ޑިމޮކްރެޓުންނާ އެކު މަޝްވަރާއެއް ނުކުރަން: އެމްޑީޕީ

ޑިމޮކްރެޓްސް އުފެއްދުމުގައި އުޅުއްވި ބައެއް ބޭބޭފުޅުން އެމްޑީޕީގައި ތިއްބެވީއިރު އެ ޕާޓީގެ ލީޑާޝިޕާ އެކު: ދެ ޕާޓީން މަޝްވަރާތަކެއް ކުރާ ކަމަށް ވަނީ އަޑު ފެތުރިފައި -- ސަން ފޮޓޯ

ދަ ޑިމޮކްރެޓްސްއާ އެކު އެމްޑީޕީން އެއްވެސް މަޝްވަރާއެއް ނުކުރާކަމަށް، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސާއި ނައިބު ރައީސް އަޒުލުކުރަން ފަސޭހަވާގޮތަށް އިސްލާހެއް ހުށަހަޅާފައިވަނިކޮށް ޑިމޮކްރެޓްސްއިން ވަނީ އެމްޑީޕީއާ އެކު ސިޔާސީ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. އެހެންވެ، ރައީސް އަޒުލުކުރުމުގެ އަޑުތައް ފެތުރި ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

ގާނޫނީ ސަރުކާރަށް ލޮޅުން އަރުވައިލުމަކީ ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ރޭ ވަނީ އެ ކަމަށް ފާޑު ވިދާޅުވެފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް މިއަދު "ސަން"އަށް ވިދާޅުވީ، ޑިމޮކްރެޓުންނާ އެކު އެމްޑީޕީން އެއްވެސް މަޝްވަރާއެއް ކުރިއަށް ނުގެންދާ ކަމަށެވެ.

"ނޫން. ޕާޓީން އެއްވެސް މަޝްވަރާއެއް [ޑިމޮކްރެޓުންނާ އެކު] ނުކުރަން،" ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް: އޭނާ ވިދާޅުވީ ޑިމޮކްރެޓުންނާ އެކު އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް -- ސަން ފޮޓޯ

އެކަމަކު، ޑިމޮކްރެޓުންގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމް މިއަދު ވަނީ އެމްޑީޕީއާ އެކު ސިޔާސީ މަޝްވަރާތައް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އެއްވެސް ޕާޓީއަކާ ގުޅުން ކަނޑައިނުލާ ކަމަށާއި އަބަދު ވެސް ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

މަޝްވަރާތައް ކުރިއަށްދާ ކަމަށް ވިދާޅުވި ނަމަވެސް ވަކި ހާއްސަ މަޝްވަރާއެއް ކުރިއަށްނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަބަދު ވެސް މަޝްވަރާކުރަން. ގުޅުމެއް ކަނޑައެއްނުލަން އެއްވެސް ބަޔަކާއެއް،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވެސް ވަނީ އަޒުލުކުރުމާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް ދޮގުކުރައްވައިފައެވެ. އާޒިމް ވިދާޅުވީ، އަޒުލުކުރުމުގެ ވާހަކައަކީ 'ކާކު ކޮންތަނެއްގައި ކޮން އިރަކު ދެއްކި ވާހަކައެއް' ކަމެއް އޭނާއަށް ވެސް ނޭނގޭ ކަމަށެވެ.

https://sun.mv/186178

ކުއްލިއަކަށް ރައީސާއި ނައިބު ރައީސް އަޒުލުކުރުމުގެ އަޑުތަކެއް ފެތުރިފައިވަނީ ހަމައެކަނި އެމްޑީޕީގެ ވޯޓުން ރައީސާއި ނައިބު ރައީސް އަޒުލުކުރެވޭ ގޮތަށް އާޒިމް ކޮމިޓީއަށް ހުށަހެޅުއްވި އިސްލާހެއް ފާސްކުރުމާ ގުޅިގެންނެވެ. އެއަށް ފަހު، ޑިމޮކްރެޓްސްއިން ވަނީ އެމްޑީޕީއާ އެކު ސިޔާސީ މަޝްވަރާތައް ކުރާ ކަމަށް ދޭހަވާ މޭރުމަކުން ވެސް ވާހަކަދައްކައިފައެވެ.

އާޒިމް ހުށަހެޅުއްވި އިސްލާހު

އާޒިމް ވަނީ މަޖިލީހުގެ ގަވާއިދުގެ 202 އަދި 203 ވަނަ މާއްދާއަށް ބޮޑެތި އިސްލާހުތަކެއް ހުށަހަޅުއްވައިފައެވެ. އެއީ،

  • ގަރާރުގެ ނޯޓިސް ދެ ދުވަހުގެ ތެރޭގައި ރައީސާއި ނައިބު ރައީސަށް ދިނުން އަދި 14 ދުވަހުގެ މުއްދަތަކަށް ފަހު އެންމެ ފުރަތަމަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް ގަރާރު ހުށަހެޅުން
  • ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހަޅާ ގަރާރުގެ ބަހުސަށް ގިނަވެގެން ދެވޭނީ ތިން ގަޑިއިރު
  • އެ މައްސަލަ ތަޅުމުން ފާސްވުމުން ފޮނުވަން ޖެހޭ ކޮމިޓީގައި ކުރިން ތިބެން ޖެހޭ ކަމަށް ބަޔާންކުރާ 11 މެންބަރުންގެ އަދަދު ހަތަކަށް މަދުކުރުން
  • އެ ކޮމިޓީގައި ހުރިހާ ސިޔާސީ ޕާޓީއެއް ތަމުސީލުވާން ނުޖެހޭ ގޮތް ހެދުން

މި އިސްލާހުތައް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެކަމަކު، އަދި ތަޅުމަށް އިސްލާހުތައް ހުށަހަޅައިފައެއް ނުވެއެވެ.

ނަމަވެސް މަޖިލީހަށް އިސްލާހު ހުށަހަޅާ ފާސްވެއްޖެ ނަމަ، މެޖޯރިޓީ ޕާޓީ އެމްޑީޕީން އެކަނި ވެސް ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނެއެވެ.

https://sun.mv/186159

މި ވަގުތު މަޖިލީސް ބެހިގެންވާ ގޮތް:

  • އެމްޑީޕީގެ 56 މެންބަރުން
  • ޑިމޮކްރެޓްސްގެ 13 މެންބަރުން
  • ޕީޕީއެމްގެ ދެ މެންބަރުން
  • ޕީއެންސީގެ ދެ މެންބަރުން
  • ޖުމްހޫރީ ޕާޓީގެ ދެ މެންބަރުން
  • އެމްޑީއޭގެ ދެ މެންބަރުން
  • އަމިއްލަ ތިން މެންބަރުން

އެހެންވެ، މި އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްކޮށްފި ނަމަ، ރައީސާއި ނައިބު ރައީސް އަޒުލުކުރަން ފަސޭހަވެގެންދާނެއެވެ.

ރައީސާއި ނައިބު ރައީސް އަޒުލުކުރެވޭނެ ހަތަރު ހާލަތެއް ގާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފައެވެ. އެއީ، އިސްލާމް ދީނާއި ނުވަތަ ގާނޫނު އަސާސީއާ ހިލާފުވުން، މަގާމުގައި ހުރެ ކުރަން އެކަށީގެންނުވާ ކަމެއް ކުރުން އަދި، މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލުވުމެވެ.

comment ކޮމެންޓް