ނައިބު ރައީސްގެ ތައުރީފު ރައީސަށް، ވިދާޅުވީ ސަރުކާރުން މީހުންގެ ބަސް އަހާނެ ކަމަށް

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް: ޕީއެންސީގައި ޕްރައިމަރީއާ ގުޅޭ ގޮތުން އުފެދުނު މައްސަލަ ރައީސް ހައްލުކޮށްދެއްވި ގޮތަށް ނައިބު ރައީސް ވަނީ ތައުރީފުކުރައްވާފަ -- ފޮޓޯ/ މަޖިލިސް

ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅި ބައެއް މެންބަރުންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމި މައްސަލައިގައި ގިނަ ބަޔަކު ނުރުހުންވުމުން، ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ މައްސަލަ ހައްލުކޮށްދެއްވި ގޮތަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފު މިރޭ ތައުރީފު ކުރައްވައިފިއެވެ.

ޕްރައިމަރީގެ މައްސަލަ ބޮޑުވުމުން ރައީސް މިއަދު ނިންމެވީ، ވާދަކުރަން ފޯމުލީ އެންމެންނަށް އެ ފުރުސަތު ދިނުމަށެވެ.

ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސަކީ ރައްޔިތުންގެ އަޑުއައްސަވައި، ރައްޔިތުންގެ ފިކުރާއި ވިސްނުމާ އެއްގޮތަށް ވެރިކަން ކުރައްވާނެ ބޭފުޅެއް ކަމަށެވެ.

ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ ނައިބު ރައީސް ޙުސައިން ވިދާޅުވީ، ރައީސް މުޅި ސަރުކާރު ބިނާކުރައްވަނީ ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ދެވޭނެ ބައްޓަމަކަށް ކަމަށެވެ.

"ރމ. ސަރުކާރު އަބަދުވެސް އޮންނާނީ ތިޔަ ރައްޔިތުންނާއެކި،" އެ މަނިކުފާނު ވިދާޅުވިއެވެ.

ޕީޕިއެމް، ޕީއެންސީ ޕްރައިމަރީއަށް ފޯމް ހުށަހެޅި ބައެއް މެންބަރުންގެ ކެންޑިޑެސީ ބާތިލުކޮށް އެ މެންބަރުންނަށް ފޮނުވި ސިޓީގައި ވަނީ ނިމުނު ރިޔާސީ އިންތިޚާބަށް ފަހު ޕާޓީ ތެރޭގައި އުފެދުނު ފިތުނައިގައި ޖެހި، ޕާޓީ ބައިބައި ކުރަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި، އެކަށީގެންވާ މުއްދަތެއްގައި ޕާޓީއަށް ޚިދުމަތްކޮށްފައިނުވާ ކަމަށް ބުނެ ވެސް ބައެއް މެންބަރުންގެ ކެންޑިޑެސީ ބާތިލުކޮށްފައިވެއެވެ.

އެ މައްސަލައިގައި ރޭ ބައެއް މެންބަރުން ވަނީ ޕީއެންސީ އޮފީސް ތެރެއަށް އެއްވެ ނުރުހުން ފާޅުކޮށްފައެވެ.

https://sun.mv/187707

މާޗު މަހުގެ 17 ވަނަ ދުވަހު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ދިމާވަނީ ރޯދަ މަހާއެވެ. އެ އިންތިޚާބަށް ކެންޑިޑޭޓުން ކެމްޕޭން ކުރަމުން އަންނައިރު ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީއަށް ހުޅުވައިލީ ވެސް ބޮޑެތި ޝަރުތުތަކެއް ހިމެނުމަށް ފަހުގައެވެ. އެގޮތުން ބަލައި ކަންކަމުގެ ތެރޭގައި، ޕާޓީއަށް އިޚުލާސްތެރިކަމާ އެކު ކުރި މަސައްކަތާއި މަޖިލީހުގެ ތަޖުރިބާއާއި ހާއްސަ މަޖިލީހުގެ ތަޖުރިބާ ހުރުން ވެސް ވަނީ ހިމަނައިފައެވެ.

އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ގިނަ އަދަދެއްގެ ކެންޑިޑޭޓުން ފޯމު ހުށަހެޅިއެވެ. ދެ ފަހަރެއްގެ މަތިން ޕްރައިމަރީ ލަސްކުރުމަށް ފަހު، މިހާރު ނިންމާފައި އޮތީ އަންނަ ހޮނިހިރު ދުވަހުއެވެ.

comment ކޮމެންޓް