އިންޑިއާއަށް އިހުތިރާމުނުކޮށް، ގަދަ ދައްކައިގެން ލިބޭނީ ގެއްލުން: ނަޝީދު

ނަޝީދާއި ރައީސް މުއިއްޒު: ނަޝީދު ވިދާޅުވީ އިންޑިއާއަށް އިޚުތިރާމުކުރަން ޖެހޭ ކަމަށް --- ފޮޓޯ: މަޖިލިސް

ދިވެހިރާއްޖެއިން އިންޑިއާއަށް އަބަދު ވެސް އިހުތިރާމުކުރަން ޖެހޭނެ ކަމަށާއި އިހުތިރާމުކުރުމުގެ ބަދަލުގައި ގަދަ ދައްކައިގެން އުޅެން ވެއްޖެ ނަމަ އެކަމުގެ ނަތީޖާ ހިތިވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން އިންޑިއާއަށް ބަރޯސާވާ މިންވަރު ކުޑަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅުއްވައިފައެވެ. އެގޮތުން، ކާޑުގެ ބާވަތްތަކާއި ބޭސް ވެސް އިންޑިއާއިން ގެނައުމުގެ ބަދަލުގައި އެހެން ގައުމުތަކުން ގެނެވޭގޮތް ހަދައި، އާސަންދަ ވެސް އިންޑިއާއާއި ސްރީލަންކާގެ އިތުރުން އެހެން ގައުމުތަކަށް ލިބޭގޮތް ހަދަން ރައީސް ވަނީ ނިންމަވައިފައެވެ.

މި ވަގުތު ރާއްޖޭގެ ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެން ހުންނެވި ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތީ ބާރުގަދަ ކަމުން ނޫން ކަމަށާއި ދުރު ނުވިސްނާ ރާއްޖޭގެ ލީޑަރުން 'ގަދަ ދައްކަން' ފަށައިފި ނަމަ، އެ ކަމުގެ ނަތީޖާ ހިތިވާނެ ކަމަށެވެ.

"އިންޑިއާއަކީ އަވަށްޓެރިއެއް އަދި ރަހުމަތްތެރިއެއް. އަބަދު ވެސް އިންޑިއާއަށް އިހުތިރާމުކުރަން ވާނެ،" އިންޑިއާއާ ވަރަށް ގާތް ގުޅުމެއް ބާއްވައިގެން ތިން އަހަރެއްހާ ދުވަހު ވެރިކަން ކުރެއްވި ނަޝީދު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ގަދަބާރު ދެއްކުމުގެ ބަދަލުގައި ކުރިއަށްދާން ވާނީ ވިސްނުންތެރިކަމާ އެކު ކަމަށެވެ. އެހެން ނޫންނަމަ ނަތީޖާ ހިތިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެ - އިންޑިއާ ގުޅުން ގޯސްވެފައިވަނީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން މާޗު މަހުގެ 15ގެ ކުރިން އަނބުރާ ގެންދަން ރައީސް މުއިއްޒު އެދިވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.

އޭގެ ފަހުން، ސަރުކާރުގެ ނައިބު ވަޒީރު ފެންވަރުގައި ތިއްބެވި ތިން ބޭފުޅަކު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. އެ މައްސަލަައިގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ދިވެހި ސަފީރު ވެސް ހާޒިރުކޮށްފައިވާއިރު، އެ ގައުމުގެ ބައެއް ނުފޫޒު ގަދަ ފިލްމު ސްޓާރުން ވެސް ވަނީ ރާއްޖެ ނުދާން ގޮވާލައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ނަޝީދަކީ އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އިންޑިއާއާ އެކު ބާއްވަވާ ބޭފުޅެކެވެ. އެ މަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ވެސް އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރިއެވެ. އެއީ، އެ މަނިކުފާނަށް އަދިވެސް ފާޑުކިޔުން އަމާޒުވާ ކަމެކެވެ.

comment ކޮމެންޓް