ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު ޝިފާއުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް މަޖިލީހުން އެމްއެންޑީއެފްގައި އެދިފިއެވެ.
ސޯޝަލް މީޑިއާގައި ޝިފާއުއަށް މަރުގެ އިންޒާރުދިނުމާ ގުޅިގެން އެ މައްސަލަ ބަލައި ތަހުގީގުކުރުމަށް އެދި ރައްޔިތުން މަޖިލީހުން ވަނީ ފުލުހުންނަށް މިއަދު މައްސަލަ ހުށަހަޅާފައެވެ.
މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝިފާއުއަށް އިންޒާރުދިން މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެ މެންބަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެދި ދިފާއީވުޒާރާގައިވެސް އެދިފައިވާނެ ކަމަށް މަޖިލީހުން ބުންޏެވެ.
ޝިފާއުއަށް އިންޒާރު ދިނުމުން އޭނާ ނިސްބަތްވާ އެމްޑީޕީ ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އެމްޑީޕީން ބުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ގާނޫނީ ގޮތުން ސަލާމަތާ ރައްކާތެރިކަން ފޯރުކޮށްދެން ޖެހޭ ބައެއް ކަމަށެވެ.