަން ހާމަކުރައްވައި ގާސިމް ވިދާޅުވީ އެ ތިން ބޭފުޅުންނަށް ރުހުންނުދޭ ކަމުގެ އަޑުތަކެއް އޭނާއަށް އިވިވަޑައިގެންފައިވާ ކަމަށެވެ. އޭނާ ވަނީ އެއީ ޝަރުތުހަމަނުވާ ބޭފުޅުންތޯ ނުވަތަ ތައުލީމީ ބޭފުޅުން ނޫންތޯ ސުވާލު އުފައްދަވައިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޖޭޕީގެ ލީޑަރު ގާސިމް -- ފޮޓޯ/ ރައީސް އޮފީސް

"ދިވެހި ގައުމުގެ ރައްޔިތުންނަށް ވަފާތެރިވުމަކީ މިއަދު ރުހުން ވަޒީރުންނަށް ދީފައި، އެ ބޭފުޅުން ގޯހެއް ހަދައިފިއްޔާ ދެން އެ ބޭފުޅުން ގެނެސް ސުވާލުކޮށްގެން އެކަން ކުރުން. އެއީ މީގެ ކުރީގައި ވެސް އެކަން ކޮށްފައި އޮތް ގޮތަކީ،" ގާސިމް ވިދާޅުވިއެވެ.

އޭނާ ވަނީ ސަރުކާރުގެ 22 ވަޒީރުންނަށް ވެސް ރުހުންދޭން އެދިވަޑައިގެންފައެވެ. އެކަމަކު، އޭނާ ވާހަކަދައްކަވަމުން ދިޔަ ވަގުތު ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވާހަކަދައްކަވަން ފެއްޓެވުމުން ގާސިމް ވަނީ ކޯފާ އިސްކުރައްވައިފައެވެ.

މިއީ ބޮޑު އުނދަގުލަކަށް ވެފައި ހުރީ މި މަޖިލީހަށް އިނގޭތޯ. މީނަ ވަރުގެ މީހަކު ނެތިގެން، ކީއްވެގެންތަ ތި ތެޅި ބާލަނީ،" ގާސިމް، ކޯފާ އިސްކުރައްވައި ވިދާޅުވިއެވެ.

އެކަމަކު، ރިޔާސަތުން އާޒިމް ހުއްޓުވުމުން ގާސިމް ވަނީ ވާހަކަ ކުރިއަށް ގެންގޮސްފައެވެ. އޭނާ ވިދާޅުވީ، ވަޒީރުންނަށް ރުހުންދިނުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި، ކުރީގެ ސަރުކާރުތަކުގެ ވަޒީރުންނަށް ވެސް ރުހުންދީފައި އޮތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މި ސަރުކާރުގެ ވަޒީރުންނަށް ރުހުންނުދޭންވީ ސަބަބެއް ނެތް ކަމަށެވެ.

https://sun.mv/187951

"އަޅުގަނޑުގެ ނަސޭހަތަކީ އަޅުގަނޑުގެ އާދޭހަކީ މި ރައްޔިތުންގެ މަޖިލީހުން މިއަދު އެބަޖެހެޔޭ ހުރިހާ ވަޒީރުންނަށް ރުހުން ދެއްވަން،" ގާސިމް ވިދާޅުވިއެވެ.

"އެހެން ނުދީފި ހާލަތެއްގައި އޭގެ މާނައަކީ ރައްޔިތުން ނިންމި ނިންމުން ބަލައިނުގަތް ކޮޅުފައިން ޖަހާފައި، މާދަމާ ރައްޔިތުންގެ މަޖިލީހަށް ހޮވޭކަށް ކުރިމަތިލައިގެން ދާނެ ކަމެއް ނެތް އެ ޕާޓީތަކަކުންނެއް. ތިބޭފުޅުންގެ ސަރުކާރަށް އިތުބާރު ނެތީމައޭ ވަކި ބޭފުޅަކު ހޮވާފައި މިވަނީ،"

އޭނާ ވިދާޅުވީ، ވަޒީރުންނަށް ރުހުންނުދިނުމަކީ ގައުމު އިނދަޖައްސައިލުން ކަމަށެވެ. އެހެންވެ، އަމިއްލަ އެދުމުގައި ގައުމަށް ގެއްލުން ނުދޭން ގާސިމް ވަނީ އެމްޑީޕީއާއި ޑިމޮކްރެޓްސްއަށް ގޮވާލައިފައެވެ.

"ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައި ބޭފުޅަކަށް ރުހުންނުދިނުމަކީ ގައުމު އިނދަޖައްސައިލުމާއި ގައުމު ހަލާކުކޮށްލުމަށް ތިބޭފުޅުން ކުރައްވާ މަސައްކަތް. އަމިއްލަ އެދުން ކުރިއަށް ނެރުއްވައިގެން ކުރައްވާ މަސައްކަތްކަން ޔަގީން،" ގާސިމް ވިދާޅުވިއެވެ.

https://sun.mv/187873

ފާހަގަކޮށްލެވޭ ގޮތުގައި ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަނެއް ނުހެދި ނަމަވެސް ޕީއެންސީން ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގާސިމް ވާދަކުރައްވާ މާމިނގިލީ ދާއިރާއަށް ކެންޑިޑޭޓަކު ނުނެރޭން ނިންމައިފައެވެ.

މަޖިލީހުގެ މިދިޔަ ތިންވަނަ ދައުރު ހަމަވުމުގެ ކުރިން ވެސް ތަޅުމަށް ވަޒީރުންނަށް ރުހުންދޭން އެޖެންޑާކުރިއެވެ. އެކަމަކު، އޭރު ކޮމިޓީން ފޮނުވި ރިޕޯޓު ފުރިހަމަނުވާ ކަމަށް ބުނެ، މަޖިލީހުން ވަނީ އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިލައިފައެވެ.

ކޮމިޓީގައި ވެސް އެ މައްސަލަ ވަރަށް ބޮޑަށް ދިގުލައިގެން ދިޔައެވެ. އެ މައްސަލަ ކޮމިޓީން ނިންމީ ދައުރު ނިމުނު ފަހުންނެވެ.

އެކަމަކު، އޭގެ ފަހުން ވަޒީރުންނަށް ރުހުންދޭން ޖަލްސާއެއް ނުބާއްވައި އޮތުމަށް ފަހު މިއަދަށް ދައުރުން ބޭރުގެ ޖަލްސާއެއް ބާއްވަން ހުށަހެޅީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހެއް ހުށަހަޅައި، ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް ފަސްކުރާށެވެ.

comment ކޮމެންޓް