މާލެ ސިޓީ ކައުންސިލުގެ އިތުރު ތިން މެންބަރުން ޕީއެންސީއަށް

މާލޭ ސިޓީ ކައުންސިލުން ޕީއެންސީއަށް އަލަށް ސޮއި ކުރެއްވި ބައެއް މެންބަރުން-- ފޮޓޯ: ޕީޕީއެމް

މާލޭ ސިޓީ ކައުންސިލުގެ އިތުރު މެންބަރުންތަކެއް ޕީއެންސީއަށް މިއަދު ސޮއި ކުރައްވައިފިއެވެ.

ޕީޕީއެމްއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޕީއެންސީއަށް މިއަދު ސޮއި ކުރައްވައިފައިވަނީ:

  • އިބްރާހިމް އަބޫބަކުރު - މާފަންނު ހުޅަނގު ދާއިރާ
  • މުހައްމަދު އަރީޝް - މާފަންނު ހުޅަނގު އުތުރު ދާއިރާ
  • އާއިޝަތު ނާޒިމާ - މައްޗަންގޮޅި ދެކުނު ދާއިރާ

އެ މެންބަރުންގެ ފޯމްތަކާ ހަވާލުވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.

ތިން ކައުންސިލަރުންގެ ތެރެއިން އިބްރާހީމް އަބޫބަކުރަކީ ޕީޕީއެމްގައި ހުންނެވުމަށް ފަހު، މިމަހުގެ ތެރޭގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުފައްދަވާ ޕީއެންއެފަށް ސޮއިކުރެއްވި ކައުންސިލަރެކެވެ. އޭރު އޭނާ ވިދާޅުވީ ޕާޓީ ބަދަލުކުރީ، ރައީސް ޔާމީންގެ ނަންފުޅު ގޮނޑީގައި ޖަހައިގެން މި ސަރުކާރުން ވެރިކަމަށް އައިސް އެމަނިކުފާނު މިނިވަން ކުރުމުގެ ބަދަލުގައި އެތައް އަނިޔާއެއް ދެމުންދާތީ ކަަމަށެވެ.

https://sun.mv/187205

ޕީއެންސީއަށް ދެން ސޮއިކުރީ އަރީޝް ކައުންސިލަށް ހޮވުނީ އެމްޑީޕީ ޓިކެޓުގައި ކަމަށްވާއިރު ނާޒިމާ ހޮވުނީ ޕީޕީއެމް ޓިކެޓުގައެވެ.

މިދިޔަ ހޯމަ ދުވަހު މާލެ ސިޓީ ކައުންސިލުގެ މެދު ހެންވެއިރު ދާއިރާއަށް ހުވާ ކުރެއްވި އަހުމަދު ރިޝްވާން ވެސް ވަނީ, މަގާމަށް ހުވާ ކުރެއްވުމުގެ ކުރިން ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. ރިޝްވާނަކީ އެމްޑީޕީ ޓިކެޓުގައި ކައުންސިލް އިންތިޚާބުގައި ވާދަ ކުރެއްވި ބޭފުޅެކެވެ.

އަލަށް ޕީޕީއެމް ޕީއެންސީއާ ގުޅިވަޑައިގެން ތިން މެންބަރުންނާއެކު މިހާރު ސިޓީ ކައުންސިލުގައި ތިއްބެވި 19 މެންބަރުންގެ ތެރެއިން 16 މެންބަރުންނަކީ ޕީޕީއެމް ޕީއެންސީގެ ކޯލިޝަނަަށް ނިސްބަތްވާ މެންބަރުންނެވެ.

comment ކޮމެންޓް