ޓިކެޓު ނުދިނުމުން ޒުވާބަކަށް، ޕީއެންސީ އޮފީސް ތެރޭ އަޑުގަދަކޮށްފި

ޓިކެޓު ނުދިން މައްސަލައިގައި ޕީއެންސީ އޮފީސް ތެރޭގައި ބަޔަކު ނުރުހުން ފާޅުކުރަނީ --

މި އަހަރު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ޓިކެޓު ބައެއް މެންބަރުންނަށް ނުދޭން އެ ޕާޓީން ނިންމުމާ ގުޅިގެން މަސްލަހަތު ގެއްލި، ޕާޓީ އޮފީސްތެރޭ އަޑުގަދަކޮށް ރޭ ޒުވާބަކަށް ގޮސްފިއެވެ.

އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ގިނަ އަދަދެއްގެ ކެންޑިޑޭޓުން ފޯމު ހުށަހެޅިއެވެ. ދެ ފަހަރެއްގެ މަތިން ޕްރައިމަރީ ލަސްކުރުމަށް ފަހު، މިހާރު ނިންމާފައި އޮތީ އަންނަ ހޮނިހިރު ދުވަހުއެވެ.

އިއްޔެ، ޕީއެންސީން ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅި ބައެއް މެންބަރުންނަށް ފޮނުވި ސިޓީއެއްގައި ވަނީ ނިމުނު ރިޔާސީ އިންތިޚާބަށް ފަހު ޕާޓީ ތެރޭގައި އުފެދުނު ފިތުނައިގައި ޖެހި، ޕާޓީ ބައިބައި ކުރަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި، އެކަށީގެންވާ މުއްދަތެއްގައި ޕާޓީއަށް ޚިދުމަތްކޮށްފައިނުވާ ކަމަށް ބުނެ ވެސް ބައެއް މެންބަރުންގެ ކެންޑިޑެސީ ވަނީ ބާތިލުކޮށްފައެވެ.

އެ މައްސަލައިގައި ރޭ ބައެއް މެންބަރުން ވަނީ ޕީއެންސީ އޮފީސް ތެރެއަށް އެއްވެ ނުރުހުން ފާޅުކޮށްފައެވެ.

https://sun.mv/187687

ޕާޓީ އޮފީސް ތެރޭގައި މީހުން ނުރުހުން ފާޅުކޮށް، އަޑުގަދަކުރާ މަންޒަރު ފެންނަ ވީޑިއޯތައް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ބައެއް މީހުން ވަނީ އެކަމާ ނުރުހުން ފާޅުކޮށް އަޑުގަދަކޮށްފައެވެ. ޕާޓީ އޮފީސް ތެރޭގެ މަސްލަހަތު ގެއްލި، ޒުވާބަކަށް ވަނީ ގޮސްފައެވެ.

ވީޑިއޯތަކުން ފެންނަ ބައެއް މީހުން ބުނެފައިވަނީ، އެ މީހުން މިދިޔަ ފަސް އަހަރު ތިބީ މަގުމަތީގައި ކަމަށާއި ރިޔާސީ އިންތިޚާބުގައި ވެސް އެ މީހުންނަށް ވުރެ އިޚުލާސްތެރިކޮށް މަސައްކަތްކުރި މީހަކު މަދުވާނެ ކަމަށެވެ.

މިކަމާ ގުޅިގެން އެ ޕާޓީން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ކެންޑިޑެސީ ބާތިލުކުރީ ކިތައް މެންބަރުންގެ ކަމެއް ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މާޗު މަހުގެ 17 ވަނަ ދުވަހު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ދިމާވަނީ ރޯދަ މަހާއެވެ. އެ އިންތިޚާބަށް ކެންޑިޑޭޓުން ކެމްޕޭން ކުރަމުން އަންނައިރު ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީއަށް ހުޅުވައިލީ ވެސް ބޮޑެތި ޝަރުތުތަކެއް ހިމެނުމަށް ފަހުގައެވެ. އެގޮތުން ބަލައި ކަންކަމުގެ ތެރޭގައި، ޕާޓީއަށް އިޚުލާސްތެރިކަމާ އެކު ކުރި މަސައްކަތާއި މަޖިލީހުގެ ތަޖުރިބާއާއި ހާއްސަ މަޖިލީހުގެ ތަޖުރިބާ ހުރުން ވެސް ވަނީ ހިމަނައިފައެވެ.

ބައެއް ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލުކުރިކަން އަންގައި ފޮނުވި ސިޓީގައި ސޮއިކުރައްވާފައިވަނީ ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރު އަބްދުއްރަހީމް އަބްދުﷲއެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމާ އެކު، ކުރިން 3،000 އެއްހައި މެންބަރުން ތިބި ޕީއެންސީއަށް ގިނަ އަދަދެއްގެ މެންބަރުން ވަނީ ސޮއިކޮށްފައެވެ. އެ ޕާޓީގެ ދަފުތަރުގައި މިހާރު 40،000 އަށް ވުރެ ގިނަ މެންބަރުން އެބަތިބި ކަމަށް އެ ޕާޓީން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް