ދުނިޔޭގައި އުފަލުގައި އުޅެން ބޭނުންނަމަ އެހެން މީހުންނަށް އުފާވެރިކަން ހޯދައިދިނުމަށް މަސައްކަތް ކޮށްދޭންޖެހޭ ކަމަށް ދ. މީދޫ ދާއިރާގެ އިންތިޚާބީ މެމްބަރު، އަދި މިހާރު ވެސް އެ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު މިރޭ ވިދާޅުވެއްޖެއެވެ.
ނިމިދިޔަ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގައި ބޮޑު އަޣުލަބިއްޔަތަކުން ފަސްވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާއެކު ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދައިކުރުމަށް ބައްދަލުކުރެއްވުމުގެ ގޮތުން ސިޔާމް ގެންދަވަނީ އެ ރަށްތަކަށް ދަތުރުކުރައްވަމުންނެވެ.
އެގޮތުން މިއަދު ދ. މީދޫގެ ރައްޔިތުންނާއި ބައްދަލުކޮށްފައިވާއިރު މިރޭ ވަނީ އެ އަތޮޅުގެ ބަނޑިދޫއަށް ވަޑައިގެންފައެވެ.
އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އުފަލުގައި އުޅެން ބޭނުންނަމަ، އެހެން މީހުންނަށް އުފާވެރިކަން ހޯދައިދިނުމަށް މަސައްކަތް ކޮށްދޭންޖެހޭ ކަމަށެވެ.
"ދުނިޔޭގައި އުފަލުން އަޅުގަނޑުމެން އުޅެން ބޭނުންވާ ކަމުގައި ވާނަމަ، ވަރަށް މުހިންމު ކަމެއް އަޅުގަނޑު މިރޭ ދަންނަވާލާނަން. އެހެން މީހުންނަށް އުފާވެރިކަން ހޯދައިދިނުމަށް މަސައްކަތްކޮށްދެއްވާށޭ. އޭގެ ބަދަލުގައި ﷲ ތިބޭފުޅުންނަށް ޔަގީންކަމާއި އެއްކޮށް ދެއްވާނެ އުފާވެރިކަން. އެއީ ޝައްކެއް
މީގެ 40ހަކަށް އަހަރު ކުރިން ރާއްޖޭގެ ރަށްތަކުގައި އޮތް އެކުވެރިކަން ފާހަގަކޮށް ސިޔާމް ވިދާޅުވީ މުޖުތަމައުގައި އެކަކު އަނެކަކަށް އޮންނަ ލޯތްބާއި އޯގާތެރިކަން ދަމަހައްޓަން ޖެހޭ ކަމަށެވެ.
ސިޔާމް އިތުރަށް ވިދާޅުވީ، ކޮންމެ މީހަކީ ތަފާތު މީހެއް ކަމަށާއި ކޮންމެ މީހަކާ ދޭތެރޭގައި ވެސް އޭނައަކީ ރަނގަޅު މީހެއް ކަމުގައި ދެކެން ޖެހޭ ކަމަށެވެ.
"ނުބައި، މި ލަފުޒު އަޅުގަނޑުމެންގެ ސިކުނޑިތަކުން ދުއްވާލަން އެބަ ޖެހޭ. ނުބައި މީހުނެއް ނުތިބޭނެ. ނުބައި މީހުން ތިބޭ ކަމަށް ވަންޏާ، ހިތްހަމަނުޖެހޭ މީހަކު އުޅޭ ކަމަށް ވަންޏާ، އެމީހަކު ހަމަ މަގަށް އެޅުވުމަށް ހެޔޮ ވިސްނޭ ދަރިން މި ރަށްރަށުގަ ތެދުވާނެ. މީގެ ކުރިން ވެސް ތެދުވެފަ ހުރީ" ސިޔާމް ވިދާޅުވިއެވެ.
އެ މަނިކުފާނު ވަނީ އެ މަނިކުފާނަށް ވޯޓުދެއްވި ހުރިހާ މީދޫ ރައްޔިތުންނަށް ޝުކުރު އަދައިކުރައްވައިފައެވެ.
އަދި، ބަނޑިދޫގެ ރައްޔިތުންނާއި ގުޅިގެން އެ ރަށުގެ މައްސަލަތައް ހައްލުކޮށްދިނުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ.