ތިން ''ބޭފުޅުން''، ތިން ޓުވީޓު: ގެނުވީ ޒަމާން ނުދެކޭ ލަދެއް

ސަސްޕެންޑުކުރި ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން މަލްޝާ ޝަރީފާއި (ވ) މަރިޔަމް ޝިއުނާ (ކ) އާއި އަބްދުﷲ މަހްޒޫމް މާޖިދު --

ހަގީގަތުގައި އެ ޓުވީޓެއް ކުރީއިރުގައި، އެ ތިން ބޭފުޅުންނަށް މި ކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަން ނޭނގެއެވެ. ކުރިން އެ ތިއްބެވި މަގުމަތީ ރާގުން، މިހާރު އެ ތިއްބެވި މަތިފަޑީގެ މޮޅު ރާގަށް އަދި ބަދަލު ވެސް ނުވެއެވެ. މަގާމެއް އެރުވިތާ ދެ މަސް ވެސް އަދި ނުވެއެވެ. ތިބެ ބަހައްޓާފައި، ފުރައްސާރަ އެ ކޮށްލީ، ނިއުކްލިއާ ބާރެއްގެ ވެރިޔާއަށެވެ. ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާއަށެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވިހާ ވެސް އެއްޗަކީ، އެ ގައުމުގެ ރީތިކަން ބަލައިލަން މީހުން އަންނާށޭއެވެ. ރާއްޖޭގެ ނަން ވެސް ނުގަނެއެވެ. އެއަކުން، ރާއްޖެއަށް ވެދާނެ ގެއްލުމެއް، ޢިލްމީ ގޮތުން ނުވެސްފެނެއެވެ.

އެކަމަކު، މަތިންބައިން ޖެހިގެން ސަރުކާރުގެ ނައިބު ވަޒީރު ފެންވަރުގައި ތިއްބެވި ތިން ބޭފުޅެއް ނުކުންނަވައި އުޅުއްވީ އަވަށްޓެރިންނާ ގެރިޒުވާބު ކުރާށެވެ. ދޫ ނުދީ، އެކަކަށް ވުރެ މާ މޮޅަށް، އަނެކަކު ދަށްކޮށްލެވޭތޯ ހީވީ ޖެއްސުމުގެ ވާދައެއް ހެނެވެ. އެ ހުރިހާ ސަކަރާތެއް ޖެއްސެވީ، އަމިއްލަފުޅު ހިޔާލުގެ ހުދޫދުގެ ތެރެއިންނެވެ. އެކަމަކު، އެކައުންޓުގައި އޮތީ ބޮޑުކޮށް ސަރުކާރުގެ ތަތްގަނޑު ޖަހައިފައެވެ. އެއީ، ހެއްދެވި ފުރަތަމަ ގޯހެވެ. ފާޑު ވިދާޅުވުމުގެ ގޯހަކީ އޭގެ ފަހުން އައި ގޯހެކެވެ.

ފަޅައިގެން ދިޔައީ ކީއްވެ؟

ބޮޑުވަޒީރު މޯދީއަށް ފުރައްސާރަ ކުރި ތިން ބޭފުޅުންނަކީ ވެސް ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާގެ ނައިބު ވަޒީރުންނެވެ. މުޅި ރާއްޖޭގެ އަތުގައި ހިފައިގެން، ގައުމެއްގެ ފަސްބަޔަށް ހިރަފުސް އަރުވައިލި ތިން ބޭފުޅުން އިއްޔެ ވަނީ ސަސްޕެންޑުކޮށްފައެވެ. އެއީ؛

  • މަލްޝާ ޝަރީފް
  • މަރިޔަމް ޝިއުނާ
  • އަބްދުﷲ މަހްޒޫމް މާޖިދު

https://sun.mv/187061

ހަގީގަތަށް ދަންނަވައިނަމަ، އެ ތިން ބޭފުޅުންނަކީ ކޮން ބައެއްކަން ގިނަ ދިވެހީންނަކަށް ވެސް ނޭނގެއެވެ. ބައެއް ބޭފުޅުން އެއީ ނައިބު ވަޒީރުންކަން ގިނަ މީހުންނަށް އެނގުނީ ސަސްޕެންޑު ކުރީމައެވެ. އެހެންވީމާ، އާންމު ހާލަތެއްގައި އޭގެން ބޭފުޅަކު ސައި ހޮޓަލެއްގައި ނޫނީ ހޮޅުއަށީގައި ވިދާޅުވާ ވާހަކައެއް ބޭރުގެ ނޫސްތަކުގެ ފަލަ ސުރުޚީގައެއް ނޯންނާނެއެވެ. މި ފަހަރު އެ ތިން ބޭފުޅެއްގެ ފޮޓޯ، ހަތަރުދަމު އިންޑިއާ ޓީވީތަކުގައި ދައްކައި ހިސާބަށް ދިޔައީ ފެށުމުގައި ހެދި ބޮޑު އެހެން ގޯހެއްގެ ސަބަބުންނެވެ.

