ލަކްޝަދުވީޕްގެ ފަތުރުވެރިކަން ކުރިއެރުވުމުން ރާއްޖެއަށް ލިބޭނީ ފައިދާ: މަޓާޓޯ

މަޓާޓޯގެ މެންބަރުންތަކެއް-- ފޮޓޯ/ މަޓާޓޯ

ލަކްޝަދުވީޕްގެ ރަށްތަކުގެ ފަތުރުވެރިކަމުގެ ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ނޭދެވޭ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށާއި، އެއީ ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ބުނެފިއެވެ.

އިންޑިއާއިން، އެ ގައުމުގެ ލަކްޝަދުވީޕްގެ ފަތުރުވެރިކަން ޕްރޮމޯޓުކުރަން ފެށުމާ އެކު، މީސްމީޑިއާގައި ބައެއް ދިވެހީންނާއި އިންޑިއާ މީހުން އަންނަނީ އަރައިރުންވަމުންނެވެ.

އޭގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ މޯދީއަށް ފުރައްސާރަކޮށް އެކްސްގައި ވާހަކަދައްކަވާފައެވެ.

އެކަން ކުށްވެރިކޮށް ނެރެފައިވާ ބަޔާނުގައި މަޓާޓޯއިން ބުނީ، ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި މުވައްޒަފުންތަކެއް، އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކުރާތީ، އެކަން ކުށްވެރިކޮށް، އެއީ ނުރަނގަޅު ވާހަކަތަކެއް ކަމަށެވެ.

އެ ޖަމިއްޔާއިން ގަބޫލުކުރާ ގޮތުގައި އެކުވެރި ކަމުގެ ގުޅުމާއި، ވިޔަފާރީގެ އަދި ސަގާފީ މުއާމަލާތްތައް ކުރިއަށް ގެންދިއުމާއި، ރާއްޖެއާއި އަވަށްޓެރި ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

"އިންޑިޔާއާ ގުޅޭ ގޮތުން ރާއްޖޭގެ ސޯޝަލް މީޑިއާގައި ދާދި ފަހުން ދެކެވުނު ބައެއް ނުރަނގަޅު ވާހަކަތަކަށް ރިއާޔަތްކޮށް، މަޓާޓޯ އިން ބާރު އަޅަނީ ދެކުނު އޭޝިއާގެ އަވަށްޓެރި ގައުމުތައް ހިމެނޭގޮތަށް ހުރިހާ ގައުމަކާއެކު ވެސް ރަނގަޅު ގުޅުމެއް ގާއިމުކުރުން،" މަޓާޓޯގެ ބަޔާނުގައި ބުނެފައިވެއެވެ.

"ލަކްޝަދުވީޕްގެ ރަށްތަކުގެ ފަތުރުވެރިކަމުގެ ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ނޭދެވޭ އަސަރެއް ރާއްޖެއަކަށް ނުކުރާނެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ އަދި މި ދެ ސަރަހައްދަށް ވެސް ފުރުސަތުތައް ފަހިވެގެންދާނެ ކަމެއް،"

މަޓާޓޯއިން ބުނީ މި ދެ މަންޒިލުގެ މެދުގައި އޮންނަ ގުޅުމުގެ ސަބަބުން ދަތުރުވެރިންގެ މުޅި ޝައުގުވެރިކަން އިތުރުވެ، ސަގާފީ ގޮތުން މުއްސަނދި މި ސަރަހައްދު ދެނެގަތުމަށް އިތުރު ކްރޫޒްލައިނާތައް އައުމަށް ވެސް ހިތްވަރު ލިބިގެންދާނެ ކަމަށެވެ.

އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކާމިޔާބީގައި އިންޑިއާގެ މާކެޓަކީ މުހިންމު ދައުރެއް އަދާކުރާ މާކެޓެެއްކަން މަޓާޓޯއިން ފާހަގަކުރިއެވެ.

"ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށާއި ހެޔޮ ގުޅުންތައް ބަދަހިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއްގެ ހައިސިއްޔަތުން މަޓާޓޯއިން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ ދެކުނު އޭޝިއާ ސަރަހައްދުގައި އިހުތިރާމާއި އެއްބައިވަންތަކަން އޮތް މުސްތަގުބަލަކަށް،"

އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ވެސް އިންޑިއާއިންނެވެ. އެއީ ޖުމްލަ 209،198 ފަތުރުވެރިންނެވެ.

މިކަމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ކުޑައިމީސްކޮށް، މީސްމީޑިއާގައި ވާހަކަތައް ފެތުރި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުންނަށް ފިޔަވަޅު އަޅަން ފަސްނުޖެހޭނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ވަނީ އަރުވާފައެވެ.

comment ކޮމެންޓް