އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވާދަކުރައްވާ ދާއިރާތަކަށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީން އިތުރު ކެންޑިޑޭޓަކު ވާދަނުކުރާނެ ކަމަށް އެ ޕާޓީބް މިއަދު ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެ ޕާޓީތަކުގެ ލީޑަރުންނަށް އިޚުތިރާމު ކުރެއްވުމުގެ ގޮތުން، އެ ދާއިރާތަކަށް ވާދަނުކުރަން އެ ޕާޓީން ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، އެ ތިން ދާއިރާއަށް އެ ޕާޓީން ޕްރައިމަރީއެއް ނުބާއްވާނެ ކަމަށާއި އެ ބޭފުޅުންނަށް އެ ދާއިރާތައް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.
އެކަމަކު، ނާޒިމް ވާދަކުރައްވަނީ ކޮން ދާއިރާއަކަށް ކަމެއް އަދުރޭ ވިދާޅެއް ނުވެއެވެ.
އެމްޑީއޭގެ ރައީސް ސިޔާމަކީ މިހާރު ވެސް ދ. މީދޫ ދާއިރާގެ މެންބަރެވެ. އެ މަނިކުފާނު މި އަހަރުގެ އިންތިޚާބުގައި ވެސް އެ ދާއިރާއަށް ވާދަކުރައްވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި، ޖޭޕީގެ ލީޑަރު ގާސިމް ވެސް މިހާރު ހުންނެވި މާމިގިނލީ ދާއިރާއަށް ވާދަކުރައްވާނެ ކަމަށެވެ.
"އެ ތިން ޕާޓީން ވެސް އެހެންވީމާ އެބަ ވާދަކުރައްވާ. އަޅުގަނޑުމެން ކުރީގައި ވެސް ދަންނަވާފައި އޮންނާނެ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި އަޅުގަނޑުމެންގެ ދެ ޕާޓީން ހުރިހާ ދާއިރާއަކަށް ވާދަކުރާނޭ. އެހެންވީމާ އެގޮތުން މި ވާދަކުރަނީ،" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި އިތުރު ޕާޓީތަކަށް ވާދަނުކުރެވޭނެ ކަމަށެވެ.
"އެމްޑީއޭ އާއި އެމްއެންޕީ އާއި ޖޭޕީއާ، އެ ބޭފުޅުން ދާއިރާތަކަށް ވާދަކުރެއްވުމަކީ އެއީ އެ ބޭފުޅުންގެ އަމިއްލަފުޅު ކަމެއް. އެއީ އަޅުގަނޑުމެން ނިންމާ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީއޭއާއި އެމްއެންޕީން ޕީއެންސީއަށް ތާއީދުކުރި ނަމަވެސް ގާސިމްގެ ޖޭޕީން އެއްވެސް ޕާޓީއަކަށް ތާއީދެއް ނުކުރެއެވެ.
އަންނަ މަޖިލީހުގައި 93 ދާއިރާއެއް ހިމެނޭއިރު، ޕްރައިމަރީއަކާ ނުލައި ޕީއެންސީގެ ޓިކެޓު މިހާރު ކަށަވަރު ވެފައިވަނީ 13 ކެންޑިޑޭޓަކަށެވެ. އެ ޕާޓީގެ މަޖިލިސް ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.