އެއީ، އަމިއްލަ ހިޔާލާއި އަމިއްލަ ކަންކަން ކުރަން ގެންގުޅޭ އެކައުންޓެއް 'ގަވަމަންޓް އެކައުންޓެއް' ގޮތުގައި ވެރިފައިކޮށް، އަޅި ކުލައިގެ ފާހަގައެއް ނުޖެހޭނެއެވެ. އެއީ، އުސޫލެއްގެ ގޮތުން ކުރެވިގެންވާނެ ކަމެއް ނޫނެވެ. އަމުދުން މާ މޮޅު ކަމެއް ނޫނެވެ.

"ގައުމު ހިންގުމުގެ އިސް މަގާމުތަކަށް ގާބިލުނޫން މީހުން ލުމުގެ ނަތީޖާ އަބަދު ވެސް ގޯސްވާނެ،" މާލޭ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމަށް މި މައްސަލަ ސިފަ ކުރެވުނު ގޮތަކީ އެއީއެވެ.

https://sun.mv/187066

ޓުވިޓަރުގައި ބޭނުންކުރާ އަޅި ކުލައިގެ ފާހަގައިގެ މާނައަކީ އެއީ ސަރުކާރުގެ ރަސްމީ ބޭފުޅެއް ކަމެވެ. އޭގެ މާނައަކީ، އެ ޓުވިޓާ ހޭންޑަލުން ކުރާނީ ރަސްމީ ބަސްފުޅުތަކެވެ. ސަރުކާރުގެ ސިޔާސަތުތަކެވެ. ފުރައްސާރައިގެ ބަސްތައް އެހާ ގޯސްވި ސަބަބަކީ އެއީއެވެ.

މޯދީއަކީ އެ ގައުމުގެ ރައްޔިތުން ލޯބިވާ ބޮޑު ވަޒީރެވެ. އެ މަނިކުފާނަށް 'ލަދުހުތުރު' ބަސްތަކުން މައްލަވަކުރި ނައިބު ވަޒީރުން އެ ތިބީ ސަރުކާރަށް ވެސް ދެރަދީފައެވެ. އަމުދުން، އޭގެ ހިތި ލިބޭނީ ދިވެހި ދައުލަތާއި ނިކަމެތި ރައްޔިތުންނަށެވެ.

އިންޑިއާގައި ދުވަހަކު ނުކުރައިހާ ވަރުގަދަ ކެމްޕޭނެއް

އިންޑިއާގެ ޓީވީ ޗެނަލްތަކުގައި އަންނަނީ އެ ތިން ބޭފުޅުންގެ ފޮޓޯތައް ޖަހައިގެން ފޯރި މަރަމުންނެވެ. އެ ގައުމުގެ ނަގައި ކިޔައި ފިލްމު ސްޓާރުންނަށް ދެން ވެސް އާރުލާ މީހެއް ވިއްޔާ، ކޮންމެ ވެސް ސިފައެއްގައި އަންނަނީ އެ ތިން ނައިބު ވަޒީރުންގެ އަމަލުތައް ކުށްވެރިކުރަމުންނެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއި، އެ ގުޅުމުގެ ތާރީޚަށްޓަކައި ވެސް މިއީ ހުތުރު މަންޒަރެކެވެ.

މުޅި އިގުތިސާދު މުޅިން ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އެއް ނަންބަރު މާކެޓަކީ އިންޑިއާއެވެ. ހުސްވި އަހަރު ވެސް އެންމެ ގިނަ މީހުން ޒިޔާރަތްކުރީ އެ ގައުމުންނެވެ. އެއީ، 209،198 ފަތުރުވެރިންނެވެ.

"ލަކްޝަދުވީޕްގެ ރަށްތަކުގެ ފަތުރުވެރިކަމުގެ ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ނޭދެވޭ އަސަރެއް ރާއްޖެއަކަށް ނުކުރާނެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ އަދި މި ދެ ސަރަހައްދަށް ވެސް ފުރުސަތުތައް ފަހިވެގެންދާނެ ކަމެއް،" މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ގަބޫލުކުރެއެވެ.

އެހެންވީމާ ހަގީގަތުގައި އެއީއަކީ ރާއްޖޭގެ ބަޔަކު ލޯބޮޑުވާ ވަރުގެ ކަމެއް ވެސް ނޫނެވެ. އެހެން ގައުމަކުން، އެ ގައުމެއްގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަކީ ފާއިތުވި ތިން އަހަރު ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަނުން ސިހެންޖެހޭ ކަމެއް ނޫނެވެ. ހާއްސަކޮށް، ނައިބު ވަޒީރު ބޭފުޅުންނެވެ.

