ގާނޫނީ ސަރުކާރަށް ލޮޅުން އަރުވައިލަން ނޫޅޭ ކަމަށާއި އަޒުލުކުރުމުގެ ވާހަކައަކީ ކާކު ކޮންތާކު ދެއްކި ވާހަކައެއް ކަމެއް ނޭނގޭ ކަމަށް ވިދާޅުވެ، ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްދުދެއްވައިފިއެވެ.
ގާނޫނީ ސަރުކާރަށް ލޮޅުން އަރުވައިލުމަކީ ގައުމަށް ގައްދާރުވުން ކަމަށް ވިދާޅުވެ، ރައީސް ރޭ ވަނީ އިދިކޮޅު ފަރާތްތަކަށް މެސެޖެއް ދެއްވައިފައެވެ.
ރައީސާއި ނައިބު ރައީސް ފަސޭހައިން އަޒުލުކުރެވޭ ގޮތަށް އާޒިމް ހުށަހެޅުއްވި އިސްލާހެއް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިދިޔަ ހަފުތާގައި ފާސްކުރުމާ އެކު އަޒުލުކުރުމުގެ ވާހަކަތަކެއް ވަނީ ދެކެވެން ފަށައިފައެވެ. އެއީ، އާޒިމްގެ އިސްލާހާ އެކު ހަމައެކަނި އެމްޑީޕީ މެންބަރުންނަށް ރައީސް އަޒުލުކުރެވޭނެތީއެވެ.
އާޒިމް މިއަދު "ސަން"އަށް ވިދާޅުވީ، އެމްޑީޕީއާ އެކު އަބަދު ވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އަޒުލުކުރުމުގެ ވާހަކަ އެއީ ކާކު، ކޮން ތަނެއްގައި ދެއްކި ވާހަކައެއް ކަމެއް ނޭނގޭ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާއަށް އެހެން [ލޮޅުން އަރުވައިލަން އުޅޭހެން] ހީފުޅުވެދާނެ. ކޮންމެ ކަމެއްގައި ވެސް އިސްކުރާނީ ގައުމު. ކަންކަން ގޯސްކޮށްދާ ކަމަށްވަނީނަމަ ހަމަ މަގަށް، ރަނގަޅުކުރަން ކުރެވެހެން ހުރި ކަންކަން ކުރާނެ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހުރިހާ ޕާޓީތަކާ އެކުގައި ވެސް އަބަދު ވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އެއްވެސް ބަޔަކާ 'ރުޅި ނުހަދައި' ކަމަށެވެ.
"އަބަދު ވެސް ރައްޔިތުންގެ މަޖިލީހަށް އިސްލާހު ހުށަހަޅައި ހުށަހަޅައި ހުންނާނީ. ދެން މި ފަހަރު ނުބައި ފަހަރަކާ މި އިސްލާހާ ދިމާވީ،" އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އިސްލާހާ އަޒުލުކުރުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
"އަޅުގަނޑަކަށް ނޭނގޭ އެއީ ކާކު ދައްކައިގެން އުޅޭ ވާހަކައެއް ކަމެއް. މި ވާހަކަ ފެށީ ކާކުތޯ؟ އެއްވެސް މީހަކު އެހެން ބުނެފިތޯ މިއުޅެނީ މިކަން ކުރާށޭ؟،" އޭނާ ވިދާޅުވިއެވެ.
އާޒިމް ހުށަހެޅުއްވި އިސްލާހު
އާޒިމް ވަނީ މަޖިލީހުގެ ގަވާއިދުގެ 202 އަދި 203 ވަނަ މާއްދާއަށް ބޮޑެތި އިސްލާހުތަކެއް ހުށަހަޅުއްވައިފައެވެ. އެއީ،
-
ގަރާރުގެ ނޯޓިސް ދެ ދުވަހުގެ ތެރޭގައި ރައީސާއި ނައިބު ރައީސަށް ދިނުން އަދި 14 ދުވަހުގެ މުއްދަތަކަށް ފަހު އެންމެ ފުރަތަމަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް ގަރާރު ހުށަހެޅުން
-
ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހަޅާ ގަރާރުގެ ބަހުސަށް ގިނަވެގެން ދެވޭނީ ތިން ގަޑިއިރު
- އެ މައްސަލަ ތަޅުމުން ފާސްވުމުން ފޮނުވަން ޖެހޭ ކޮމިޓީގައި ކުރިން ތިބެން ޖެހޭ ކަމަށް ބަޔާންކުރާ 11 މެންބަރުންގެ އަދަދު ހަތަކަށް މަދުކުރުން
- އެ ކޮމިޓީގައި ހުރިހާ ސިޔާސީ ޕާޓީއެއް ތަމުސީލުވާން ނުޖެހޭ ގޮތް ހެދުން
މި އިސްލާހުތައް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެކަމަކު، އަދި ތަޅުމަށް އިސްލާހުތައް ހުށަހަޅައިފައެއް ނުވެއެވެ.
ނަމަވެސް މަޖިލީހަށް އިސްލާހު ހުށަހަޅާ ފާސްވެއްޖެ ނަމަ، މެޖޯރިޓީ ޕާޓީ އެމްޑީޕީން އެކަނި ވެސް ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނެއެވެ.
މި ވަގުތު މަޖިލީސް ބެހިގެންވާ ގޮތް:
- އެމްޑީޕީގެ 56 މެންބަރުން
- ޑިމޮކްރެޓްސްގެ 13 މެންބަރުން
- ޕީޕީއެމްގެ ދެ މެންބަރުން
- ޕީއެންސީގެ ދެ މެންބަރުން
- ޖުމްހޫރީ ޕާޓީގެ ދެ މެންބަރުން
- އެމްޑީއޭގެ ދެ މެންބަރުން
- އަމިއްލަ ތިން މެންބަރުން
އެހެންވެ، މި އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްކޮށްފި ނަމަ، ރައީސާއި ނައިބު ރައީސް އަޒުލުކުރަން ފަސޭހަވެގެންދާނެއެވެ.
ރައީސާއި ނައިބު ރައީސް އަޒުލުކުރެވޭނެ ހަތަރު ހާލަތެއް ގާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފައެވެ. އެއީ، އިސްލާމް ދީނާއި ނުވަތަ ގާނޫނު އަސާސީއާ ހިލާފުވުން، މަގާމުގައި ހުރެ ކުރަން އެކަށީގެންނުވާ ކަމެއް ކުރުން އަދި، މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލުވުމެވެ.