ފުލުހުން ހިފެހެއްޓުމުން މަސްތުވާތަކެތި ވިއްކި މީހާ ދައްކައި އަތުގައި ހުރީ ބޭނުންކުރަން ގެންގުޅުނު އެއްޗެހި ކަމަށް ބުނެފި

މީގެ ކުރިން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަނެފައިވާ މަސްތުވާތަކެތި --- ފޮޓޯ: ފުލުހުން

މަސްތުވާތަކެތީގެ މައްސަލައިގައި ހިފެހެއްޓުމުން އޭނާއަށް އެތަކެތި ވިއްކި މީހާ ފުލުހުންނަށް ދައްކައި، އަތުގައި ހުރީ ބޭނުންކުރަން ގެންގުޅުނު ތަކެތި ކަމަށް ބުނި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، މާލެއަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ މުޙައްމަދު އިޤްނާދެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅުމުގެ ތުހުމަތުގައެވެ.

ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ފަރާތުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވުމުންނެވެ. އެހެންކަމުން އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާ ހައްޔަރުކުރިއިރު އޭނާޣެ އަތުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި ވިއްކިމީހާ އޭނާ ފުލުހުންނަނަށް ދެއްކިކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އޭނާގެ އަތުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާ ބޭނުންކުރުމަށް އެ މީހާ އަތުން ހޯދި ތަކެތި ކަމަށް އޭނާ ބުނެފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ 15 ދުވަސް ޖަހާފައިވާއިރު، ބަންދުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 12 ވަނަ ދުވަހަށެވެ.

މަސްތުވާތަކެތީގެ މިފަދަ މައްސަލަތަކަކީ މިހާރު ރާއްޖޭޣައި ވަރަށް އާންމުވެފައިވާ މައްސަލައެކެވެ. ވަކިން ޚާއްސަކޮށް ވެރިކަންކުރާ މަލެ ސަރަހައްދުން މި މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުވެފައިވާއިރު، ފާހަގަކޮށްލެވޭ ގޮތުގައި މިފަދަ މައްސަލަތަކުގައި ގިނައިން ހައްޔަރުކުރަނީ ޒުވާނުންނެވެ.

މަސްތުވތަކެތީގެ މައްސަލައަކީ ރައްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ވަކި ބާވަތެއްގެ މަސްތުވާތަކެތި، ވަކި މިންވަރަކަށްވުރެ އިތުރަށް ރާއްޖެއަށް އެތެރެކޮށްފި ނަމަ މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނު ވަނީ އިސްލާހުކޮށްފައެވެ. އެ އިސްލާހަށް މިދިޔަ މާރިޗް މަހު ވަނީ އަމަލުކުރަން ފަށައިފައެވެ.

comment ކޮމެންޓް