އިންޑިއާއާ މެދު ނަފުރަތު އުފައްދަން ފުރުސަތު ދީގެން ނުވާނެ: ޞާލިހު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރައީސް ސޯލިހާ އެކު --- ފޮޓޯ/ ރައީސް އޮފީސް

އަވަށްޓެރި އިންޑިއާ މެދު ނަފުރަތު އުފެދޭ ގޮތަށް ކުޑައިމީސްވާ ގޮތަށް ބަހުރުވަ ބޭނުންކުރުމުގެ ފުރުސަތު ދީގެންނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ޞާލިހު މިފަދައިން ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރެއްވީ، ބައެއް ދިވެހިން އިންޑިއާއާ ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތަކާ މެދު އިންޑިއާގެ ރައްޔިތުން ވެސް ނުރުހުން ފާޅުކުރަމުން އަންނަ ވަގުތެއްގައެވެ.

އެއާއެކު ޞާލިހުގެ އެކްސް ޕޯސްޓުގައިވަނީ ދިވެހި ސަރުކާރުގެ އޮފިޝަލުން ސޯޝަލް މީޑިއާގައި އިންޑިއާ މެދު ނަފުރަތު އުފެދޭ ފަދަ ގޮތަށް ދައްކައިފައިވާ ވާހަކަތައް ކުށްވެރިކުރައްވައިފައެވެ.

ޞާލިހު ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށާއި، އެ ފަދަ ހަރުކަށި ވާހަކަތަކުގެ ސަބަބުން ދެ ގައުމުގެ ޒަމާންވީ އެކުވެރިކަމަށް ނޭދެވޭ އަސަރެއް ކުރުމުގެ ފުރުސަތު ދީގެން ނުވާނެކަމަށެވެ.

ޞާލިހުގެ މި ޕޯސްޓާއެކު އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން ވެސް ވަނީ އެ ކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

އިންޑިއާއާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްވާގޮތަށް ޑެޕިއުޓީ މިނިސްޓަރުންތަކެއް މީސްމީޑިއާގައި ކޮށްފައިވާ ބައެއް ޕޯސްޓުތަކާ ގުޅިގެން، އެ ބޭފުޅުން މިއަދު ވަނީ ސަސްޕެންޑުކޮށްފައެވެ.

އެ ފަދަ ޕޯސްޓުތަކެއް ކުރީ އިންޑިއާގެ ބޮޑު ވަޒީރު، ނަރެންދުރަ މޯދީ ލަކްޝަދްވީޕުގެ ރަށްތަކުގައި ފަތުރުވެރިކަން ޕްރޮމޯޓްކުރެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވެ ޕޯސްޓުކުރެއްވުމާ އެކުގައެވެ.

އިންޑިއާއާ ގާތް ގުޅުމެއް ޞާލިހުގެ ސަރުކާރުގައި ވަނީ ބާއްވަވައިފައެވެ. އަދި މުހިންމު ގިނަ ކަންކަމުގައި އިންޑިއާގެ ބައިވެރިވުން އެ މަނިކުފާނުވަނީ ޝާމިލުކުރައްވައިފައެވެ.

comment ކޮމެންޓް