"އެ ބޭބޭފުޅުންނަކީ މިހާރު އެކްޓިވިސްޓުން ނޫންކަމާއި އެއީ މިހާރު ސަރުކާރާއި ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރަން ތިބި ބޭބޭފުޅުންކަން ހަނދާން ކުރަން ޖެހޭނެ. ސަރުކާރުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އަޚުލާގީ މިންގަނޑު ގެންގުޅެން ޖެހޭނެ،" މިދިޔަ ފަސް އަހަރު ފޮރިން މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

https://sun.mv/187058

އިދިކޮޅުގައި ތިއްބެވީއިރުގައި މޯދީއަށް ކާޓޫނު ކުރައްސައިގެން، ބޮޑުތަކުރުފާނު މަގުގައި ހިންގުވިޔަސް، މިއަދު ވެރިކަމުގެ ކޮއެލުތެރޭ ތިއްބަވައިގެން އެ ޒާތުގެ ކަންކަމެއް ނުކުރެވޭނެއެވެ. މިހާރު އެ ބަސް ބުނަނީ، ޝިއުނާއެއް މަހްޒޫމެއް، މަލްޝާއެއް ނޫނެވެ. އެއީ، ދިވެހި ރައްޔިތުން އިންތިޚާބުކުރި ސަރުކާރުން، އެ ރައްޔިތުންގެ ކަންކަމުގައި ބަސް ބުނެ، ސިޔާސަތުތައް އެކުލަވައިލައި ސަރުކާރު ހިންގަން ތިބި ނައިބު ވަޒީރުންނެވެ. އެއީ ސަރުކާރެވެ. އެއީ ރާއްޖެއެވެ.

"ހަމައެކަނި ދިވެހި އިގުތިސާދާއި ރައްޔިތުންގެ ލާބައެއް ނޫން، މުޅި އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސުލްހައާ މެދު ސުވާލެއް،" ނިމުނު ދައުރުގެ އިގުތިސާދީ ވަޒީރު އަދި މިހާރު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެ މައްސަލައިގައި ނުރުހުން ފާޅު ކުރެއްވިއެވެ.

ސަސްޕެންޝަނުން ނިމޭތަ؟

ދިވެހި ސަރުކާރުގެ ނިޝާނެއް ޖައްސަވައިގެން ތިއްބަވައިގެން، އެ ކުރެއްވީ ޔަގީނުން ވެސް ކޮށްގެންނުވާނެ ކަމެކެވެ. މައްސަލަ ފެންމަތިވުމާ އެކު، ތިން ނައިބު ވަޒީރުން ވެސް އެއްފަހަރައި ސަސްޕެންޑުކޮށްލީ އެހެންވެއެވެ.

އެއް ކަމަކަށް، ތިން ނައިބު ވަޒީރުން އެ ތިއްބެވީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް ތާރީޚު ނުދެކޭ ވަރުގެ ހުތުރެއް އަރުވައިފައެވެ. ދިވެހީން ލަދުގަންނަވައިފައެވެ. އަނެއް ކަމަކަށް، މިއޮތް ޅަފަތުގައި މި ސަރުކާރަށް އެ ވަނީ ކެތްނުވާވަރުގެ ހިތްޗެއް ޖައްސައިފައެވެ.

އެހެންވެ، މި ވަގުތު ހުރިހާ އެންމެންހެން އިއްތިފާގުވާ ހަގީގަތަކީ އެ ތިން ނައިބު ވަޒީރުން މަގާމުން ވަކިކުރަން ޖެހޭ ކަމެވެ. ސަސްޕެންޑުކުރުމަކުން އަދިއަކު ނުނިމެއެވެ. ތިން ނައިބު ވަޒީރުން މަގާމުން ވަކިކުރަން ޖެހެއެވެ.

އަސްލު މައްސަލައަކީ އާޒިމް ވިދާޅުވިހެން ސަރުކާރުގެ މަތިފަޑިއަށް އައްޔަންކުރައްވާ ބޭބޭފުޅުންގެ ގާބިލުކަމެއް ނެތުމެވެ. މަގާމުގެ ފެންވަރު ނެތުމެވެ. އެ ކަމަށް ބޭނުންވާ އަޚުލާގު ނެތުމެވެ. އެ ކަމަށް ބޭނުންވާ ތައުލީމު އެ ބޭބޭފުޅުން ކިބައިގައި ނެތުމެވެ.

comment ކޮމެންޓް