މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުންނުދޭން ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުން ނިންމައިފިއެވެ.
ވަޒީރުންނަށް ރުހުންދިނުން ލަސްވެފައި އޮތުމަށް ފަހު، މިއަދަށް ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއަށް ވަނީ ވަޒީރުންނަށް ރުހުން ދިނުން ވެސް އެޖެންޑާކޮށްފައެވެ.
މި ފަހުން އެމްޑީޕީއާ އެކު ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަން އެއްބަސްވި ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ހެނދުނު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ޕާޓީ ބިނާވެގެންވާ އަސާސްތަކުގެ މައްޗަށް ބަލާއިރު އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވައި އެގޮތަށް އަމަލުކުރައްވަމުންގެންދަވާކަން ފާހަގަކުރެވޭ ކަމަށެވެ.
އެހެންވެ، މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގެ މަޝްވަރާއަށް ފަހު އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.
"ރައްޔިތުންގެ ފަރާތުން ސަރުކާރު ޖަވާބުދާރީކޮށް، ޑިމޮކްރެޓިކް ހެޔޮވެރިކަމުގެ ނިޒާމެއް ގާއިމުވެފައި ބޭއްވުމަށް، ވަރުގަދައަށް ސާބިތުވެ އޮންނަ އިދިކޮޅު ސިޔާސީ ޕާޓީއާއި އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިބުމަކީ ކޮންމެހެން މުހިއްމުކަމެކެވެ. ސަރުކާރު އަމަލުކުރަމުންދާ ގޮތްތައް ގާތުން ބަލައި ސަރުކާރާއި ކެބިނެޓްގެ ވަޒީރުން ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ،" ޑިމޮކްރެޓްސްއިން ނެރުނު ބަޔާނުގައިވެއެވެ.
އެ ޕާޓީން ބުނީ، ސަރުކާރު ޖަވާބުދާރީކޮށް ޒިންމާދާރުކުރުވުމުގައި އަމަލުކުރާނީ ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކުގައި ކަމަށެވެ.
މަޖިލީހުގެ މިދިޔަ ތިންވަނަ ދައުރު ހަމަވުމުގެ ކުރިން ވެސް ތަޅުމަށް ވަޒީރުންނަށް ރުހުންދޭން އެޖެންޑާކުރިއެވެ. އެކަމަކު، އޭރު ކޮމިޓީން ފޮނުވި ރިޕޯޓު ފުރިހަމަނުވާ ކަމަށް ބުނެ، މަޖިލީހުން ވަނީ އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިލައިފައެވެ.
ކޮމިޓީގައި ވެސް އެ މައްސަލަ ވަރަށް ބޮޑަށް ދިގުލައިގެން ދިޔައެވެ. އެ މައްސަލަ ކޮމިޓީން ނިންމީ ދައުރު ނިމުނު ފަހުންނެވެ.
އެކަމަކު، އޭގެ ފަހުން ވަޒީރުންނަށް ރުހުންދޭން ޖަލްސާއެއް ނުބާއްވައި އޮތުމަށް ފަހު މިއަދަށް ދައުރުން ބޭރުގެ ޖަލްސާއެއް ބާއްވަން ހުށަހެޅީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހެއް ހުށަހަޅައި، ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް ފަސްކުރާށެވެ.