ޕީޕީއެމްގެ މާލެ ސިޓީ ކައުންސިލް މެންބަރު އިބްރާހީމް އަބޫބަކުރު ޕީއެންއެފްއަށް ސޮއިކުރައްވައިފި

މާލެ ސިޓީ ކައުންސިލްގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އިބްރާހީމް އަބޫބަކުރު؛ އޭނާ ވަނީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުރުމަށް ފަހު ޕީއެންއެފްއާ ގުޅިފައި-- ފޮޓޯ/ ސިޓީ ކައުންސިލް

ޕީޕީއެމްއަށް ނިސްބަތްވާ މާލެ ސިޓީ ކައުންސިލްގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އިބްރާހީމް އަބޫބަކުރު އެ ޕާޓީން ވަކިވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އުފައްދަވާ އާ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)އަށް ސޮއިކުރައްވައިފިއެވެ.

ޗެނަލް13އަށް ދެއްވި އިންޓަވިއުއެއްގައި އިބްރާހީމް އަބޫބަކުރު ވިދާޅުވީ، ޕީޕީއެމުން ވަކިވެ ޕީއެންއެފްއަށް ސޮއިކުރީ، ރައީސް ޔާމީންގެ ނަންފުޅު ގޮނޑީގައި ޖައްސަވައިގެން މި ސަރުކާރުން ވެރިކަމަށް އައިސް މިއަދު އެމަނިކުފާނު މިނިވަން ކުރުމުގެ ބަދަލުގައި އެތައް އަނިޔާއެއް ދެމުންދާތީ ކަަމަށެވެ.

އަދި މިހާރު މާލެ ސިޓީ ކައުންސިލަށް ސަރުކާރުގެ ނުފޫޒު ވަންނަ ކަމަށާއި ކައުންސިލްތެރޭގައި ކަންކަން ހިނގަމުން ދަނީ އެ ކައުންސިލުން ބޭނުންވާގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމާ މެދު އެއްވެސް ވަރަކަށް ހިތްހަމަނުޖެހޭތީ ޕާޓީން ވަކިވީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ޗެނަލް13އަށް ވިދާޅުވީ، މިދިޔަ ދައުރުގައި މާލެ ސިޓީ ކައުންސިލަށް ހޮވާފައިވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ގިނަ މެންބަރުންނަކީ ރައީސް ޔާމީނަށް ތާއީދުކުރާ ގިނަ ސަޕޯޓަރުންތަކެއް ވޯޓު ދީގެން ހޮވާފައިވާ ބައެއް ކަމަށެވެ.

އެހެންކަމުން މިއަދު އެމަނިކުފާނަށް ދެމުންދާ އަނިޔާތަކަކީ ބޭއިންސާފުން ލިބިގެންދާ އަނިޔާތަކެއްކަން އެ މެންބަރުން ހަނދާން ނައްތާލައިފި ކަމަށާއި އެއީ ރައީސް ޔާމީނަށް ވެފައިވާ ޚިޔާނާތެއްގެ ގޮތުގައި މަލީހު ސިފަކުރެއްވިއެވެ.

ކުރިއަށް މިއޮތް މާލެ ސިޓީ ކައުންސިލް ބައި އިލެކްޝަނުގައި ރައީސް ޔާމީނަށް ތާއީދުކުރައްވާ ފަރާތްތައް ހޮއްވަވައިދެއްވުމަށް ރައީސް ޔާމީން އެދިލައްވާ ކަމަށް މަލީހު ވިދާޅުވިއެވެ.

"ޕީއެންއެފްއަކީ ވަރަށް އުފާވެރި މުސްތަގުބަލެއް އޮތް ޕާޓީއެއް. އެއްވެސް ގޯހެއް ހެދުމުގެ ފުރުސަތު ދެއްވާނި ކަމެއް ނެތް އެބޭފުޅުންނަށް [ސަރުކާރަށް]،" މަލީހު ވިދާޅުވިއެވެ.

މީގެ ކުރިން ސިޓީ ކައުންސިލްގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ޕީޕީއެމް މެންބަރު އައިޝަތު ނާޒިމާ ވެސް ވަނީ އެ ޕާޓީ ދޫކުރައްވާ ޕީއެންއެފްއާ ގުޅިވަޑައިގެންފައެވެ.

ވެރިކަން ކުރާ ޕީޕީއެމް، ޕީއެންސީގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް އިންތިޚާބުވުމުން ހުސްވި މާލޭ މޭޔަރުގެ ގޮނޑިއަށާއި ތިން ކައުންސިލަރުން ހޮވުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގައެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ، ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ކުރީގެ ލީޑަރު ޔާމީންގެ ތާއިދާއެކު ނަމަވެސް އެ މަނިކުފާނު ހުވާކުރެއްވިތާ ހަފުތާއެއް ނުވަނީސް ޔާމީން ޕާޓީއާ ދުރަށް ވަޑައިގަތެވެ. އޭރުން ފެށިގެން އެ މަނިކުފާނު ގެންދަވަނީ އާ ޕާޓީ ޕީއެންއެފް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ.

އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ވަނީ ނޮވެމްބަރު 29ގައި ދީފައެވެ.

comment ކޮމެންޓް