ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމަށް ހުށަހަޅާފައިވާ މެންބަރަކު ފިތުނަ އުފެއްދި ކަމަށް ބުނެ، އޭނާއަށް ޕްރައިމަރީގައި ވާދަކުރަން ފުރުސަތު ނުދޭން އެ ޕާޓީން ނިންމައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ރައީސަކަށް ހުންނަވާ އަދި އެ މަނިކުފާނުގެ ޚާއްޞަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ޗެއާކަން ކުރައްވާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމަށް އެޕާޓީން ނިންމާފައިވާ އެއް ކެންޑިޑޭޓަކީ ލ. މާވަށު ދާއިރާއަށް ކުރިމަތިލެއްވި މޫސާ ފައިސަލެވެ.
އަބްދުއްރަހީމް ސޮއިކުރައްވައި ފައިސަލްއަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ އެ ޕާޓީގެ ކޯލިޝަންގައި ވާދަކުރުމަށް އޭނާގެ ޝަރުތުހަމަނުވާ ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ރިޔާސީ އިންތިޚާބަށްފަހު އެ ޕާޓީގެ މެންބަރުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް މަސައްކަތުގައި ބައިވެރިވެ އެކަން ކުރިއެރުވުމަށް މަސައްކަތް ކޮށްފައިވާތީ ކަމަށެވެ.
މީގެ އިތުރުން ޅ. ނައިފަރު ދާއިރާއަށް ކުރިމަތިލެއްވި ޙުސެއިން ޢަރްބާން ފައްވާޒަށް ވެސް ވާދަނުކުރެވޭނެ ކަމަށް އެ ޕާޓީން ނިންމާފައިވެއެވެ. އޭނާއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އޭނާގެ ޝަރުތު ހަމަނުވަނީ، އޭނާ އެޕާޓީއަށް އެކަށީގެންވާ މިންވަރަށް ޕާޓީއަށް ޚިދުމަތްކޮށްފައި ނުވާތީ ކަމަށެވެ.
ރައީސް ވެރިކަމަށް ވަޑައިގެންނެވީ ޕީޕީއެމް، ޕީއެންސީ ކޯލިޝަނުގައި މީގެ ކުރިން އިސްކޮށް ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއިދާއެކުގައެވެ. ނަމަވެސް އެ މަނިކުފާނު ވެރިކަމުގެ ހުވާ ކުރެއްވިތާ ހަފުތާއެއް ވެސް ނުވަނީސް ޔާމީން އެ ކޯލިޝަނުން ވަކިވެ، އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވިއެވެ.
އެ މަނިކުފާނުގެ އަރިސް ފަރާތްތަކުން ވިދާޅުވި ގޮތުގައި، އެއީ ރައީސް މުއިއްޒު އެ މަނިކުފާނާ ގުޅުން ކަނޑައިލެއްވުމުންނެވެ. އޭގެ ފަހުން ޕީޕީއެމާއި ޕީއެންސީން ޔާމީނަށް ތާއިދު ކުރާ ބައެއް މެންބަރުން އެ ޕާޓީތައް ދޫކޮށް، ޔާމީން އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީގެ ކަންކަމުގައި ހަރަކާތްތެރިވަމުންދެއެވެ.
ޔާމީން އުފައްދަވާ ޕީއެންއެފްގެ ބައްދަލުވުންތަކުގައި ރައީސާއި މި ސަރުކާރަށް ފާޑުކިޔައި، ވައުދުފުޅުތައް ނުފުއްދަވާ ކަމަށް ތުހުމަތުކުރެއެވެ.
ޕީއެންސީގެ ޕާޓީގެ ޕްރައިމަރީ ބާއްވަން މީގެ ކުރިން ތާވަލުކުރީ އިއްޔެއަށް ނަމަވެސް އެ ތާރީޚު ވަނީ އަންނަ ހޮނިހިރަށް ފަސްކޮށްފައެވެ.