މީދޫގެ ރައްޔިތުންނަށް ސިޔާމްގެ ޝުކުރު: ހުރިހާ އުންމީދެއް ހާސިލްކޮށްދޭނަން

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު ބަނޑިދޫގައި -- ސަން ފޮޓޯ/ އަމަން ލަތީފް

ދ. މީދޫގެ ރައްޔިތުންގެ ހުރިހާ އުންމީދެއް ކުރިއަށް އޮތް މަޖިލިސް ދައުރުގެ ތެރޭ ހާސިލްކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް މީދޫ ދާއިރާގެ އިންތިޚާބީ މެމްބަރު، އަދި މިހާރު ވެސް އެ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ބޮޑު އަޣުލަބިއްޔަތަކުން ފަސްވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާއެކު ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދައިކުރުމަށް ބައްދަލުކުރެއްވުމުގެ ގޮތުން ސިޔާމް އެންމެ ފުރަތަމަ ވަޑައިގަތީ ދ. މީދޫއަށެވެ.

އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ މީދޫގެ ކޮންމެ ރައްޔިތަކީ ވެސް އެމަނިކުފާނަށް ވަރަށް ގާތް، ލޯބިވާ ރައްޔިތެއް ކަމަށެވެ.

އެއީ ފިކުރުގެ ގޮތުން ތަފާތު ރައްޔިތުން ކަމުގައިވީ ނަމަވެސް ކަމަށް ސިޔާމް ވިދާޅުވިއެވެ. އެއާއެކު އެ މަނިކުފާނު ވަނީ އެ މަނިކުފާނަށް ވޯޓުދެއްވި ހުރިހާ މީދޫ ރައްޔިތުންނަށް ޝުކުރު އަދައިކުރައްވައިފައެވެ.

ސިޔާމް ވިދާޅުވީ އަމާޒަކީ މިހާރަށްވުރެ ބޮޑަށް މި ދާއިރާގެ ރައްޔިތުންގެ ދިރިއުޅުން އުފާވެރިކޮށްދިނުން ކަމަށެވެ. އެ ބޭނުން ހާސިލްކުރުމަށް ޓަކައި އިތުރަށް މަސައްކަތް ކުރައްވަމުން އަންނަކަން ފާހަގަކުރައްވައި ސިޔާމްވަނީ މި ދާއިރާއަށް ބޭނުންވާ ކަންކަން ފަހިކުރުމުގެ މަޝްވަރާއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އެ މަނިކުފާނާ ބައްދަލުކުރެއްވި ކަމަށް ވިދާޅުވެފައެވެ.

"އާދެ އަޅުގަނޑުގެ އުންމީދަކީ ރައްޔިތުން ބޭނުންވާ އެންމެހާ ކަންތައްތައް، މިހެން ބުނީމަ ވަރަށް ބައިވަރު ކަންތައްތައް ހުންނާނެ. އޭގެ ތެރޭގައި ޚާއްސަކޮށް ސިއްހީ މައްސަލަތައް ރަށުގައި ތިބެގެން ރަށުގައި އާމްދަނީ ލިބޭނެ ގޮތްތަކެއް އަޅުގަނޑުމެން ހޯދައިދިނުން، ރަށުގައި ރައްޔިތުންނަށް ގެވަޅު ނުލިބި، އަދި ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ނެތިފައި ތިބި ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ އަވަސް ފުރުސަތެއްގައި ރާއްޖޭގެ ސަރުކާރާ ގުޅިގެން އެ މަސައްކަތް ވީހާ ވެސް އަވަހަށް ކުރިއަށް ގެންދިއުމަކީ އަޅުގަނޑު އެންމެ ބޭނުންވާ ކަންތައް،" ސިޔާމް ވިދާޅުވިއެވެ.

ހަމައެއާއެކު މީދޫއަކީ ބިމުގެ ޖާގަ ދަތި ރަށެއްކަން ފާހަގަކުރައްވައި ސިޔާމްވަނީ ގުދުރަތީ ވަސީލަތް ބޭނުންކުރުމުގައި ވެސް ފައިދާ ހުރި، އާމްދަނީ ލިބޭނެ ގޮތަށް ބޭނުންކުރުމަށް އެދިވަޑައިގެންފައެވެ.

ސިޔާމް މީދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެ މަނިކުފާނާ ވާދަކުރެއްވި ދެ ކެންޑިޑޭޓުންނާ އަޅައިބަލާއިރު، ބޮޑު ތަފާތަކުންނެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އިން އާންމުކޮށްފައިވާ ނަތީޖައިން ދައްކާ ގޮތުގައި ސިޔާމަށް ވަނީ 2،156 ވޯޓުގެ ތެރެއިން 1558 ވޯޓު ލިބިފައެވެ. އެއީ 73.73 ޕަސެންޓް ވޯޓެވެ.

comment ކޮމެންޓް